އީޕީއޭ

ބޯޓު ފަރަށް އެރި މައްސަލައިގެ ތަހުގީގަށް މޫސުމީ ހުރަސްތަކެއް

ކ. ރަސްފަރި ފަރަށް އާގު ބޯޓެއް އުރުނު މައްސަލައިގެ ތަހުގީގަށް މޫސުމީ ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އާގު ބޯޓު ފަރަށް އެރި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން އަވަސް އިން ސުވާލު ކުރުމުން އީޕީއޭގެ ޑިރެކްޓާ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މޫސުން ހުރި ގޮތުން ފަރަށް ލިބުނު ގެއްލުން ބެލުމުގައި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

ނައީމް ވިދާޅުވީ މޫސުމީ ގޮންޖެހުންތަކާއި އެކުގައިވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު ތަހުގީގު ނިމޭނެ ދުވަހެއް ދަންނަވަން ނައީމަށް އެނގިވަޑައިނުގެންނެވި އެވެ.

ފަރަށް އުރުނު ބޯޓު ބޭނުންވަނީ ރާއްޖެއިން ފުރާށެވެ. އެއީ އެއަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމަށެވެ.

ނައީމް ވިދާޅުވީ އެކަމާ ގުޅޭގޮތުން ބޯޓުގެ ވެރިންނާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ. ބޯޑު ދާން ބޭނުންވާނަ 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދައްކަން ޖެހެ އެވެ. މި ފައިސާ ދެއްކުމާއި ގުޅޭގޮތުން ބޯޓުގެ ވެރިން އަދި އެއްޗެކޭ ނުބުނާ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.

އާގު ބޯޓު ފުން ކުރީ މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އެވެ. ބޯޓު ފުންކުރީ 150 އާއި 50 ޓަނުގެ ދެ ޓަގު ބޯޓު ރާއްޖެ ގެނެސް، އެ ބޯޓުތައް ބޭނުންކޮށްގެންނެވެ.

ބޯޓު ފުން ކުރުމަށާއި ބޯޓު ފުންކުރާއިރު އެ ސަރަހައްދުގެ ވެއްޓަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ބޭނުންވާނެ ވަސީލަތްތައް ދުބާއީއާއި މޮރިޝަސް އިން ހޯދައި އެތަކެތި ވެސް ރާއްޖެ ގެނެސްފައިވެ އެވެ. އުޅަނދު ފުންކޮށް، ބޯޓު ބަނދަރު ކޮށްފައިވަނީ ކުޑަ ބަނޑޮސް ކައިރީގަ އެވެ.

ގާތްގަނޑަކަށް 600 ފޫޓުގެ ދިގު އަދި 32،000 މެޓްރިކް ޓަނަށް ވުރެ ބޮޑު ކާގޯ ބޯޓު ފުންކުރިއިރު މިހާތަނަށް ބެލި ބެލުމުން ތިމާވެއްޓަށް ގެއްލުން ވާނެ އެއްވެސް އެއްޗެއް ބޯޓުން ބޭރުވެފައި ނުވާ ކަމަށް އީޕީއޭއިން ބުނެ އެވެ.