ރ. އަލިފުށީގައި އެއާޕޯޓް ހެދުން ހުސް ވައުދަކަށް ނުހައްދަަވައި އެ ވައުދު ފުއްދުމަށް އިދިކޮޅު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސަރުކާރަށް ގޮވާލައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ކާބޯތަކެތީ ބިލުގެ ބަހުސްގައި ސައީދު ވަނީ އަލިފުށީގައި އެއާޕޯޓެއް ހަދަން ސަރުކާރުން ނިންމި ނިންމުމަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ގައުމީ ތަރައްގީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްވެސް އަމާޒެއް ނެތް ކަމަށްވެސް އޭނާ ސިފަކުރެއްވި އެވެ.
ނިމިގެން ދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދު ވިދާޅުވީ ރައީސް ސޯލިހުގެ މަސައްކަތްޕުޅަކީ ކޮންމެވެސް ކެމްޕޭނަކަށް މަތިމައްޗަށް ވައުދުވުން ކަމަށާއި މި ފަސް އަހަރު ވެސް ފެންނަނީ އިންތިހާބަށް ވައުދުވަމުންދާ ތަން ކަމަށެވެ. ނަމަވެސް އެ ވައުދުތައް ފުއްދާ މަންޒަރު ނުފެންނަ ކަމަށެވެ.
"އޭގެ އެއް މިސާލު ރ. އަލިފުށީގައި އެއާޕޯޓެއް އަޅާނެ ވާހަކަ. 2008 ވަނަ އަހަރު ރައީސް މައުމޫންގެ ކެމްޕޭންގައި އެރަށުގައި ފަޅުގައި އޮތް އެއްތިންގިލި ރިސޯޓަކަށް ބަދަލުކުރަން އެވީ ކަހަލަ ވައުދެއް ކަަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ. މިއީ ބަޖެޓުގައި ޖަހާފައި އޮތް ކަމެއް ނޫން. ފައިސާ ހޯދާނެ ގޮތެއް މިއަކު ކިޔައިދީފައެއް ނެތް" ސައީދު ވިދާޅުވި އެވެ.
އަލިފުށި އެއާޕޯޓު މަޝްރޫއު ސައީދު ސިފަކުރެއްވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް ސޯލިހާއި ރައީސް ނަޝީދަށް ތާއީދުކުރައްވަމުން ގެންދަވާ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދަށް ކުރެއްވެވި "ގޯނާ" އެއްގެ ގޮތުގަ އެވެ. އަދި ރައީސް ސޯލިހުގެ ޅިޔަނު އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ)އަށް ކޮށްދެއްވާ ކަމެއްގެ ގޮތުގަ އެވެ. އެ މަޝްރޫ އަކީ ނުވާނެ ކަމެއް ކަމަށް ސިފަވާ ގޮތަށް ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އަލިފުށި ރައްޔިތުންނަށް މިވަރުގެ ބޮޑު ކެއްސެއް ދީގެން ނުވާނެ ކަމަށެވެ.
ހަމަ އެހެންމެ ކޮވިޑާ ގުޅިގެން އިގްތިސާދު ހީނަރުވެފައިވާ ވަގުތެއްގައި ގިނަ އަދަދެއްގެ ސުކޫކު ވިއްކައި ގިނަ ބަޔަކު ވަޒީފާއިން ވަކިކުރަމުންދާއިރު ބަޖެޓުވެސް ކުރުމެއް ނެތި އަލިފުށީގައި ބޮޑު މަޝްރޫއެއް ފަށާތީ ސައީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އަލިފުށީގައި އެއާޕޯޓެއް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު އެ ރަށު ފަޅު ހިއްކައި ރިސޯޓެއް ތަަރައްގީކުރަން ވެސް އަންނަ މަހު ބީލަަމަށް ހުޅުވާލަން ވަނީ ނިންމާފަ އެވެ.