ކާނާ

ކާބޯތަކެތީގެ ބިލުގައި ބޮޑެތި ޖޫރިމަނާތަކެއް ހުރުމުން ފާޑުކިޔައިފި

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅިން އަލަށް ހުށަހެޅި ބިލުގައި ބޮޑެތި ޖޫރިމަނާތަކެއް ހިމަނައިފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން އެވެ.

މި ބިލުގެ ބޭނުމަކީ ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އިމްޕޯޓްކޮށް އަދި އެކްސްޕޯޓް ކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރު ކަނޑައެޅުމުގެ އުސޫލުތައް ބަޔާން ކުރުމެވެ. އަދި ރާއްޖޭގައި ގެންގުޅޭ ކާބޯތަކެއްޗަކީ ސިއްހީ ގޮތުން ބޭނުންކުރަން އެކަށީގެންވާ ރައްކާތެރި ތަކެތި ކަމަށް ހެދުމަށް އަމަލުކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުމަކީ ވެސް ބިލްގެ ބޭނުމެކެވެ.

ބިލުގައި ހިމެނޭ މާއްދާތަކާ ހިލާފުވެއްޖެ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ހިމަނައިފައިވެ އެވެ. އެގޮތުން ކުރި ކުށުގެ ބޮޑުމިނަށް ބަލައި 5،000 ރުފިޔާއާއި 750،000 ރުފިޔާއިން ޖުރިމަނާކުރުމުގެ ބާރު ދިނުމަށް ބިލުގައި ހިމަނައިފައިވެ އެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސްގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެނަމަ ޖޫރިމަނާ އިންޑަސްޓްރީއެއް އުފެދިދާނެ ކަމަށެވެ. އެގޮތުން އެހާ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފި ނަމަ ކުދި ވިޔަފާރިތައް އިނދަޖެހިދާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

ސައީދު ވިދާޅުވީ އެ ބިލު ފަރުމާކޮށްފައިވަނީ އެއްވެސް ދިރާސާއެއް ހަދައިގެން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"މީގެ ޖޫރިމަނާތައް ގުޅެނީ އަޅުގަނޑުމެންގެ ކުދި ވިޔަފާރިތައް ކުރާ މަސައްކަތަކާ ނޫން. އެމީހުންގެ ކޮންޓްރޯލާވެސް އޮންނަ ކަމަކާ ނޫން. މި ޖޫރިމަނާތައް މި ގުޅެނީ ސަޕްލައިކުރާ ބޭރުގެ މުދާ އުފުލާ ބޯޓުތަކާ އަދި މި ވެލިއު ޗެއިންގައި ހިމެނޭ އަޅުގަނޑުމެންގެ ކޯންޓްރޯލް ނެތް އެހެން ކަންތައްތަކަކާ. އެހެން ނަމަވެސް އެ [ކާބޯތަކެތި] ރާއްޖެ ގެެނެސް ހަރުގައި ބަހައްޓައިގެން ވިޔަފާރިކުރާ ފަރާތްތަކަށް ކޮންމެވެސް ކަހަަލަ އުނދަގުލެއް ކުރުމަށްޓަކައި ފިހާރައިގެ ސީލިންއަށް ވުރެ މައްޗަށް ޖޫރިމަނާތައް މިހުރީ" ބިލްގައިވާ ޖޫރިމަނާ ތަކަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވި އެވެ.

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވެސް ވިދާޅުވީ މިބިލް ގާނޫނަކަށް ވުމުން ވަރަށް ގިނަ ގަވައިދުތައް ހަދަން ލާޒިމްކޮށްފައިވާއިރު ހަދާ ގަވައިދުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގެއްލުންވާ މަންޒަރު ބައެއް ފަހަރު ފެންނަމުންދާ ކަމަށެވެ.

"މި ބިލުގައިވެސް އެބަހުރި އެންމެ އެކަށީގެން ނުވާ މިންވަރަަށް ޖޫރިމަަނާތައް ކުރަން ހުށަހެޅިފައި. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ކޮމިޓީ މަރުހަލާގައި މަސައްކަތް ކުރެވެމުންދާއިރުގައި އެހުރި ކަންބޮޑުވުންތަކާއި އެ ޖޫރިމަނާތައްވެސް ރައްޔިތުންނަށް ވިޔަފާރިވެސް ކުރެވޭ ގޮތަށް އަދި ކާބޯތަކެތިވެސް ގެންގުޅެވޭނެ ގޮތަަކަށް ތަންކޮޅެއް ލުއިގޮތަކަށް އެ ގަވައިދުތައް ހެދި ތަރުތީބުވެގެން ދިއުން" ޒަރީރު ވިދާޅުވި އެވެ.

މިއަދުގެ ބަހުސްގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ބިލު ގައި ޖޫރިމަނާތައް ހިމަނައިފައިވާ ގޮތުން އެއީ ބަޔަކު ޖޫރިމަނާ ކުރުމަށް ލައިސެންސް ލިބޭ ގޮތަށް އޮތް މާއްދާތަކެއް ކަމަށް ސިފަވާ ކަމަށެވެ.

"މިސާލަކަށް ވަރަށް ބޮޑު ޝިޕްމަންޓެއް މިގެނައީ. ގެނެސް އެއް ލައްކަ ރުފިޔާ ދީފައި ގާނޫނާ ހިލާފު މުދާތަކެއް އޭނާ ވިއްކީ. އޭނާއަށް ޖޫރިމަނާގައި މި އޮންނަނީ އެއް ލައްކަ ރުފިޔާ. އެހެންވީމާ އެގޮތަށް އޮވެގެން ނުވާނެ ލައިސެންސެެއްގެ ގޮތުގައި. އަދި މިއީ ރައްޔިތުންގެ ސިއްހަތަށް ނުރައްކާވާ ތަކެތި އެތެރެކޮށް އެ ލިބޭ ބަދަލުވެސް މީގެ ތެރޭގައި ހިމެނޭ،" ރަޝީދު ވިދާޅުވި އެވެ.

ބިލު ގާނޫނަކަށް ވެގެން ދިއުމުގެ ކުރިން، ބިލްގައިވާ ޖޫރިމަނާތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ފެށުމަށް ވެސް ރަޝީދު އެދިވަޑައިގެންނެވި އެވެ.