ދުނިޔޭގެ ހާލަތު ރަނގަޅު ކުރެވޭނީ ގައުމުތަކުން ގުޅިގެން އެކީގައި މަސައްކަތް ކޮށްގެން ކަމަށް އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ މިއަދު ބޭއްވި އިންޓަ-ޕާލިމެންޓް ޔޫނިއަން (އައިޕީޔޫ)ގެ "ވޯލްޑް ކޮންފެރެންސް އޮފް ސްޕީކާސް އޮފް ޕާލިމެންޓް"ގެ ފަސްވަނަ ކޮންފެރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
ޝާހިދުގެ ވާހަކަފުޅުގައި ވަނީ އާންމު މަޖިލީހުގެ ރައީސް ކަމާ ހަވާލުވެވަޑައިގެން ކުރައްވަން ބޭނުންވާ ކަންކަމާއި އެކަންކަން ހާސިލް ކުރުމަށް މަސައްކަތް ކުރައްވާނެ ގޮތް ހިއްސާކުރައްވާފަ އެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވި ދުވަސްވަރު އައިޕީޔޫ އާއި އެކު ރަނގަޅު ގުޅުމެއް އުފެދިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ހަރުދަނާ ޑިމޮކްރަސީއެއް ގާއިމުކުރުމުގައިވެސް އައިޕީޔޫއިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށެވެ. ޝާހިދުގެ ރިޔާސަތުގައި އާންމު މަޖިލީހަކީ އުންމީދީ ތަނަކަށް ހައްދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ދައުރުގައި މަސައްކަތް ކުރާނީ މައިގަނޑު ފަސް ކަމަކަށް އަމާޒުކޮށްގެން. އެއީ އުއްމީދީ ފަސް ކަމެއް. އދި އެކަންތައް ކުރެވޭނީ ހުރިހާ ޖަމިއްޔާތަކަކާއި ގައުމުތަކެއް ގުޅިގެން މަސައްކަތް ކޮށްގެން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އިސްކަން ދެެއްވާ ފަސް ކަމަކީ ދުނިޔޭގެ ގައުމުތަކަށް ހަމަހަމަ ކަމާ އެކު ކޮވިޑް ވެކްސިން ފޯރުކޮށްދިނުމާއި، ގައުމުތަކުގެ އިގްތިސޯދަަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެ ދެމެހެއްޓެނިވި ތަރައްގީ އަކަށް މަސައްކަތް ކުރުމާއި، އދގެ އާންމު މަޖލީހުގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކުރުމެވެ. އަދި ތިމާވެށީގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމާއި އިންސާނީ ހައްގުތަކާ ބެހޭ ގޮތުން މަސައްކަތް ކުރުންވެސް ހިމެނެ އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ކަމެއްވެސް ހާސިލް ކުރެވޭނީ ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ގުޅިގެން ކުރާ މަސައްކަތްތަކުންނެވެ. ދުނިޔޭގެ އާބާދީ އަށް ރަނގަޅު މުސްތަގުބަލެއް އެދޭނަމަ ގުޅިގެން މަސައްކަތް ކުރުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.