ސީރިއާގެ އުތުރު ސަރަހައްދަށް އައި ބިންހެލުމަށްފަހު ގެދޮރު ނެތް މީހުންގެ އަދަދު ފަސް މިލިއަނަށް އަރައިފި އެވެ.
އދ.ގެ އޮފިޝަލަކު ވިދާޅުވީ ސީރިއާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރި ސަރަހައްދުތަކުގެ ދާހިލީ ހަނގުރާމައިގައި ގެދޮރު ނެތި އެތައް ބަޔަކު ވަނިކޮށް އެސަރަހައްދަށް އައި ބިންހެލުމާ ވިދިގެން އަނެއްކާ އިތުރު އެތައް ބަޔަކު ގެދޮރު ގެއްލި ސީރިއާ އަށް ރިހޭފައިމައްޗަށް ފޮއެ ވެއްޓިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށްވެސް ވަނީ އިތުރު ހުރަސްތައް ކުރިމަތިވެފަ އެވެ.
"ބިންހެލުމަށްފަހު ގާތްގަނޑަކަށް 5.3 މިލިއަން މީހުން ވަނީ ގެދޮރުނެތި ހާލުގައި ޖެހިފައި. މިއީ ބިޔަ އަދަދެއް. އަދި ވަޒަން ގެއްލި އެތައް ދައްޗެއް ތަހައްމަލުކުރަމުން އަންނަ ބައެއް" އދ. އިން ސީރިއާ އަށް ކަނޑައަޅާފައިވާ ރެފިއުޖީންނާ ބެހޭ ހާއްސަ މަންދޫބު ސިވަންކާ ދަނަޕާލަ ވިދާޅުވެފައިވެ އެވެ.
"މިއީ ކާރިސާއެއްގެ ތެރޭ ކާރިސާއެއް އައުން. އަހަރެމެންނަށް އިގްތިސޯދީ ޝޮކްތައް އައިސްފި، ކޮވިޑް އަދި ގަދަފިނިވައި ކުރިމަތިވެއްޖެ،" ދަނަޕާލަ ވިދާޅުވެފައިވެ އެވެ.
7.8ގެ ބާރުމިނުގައި އައި ބިންހެލުމަށްފަހު މިހާދިސާ އިން ސަލާމަތްވި އެތައް ހާސް ބަޔަކު ވަނީ ސީރިއާގެ އުތުރުގެ ރެފިއުޖީ ކޭމްޕްތަކުން ހިޔާވަހިކަން ހޯދާފަ އެވެ.
ސީރިއާގެ ރެފިއުޖީން އެ ސަރަހައްދުގައި ދަތިހާލުގައި އުޅެމުން އަންނަނީ ސީރިއާގައި ހިނގި 12 އަހަރުގެ ދިގު ދާހިލީ ހަނގުރާމައިގައި ވަޒަން ގެއްލުމުންނެވެ.
ބިންހެލުން ކުރިމަތިވުމުން ރެފިއުޖީ ކޭމްޕް ތަކަށް އައި އެތައްހާސް ބައެއްގެ ގެދޮރު ގެއްލިފައިވާތީ އަދި ގެއްލުންވެފައިވާ އިމާރާތްތަކަށް އަނބުރައި ދާން ބިރުގަންނާތީ ކޭމްޕް ތަކުގައި ދަނީ ހިޔާވަހިކަން ހޯދަމުންނެވެ.
"އދ އިން ދަނީ އަވަހަށް އެހީ ފޯރުކޮށްދެމުން. ނަމަވެސް ވަރަށް ވަރަށް ދަތި. 6.8 މިލިއަން މީހުން އެބަތިބި ވަޒަން ގެއްލިފައި ތިބި ބިންހެލުން އައުމުގެ ކުރިން،" ދަނަޕާލަ ވިދާޅުވި އެވެ.
ސީރިއާ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ބާރު ދަށުގައިވާ ތަންތަނަށް އދގެ 14 ޓްރަކެއްގެ އެހީގެ ސާމާނު ހިފައިގެން މިހާރު ވަނީ ވަދެފަ އެވެ. މީގެ އިތުރުން ހަ ޓްރަކެއް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެހީ ފޯރުކޮށްދީފަ އެވެ.
އދގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތައް މެދުވެރިކޮށް ސަރުކާރާ ދެކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ ސަރަހައްދު ތަކަށް އެހީ ފޯރުކޮށްދޭން ހުއްދަ ދޭނެ ކަމަށް ސީރިއާ ސަރުކާރުން ވަނީ ބުނެފަ އެވެ.
ސީރިއާގެ މައްސަލަ ފެށިފައިވަނީ 2011 ގައެވެ. ސީރިއާ ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން އިދިކޮޅު ފަރާތްތަކުން ފެއްޓުމާއެކު ސަރުކާރުން ވަނީ އެމީހުން އޮބަހެއްޓުމަށް މަސައްކަތްކޮށް އަދި ހަމަނުޖެހުން ބޮޑުވެ ބޭރު ގައުމުތަކުގެ ބާރުތަކާއި ހަނގުރާމަވެރި ޖަމާއަތްތައް މިމައްސަލައިގެ ތެރެއަށް ވަދެފަ އެވެ.
މިހާތަނަށް ބައި މިލިއަން މީހުން މި ދާހިލީ ހަނގުރާމައިގައި ވަނީ މަރުވެފަ އެވެ. އަދި ހަނގުރާމައިގެ ކުރިން ސީރިއާ ގައި އޮތް އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވަނީ ވަޒަން ނެތި ރެފިއުޖީންނަށް ވެފަ އެވެ. އެއިގެ ތެރެއިން ގިނަ ބަޔަކު ވަނީ ތުރުކީއަށް ހިޖުރަ ކޮށްފަ އެވެ.