އިންޑިޔާގެ މަޝްހޫރު ކޮމޭޑިއަން އަދި ޓީވީ ހޯސްޓް، ބާރްތީ ސިންގްގެ ހަށިގަނޑަށް މިހާރު ވަނީ ހީވެސް ނުކުރާ ވަރުގެ ބޮޑު ބަދަލެއް އައިސްފަ އެވެ. ޓީވީން ބާރްތީ ފުރަތަމަ ފެންނަން ފެށިއިރު އޭނާ ހުރީ ވަރަށް ފަލަކޮށެވެ. ނަމަވެސް މަޑުމަޑުން ބަރުދަން ލުއި ކުރަމުން ގޮސް ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ބާރްތީ ވަނީ 15 ކިލޯ ލުއި ކޮށްލާފަ އެވެ. އަދި ބާރްތީ ހަށިގަނޑަށް މިހާރު އައިސްފައިވާ ބަދަލުން އެންމެ އުފާވަނީ ވެސް ހަމަ ބާރްތީ އެވެ.
ޓައިމްސް އޮފް އިންޑިއާ އާ ވާހަކަ ދައްކަމުން ބާރްތީ ބުނި ގޮތުގައި އޭނާގެ ބަރުދަނުގައި ކުރިން 91 ކިލޯ ހުއްޓެވެ. އަދި މިހާރު ހުރީ 76 ކިލޯ އެވެ. ބަރުދަން ލުއި ވުމުން ސިއްހަތަށް ހެޔޮ ބަދަލުތަކެއް އައިސް ކުރިޔަށް ވުރެ މާ ފިޓް ކަމަށް އިހްސާސްވާ ކަމަށް ވެސް ބާރްތީ ބުންޏެވެ.
"ކުރިން އަހަރެން މިއީ ވަރަށް ފަސޭހައިން ނޭވާ ކުރުވާ މީހެއް. މިހާރު އެހެނެއް ނުވޭ. އަދި އަހަރެންނަކީ ހަކުރު ބައްޔާއި ނޭވާއަށް އުނދަގޫ ކުރާ މައްސަލަ ވެސް ހުންނަ މީހެއް. ނަމަވެސް މިހާރު އެ ދެ ބަލިވެސް ކޮންޓްރޯލް ކުރެވިއްޖެ،" ބާރްތީ ބުންޏެވެ.
ބާރްތީ ހިކެން މަސައްކަތްކުރާ ގޮތް ވެސް އޭނާ ހިއްސާ ކުރި އެވެ. ބާރްތި ބުނި ގޮތުގައި އޭނާ ފޮލޯކުރަނީ އިންޓަމިޓެންޓް ފާސްޓިން އެވެ. އެގޮތުން ރޭގަނޑު 7.00 އިން ފެށިގެން އަނެއް ދުވަހުގެ މެންދުރު 12.00 އާ ހަމައަށް އޭނާ ހުންނަނީ އެއްވެސް އެއްޗެއް ނުކަ އެވެ. މީގެ އިތުރުން ގަވާއިދުން ޖިމަށް ގޮސް ކަސްރަތުކޮށް ވެސް ހަދަ އެވެ.
"މަޑުމަޑުން އަހަރެންގެ ހަށިގަނޑު މި ބަދަލު ގަބޫލު ކުރަން ފެށީ. އަހަރެން ރޭގަނޑުގެ ކެއުން 7.00 ގެ ފަހަކުން ނުކަން،" ބާރްތީ ބުންޏެވެ.
ބަރުދަން ލުއި ކުރަން އޭނާއަށް ހިތްވަރު ލިބުމުގެ ހުރިހާ ޝުކުރެއް ބާރްތީ ރައްދު ކުރަނީ ލޮކްޑައުން އަށެވެ. އާއިލާގެ މުހިއްމުކަމާއި އެނޫންވެސް ގިނަ ކަންތައްތަކެއް އޭނާއަށް ވިސްނުނީ މި ދުވަސްވަރު ކަމަށް ބާރްތީ ބުންޏެވެ.
ބާރްތީގެ ނަސޭހަތަކީ ކޮންމެ މީހަކުވެސް އެއީ ފިރިހެނަކަށް ވިޔަސް އަދި އަންހެނަކަށް ވިޔަސް އެ މީހެއްގެ ހަށިގަނޑު ދެކެ ލޯބިވުމެވެ.
"އަމިއްލަ ހަށިގަނޑު ދެކެ އެމީހަކު ނުވާ ލޯތްބެއް އެހެން މީހަކު ނުވާނެ،" ބާރްތީ ބުންޏެވެ.
ސޮނީ ޓީވީގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި މިހާރު ވެސް މަޖާ ރޯލެއް އަދާކުރާ ބާރްތީ ބުނި ގޮތުގައި ދަރިއަކު ލިބޭތޯ މަސައްކަތް ކުރުމަކީ މިހާރު އޭނާ އާއި ފިރިމީހާ އެންމެ ބޮޑަށް ބޭނުންވާ ކަންތަކެވެ. އަދި ބަނޑުބޮޑުވެއްޖެނަމަ އެ ވާހަކަ އެންމެންނާ ޝެއާކުރާ ފުރަތަމަ މީހަކަށް ވާނީ އޭނާ ކަމަށް ވެސް ބާރްތީ ބުންޏެވެ.
ބާރްތީ އިތުރަށް ބުނީ ފޭނުން އޭނާ ދެކެ ވަރަށް ލޯބިވާ ކަމަށާއި އެހެންވެ ފޭނުންނަށް އެއްވެސް ކަމެއް ފޮރުވައިގެން އުޅެން ބޭނުން ނުވާ ކަމަށެވެ.