އިންޑިއާގެ މަޝްހޫރު އަންހެން ކޮމޭޑިއަން ބާރްތީ ސިންގް ހުންނަލެއް ފަލަކަމުން އަބަދުވެސް މީހުން ޖަހާ ޖޯކުތަކުގެ އަމާޒަކަށް އޭނާ ވެއެވެ. ނަމަވެސް އޭނާއަކީ ހެއްވާ މަޖާ ޖޯކު ކިޔުމަށް އެފަދަ ދެވަނައެއް ނެތް އަދި ހާޒިރު ޖަވާބު މަޖާކޮށް ދޭން އެނގޭ މީހަކަށް ވާތީ އޭނާ އާ އަމާޒުވާ ކޮންމެ ޖޯކަކަށް ވެސް ވަރަށް މަޖާ ޖަވާބުތައް ދެ އެވެ. އަދި ޚުދް އަމިއްލައަށް ވެސް އޭނާގެ ބަރުދަނަށް ޖޯކު ޖަހާ އުޅެ އެވެ.
ބާރްތީ އާދަޔާޚިލާފަށް ފަލަކޮށް ގިނަ ދުވަސްތަކަކު ހުރުމަށްފަހު ކުއްލިއަކަށް 15 ވަރަކަށް ކިލޯ ހިއްކާލުމުން ވަރަށް ގިނަ ބަޔަކު ހައިރާންވި އެވެ. އަދި އޭނާ ސަރުބީ ވިރުވަން ކަމެއް ކުރީތޯވެސް މީހުން ސުވާލު އުފެއްދި އެވެ.
ފަހުން ބާރްތީ ވަނީ އޭނާ ހިކެން ކުރި މަސައްކަތްތައް ކިޔައިދީފަ އެވެ. ކަސްރަތު ކުރުމާއެކު ޑައިޓް ބެހެއްޓި ގޮތް ވެސް އޭނާ އޮޅުން ފިލުވައިދިނެވެ.
ބާރްތީގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި އޭނާއަކީ ފެށުނީއްސުރެ ވެސް ސިއްހަތަށް ބަލައިގެން ކައި އުޅުނު މީހެއް ނޫނެވެ. ހިތަށް އެރި އެއްޗެއް ހިތަށް އެރި ވަރަކަށް ކައިގެން އުޅުނު މީހެކެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަން ފެށި ކަމަށް ބާރްތީ ބުންޏެވެ.
ސިއްހަތު ގޯސްވެ ހަކުރުބަލި ވެސް ބޯޑަލައިނަށް އެރުމުން ކެއުން ކޮންޓްރޯލްކޮށް ބަރުދަން ލުއިކުރަން ކޮންމެވެސް މަސައްކަތްތަކެއް ކުރަން ޖެހިއްޖެކަމަށް ބާރްތީ އަށް ވިސްނުނީ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިކަންވީ އޭނާ ހީކުރިހާ ފަސޭހަ ކަމަކަށް ނޫނެވެ. އަބަދުވެސް މީރު ކާއެއްޗެތި ބޭނުން ވަރަކަށް ކާން ދެވި ހިފާފައި ހުރި މީހަކަށް ކުއްލިއަކަށް ކެއުން ކޮންޓްރޯލްކުރަން ވަރަށް ދަތިވާނެ ކަމަށް ބާރްތީ އަށް ގަބޫލުކުރެވުނެވެ.
އޭނާ ބުނި ގޮތުގައި ބަރުދަން ލުއިކުރުމުގެ މަރުހަލާ ފެށުމުގެ ގޮތުން އެންމެ ކުރިން އޭނާ ކުރި ކަމަކީ އިންޓަމިޓަންޓް ފާސްޓިން އެވެ. އެއީ ވަކި އިރެއް ވަންދެން އެއްވެސް އެއްޗެއް ނުކައި ހުރުމެވެ. އެގޮތުން ރޭގަނޑު 7.00ގައި ކެއުމަށްފަހު ދެން އެރޭ ވެސް އަނެއް ދުވަހު ވެސް މެންދުރުފަސް ވަންދެން އޭނާ އެއްވެސް އެއްޗެއް ނުކައެވެ. ދުވާލުގެ ފުރަތަމަ ކެއުން އޭނާ ކަނީ މެންދުރުފަހު އެވެ.
މެންދުރު ފަހުން ފެށިގެން އިރުއޮއްސި 7.00 އާ ދެމެދު އޭނާ ދެ ތިން އިރަށް ބަހާލައިގެން ވަރަށް ގަޑިން ގަޑިއަށް ކައެވެ. ނަމަވެސް ކަނީ ކިރިޔާ ބަނޑު ފުރޭ ވަރަށެވެ. މާ ގިނައިން ކެއުން ވެސް އޭނާ ކޮންޓްރޯލް ކުރި އެވެ.
ބާރްތީ ބުނި ގޮތުގައި އޭނާ ކާ ވަގުތުތަކުގައި ކަނީ އޭނާ އެންމެ ކާހިތްވާ ކާނާ އެވެ. ނަމަވެސް ކާ މިންވަރު މަދުކޮށްލައިގެންނެވެ. އަދި ކިތަންމެ ބިޒީކޮށް އެކި ތަންތަނުގައި ޝޫޓިންގްގައި އުޅުނަސް ކާ ގަޑި ޖެހުމުން އެހެން ހުރިހާ ކަމެއް ހުއްޓާލާފައި އޭނާ ކާ ކަމަށް ބާރްތީ ބުންޏެވެ. އަދި ފާސްޓިންގައި ހުންނަ ވަގުތުގައި މަސައްކަތުގައި އުޅެން ޖެހުނަސް އެއްވެސް އެއްޗެއް ނުކައެވެ.