ޓީވީ ސިލްސިލާތައް ބަލާ މީހުންނަށް ރާމް ކަޕޫރަކީ ވަރަށް މަގްބޫލު އެކްޓަރެކެވެ. އޭނާގެ "ކަސަމް ސޭ" އާއި "ބަޅޭ އައްޗޭ ލަގްތޭ ހޭ" އަދި "ގަރް އޭކް މަންދިރް" އަކީ ވަރަށް ގިނަ ބަޔަކަށް މަގްބޫލު ސިލްސިލާތަކެކެވެ.
މި ސިލްސިލާތަކުން ރާމް ފެންނަނީ ވަރަށް ފަލަވެ ބޮޑު ބަނޑެއް ލާފައި ހުއްޓަ އެވެ. އަދި އޭނާގެ އުމުރަށް ވުރެ މާ ދޮށީ މީހެއްގެ ސިފައިގަ އެވެ. ނަމަވެސް އޭނާގެ އެކްޓިން ހުނަރާއި ސްކްރީނުން ފެންނައިރު އެ ހުންނަ ހިތްހަމަޖެހޭ ޝަހްސިއްޔަތުގެ ސަބަބުން ރާމްގެ މަގްބޫލުކަން ބޮޑުވެފައި ވަނީ އެވެ.
މިހާރު ރާމް ވަނީ އޭނާގެ ހަށިގަނޑުގެ ބަރުދަން ވަރަށް ބޮޑަށް ލުއިކޮށްލާފަ މުޅިން ފިޓް މީހަކަށް ބަދަލުވެފަ އެވެ. ކުރީގައި ހުރި ބޮޑު ބަނޑުވެސް މިހާރު ވަނީ މުޅިން ހިނދިފަ އެވެ. ކުރިން ފެނުނު ރާމް އާއި މިހާރުގެ ރާމް ވަރަށް ތަފާތެވެ.
އޭނާ ފިޓްވާން ކުރި ދަތުރުގެ ވާހަކަތައް އިންޑިޔާގެ ނޫހަކާ ރާމް ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި ހިކެން މަސައްކަތް ފެށިއިރު އޭނާގެ ގައިގައި 130 ކިލޯ ހުއްޓެވެ.
"އަހަރެން ހިތަށް އެރި 25 ނޫނި 30 ވަރަކަށް ކިލޯ ހިއްކާލަންވީއޭ. ހިތާ މަސައްކަތް ފެށީ. ނަމަވެސް މަސައްކަތް ކުރަމުން ހިކެން މަސައްކަތް ނުކުރެވޭނެކަން ފަހުން ވިސްނުނު. އެހެން ހިތަށް އަރާ ހަ މަސް ދުވަހާ އަހަރަކާ ދެމެދުގެ މުއްދަތެއްގެ ބްރޭކެއް ނަގައިގެން ބަރުދަން ލުއިކުރުމުގެ މަސައްކަތް ވަރަށް ސީރިއަސްކޮށް ކޮށްލީ،" ރާމް ބުންޏެވެ.
ރާމް ބުނީ ކަސްރަތުކުރުމުގެ އިތުރުން އޭނާ 8/16ގެ ޑައިޓެއް ވެސް ނަގާ ކަމަށެވެ. އެއީ އަށް ގަޑިއިރު ކައިފަ އަނެއް 16 ގަޑިއިރު އެއްވެސް އެއްޗެއް ނުކައި ހުރެގެން ކުރާ ޑައިޓެކެވެ.
ރާމް ބުނި ގޮތުގައި އެމީހަކު ޚިޔާރުކުރާ ކޮންމެ ގަޑިއަކުވެސް ކައިފަ އަނެއްބައިގައި ނުކައި ހުރެވިދާނެ އެވެ. އޭނާ ކެއީ ހެނދުނު 9.00ން ހަވީރު 5.00 އަށެވެ. ބާކީ ހުރީ ގަޑިއެއްގައި ހުންނަނީ އެއްވެސް އެއްޗެއް ނުކައެވެ.
ރާމްގެ މި ޑައިޓަކީ ވެސް ވަރަށް އެދެވޭ އަސަރުތަކެއް އޭގެން ކުރާ ޑައިޓެއްކަން އޭނާއަށް ބަލާލުމުން ޔަގީން ކުރެވެ އެވެ.
ރާމް ކައިވެނިކުރީ އޭނާގެ ފުރަތަމަ ސިލްސިލާ "ގަރް އޭކް މަންދިރް"ގެ ބަތަލާ ގޯތަމީ ގަޑްގިލް އާއެވެ. އެ ދެ މީހުންނަށް މިހާރު ދެ ދަރިން ވެސް ވަނީ ލިބިފަ އެވެ.