އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ އުފެދުމުގައި ހުރި އައިބެއްގެ ސަބަބުން ވެސް ތަފާތު ނުކުޅެދުންތެރިކަން ހުންނަ މީހުން ވަރަށް ގިނަ އެވެ. އަދި މިފަދަ ގިނަ މީހުންނަށް ހީވެފައި އޮންނަނީ އެމީހުންނަށް ދިރިއުޅުމަށް އެއްވެސް ކަމެއް ނުކުރެވޭނެ ހެންނެވެ. އެ މީހުން އުޅެން ޖެހޭނީ މުޅި އުމުރަށް ވެސް އެހެން މީހުންނަށް ބަރޯސާ ވެގެން ކަމަށެވެ. ނަމަވެސް 14 އަހަރުގެ މި އަންހެންކުއްޖާގެ ވާހަކަ އަކީ މިފަދަ ގޮތަކަށް މާޔޫސްވެފައި ތިބި މީހުންނަށް އުންމީދާއި ޖޯޝު ލިބޭނެ ވާހަކައެއްކަން ޔަގީނެވެ.
އިންޑިޔާގެ ބިހާރުގެ ޕަޓްނާގައި ދިރިއުޅޭ ތަންނޫ ކުމާރު އަކީ އޭނާ ވަރަށް ކުޑައިރު 2014ގައި ދިމާވި އެކްސިޑެންޓެއްގައި ދެ އަތް އުޅަބޮއްޓާ ހަމައިން ބުރިކޮށްލާފައިވާ ކުއްޖެކެވެ. ނަމަވެސް ދެ އަތް ނެތުމަކީ ތަންނޫގެ ކިޔެވުމަށް އޮތް ލޯތްބަށް އޮތް ހުރަހަކަށް ނުވި އެވެ. ފާއިތުވީ ހަތް އަހަރުއްސުރެ ތަންނޫ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ މި ނުކުޅެންދުންތެރިކަމާއެކު ވެސް ރީއްޗަށް ފަރިތަ ކަމާއެކު ލިޔެވޭނެ ގޮތެއް ހޯދުމުގަ އެވެ. އަދި މިހާރު އޭނާ ވަނީ އެކަން ކާމިޔާބުވެސް ކޮށްފަ އެވެ.
ފައިގެ އިނގިލިތަކުން ގަލަމުގައި ހިފަހައްޓައިގެން ފަރިތަކަމާއެކު ރީއްޗަށް ލިޔެލުމަކީ މިހާރު ތަންނޫ އަށް މާ އުނދަގޫ ކަމެއް ނޫނެވެ. އަދި ތަންނޫ އަކީ މިހާރު ގްރޭޑް 10ގައި ކިޔަވާ މޮޅު ކުއްޖެކެވެ.
އޭއެންއައި އާ ވާހަކަ ދައްކަމުން ތަންނޫ ބުނެފައިވަނީ ޓީޗަރަކަށް ވުމުގެ ފޮނި އުންމީދުކުރަމުންދާ ކަމަށެވެ.
"އަހަރެން ގަބޫލެއް ނުކުރަން އަހަރެންގެ ހުރި މި ނުކުޅެދުންތެރިކަމަކީ އެހެން މީހުންނަށް ވުރެ ފަހަތަށް އަހަރެންނަށްދާނެ ސަބަބެއް ކަމަކަށް. އެކްސިޑެންޓަށްފަހު ދެއަތް ހަށިގަނޑާ ވަކިވުމުން އަހަރެން މަޑުމަޑުން މަސައްކަތް ކުރަމުން އައިސް ފައިގެ އިނގިލިތަކުން ލިޔަން ދަސްކޮށްފިން. ކިޔެވުމުގެ އިތުރުން އަހަރެން ކުޅިވަރުތައް ކުޅެ ވަރަށް ރީއްޗަށް ކުރަހާ ވެސް ހަދަން،" ތަންނޫ ބުންޏެވެ.
ތަންނޫގެ މަންމަ ސުހާ ދޭވީ ވެސް ޔަގީންކުރާ ގޮތުގައި އޭނާ ފަޚުރުވެރިވާ ފަދަ ކުއްޖަކަށް އޭނާގެ ދަރިފުޅުވާނެ އެވެ.
"އެއީ 2014 ވަނަ އަހަރު. ތަންނޫ ހުރީ ޓެރަސް މަތީ ކުޅެން. ކުޅެން އުޅުމުގެ ތެރޭގައި މަތީގައި ދަމާފައި އޮތް ކަރަންޓު ވައިރެއްގައި އޭނާއަތް އަތްލެވުނީ. އެ ވައިރަށް ހުރީ ކަރަންޓު ދީފަ ކަމުން ތަންނޫ ކަރަންޓުގައި ޖެހި ދެއަތަށް ލިބުނު ގެއްލުމުގެ ބޮޑުކަމުން ދެ އަތް ބުރިކޮށްލަން ޖެހުނީ. އެކަން ދިމާވިތާ ކުރީކޮޅު އަހަރެމެންނަށް ވަރަށް ގިނަ އުނދަގޫތައް ތަހައްމަލުކުރަން ޖެހުނު. އެހެން ނަމަވެސް ތަންނޫގެ ހިތްވަރާއި އުންމީދާއި އަޒުމުން ހުރިހާ ކަމެއް މިހާރު ވަނީ ބަދަލުވެފައި. ކިޔެވުމުގެ އިތުރުން ގޭގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ތަންނޫ ފައިން ކޮށްލާތީ އަހަރެން ވަރަށް އުފާވޭ،" ތަންނޫގެ މަންމަ ބުންޏެވެ.
މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭއްވި ކުރެހުމުގެ މުބާރާތަކުން ވެސް ތަންނޫއަށް އެވޯޑުތައް ލިބިފައިވާކަމަށް އޭނާގެ މަންމަ ބުންޏެވެ.
"އެންމެ ދުވަހަކު ސްކޫލަށް ނުގޮސް ގޭގައި ހުންނާށޭ އަހަރެން ބުންޏަސް ތަންނޫ އާދޭސް ކުރާނެ ސްކޫލަށް ދާން. އޭނާއަކީ ކިޔެވުމުގެ ރޮނގުން ވެސް ކާމިޔާބު ދަރިވަރެއް،" ތަންނޫގެ މަންމަ ބުންޏެވެ.
ތަންނޫގެ މައިންބަފައިންނާއި އޭނާގެ ޓީޗަރުން އަދި ކްލާސް ކުދިން ވެސް ތަންނޫގެ ހިތްވަރަށް ތައުރީފުކުރި އެވެ.