ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ކުޑަކުދިން ރަނގަޅަށް ނުބެލެހެއްޓޭތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ. އޭނާ ވިދާޅުވީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މީގެ ކުރިން އަލިފާނުގެ ހާދިސާތައް ހިނގާފައިވާއިރު އެތަނުގައި ކުޑަކުދިން ރަނގަޅަށް ނުބެލެހެއްޓި، ފިލައިގެންދާ ކަމުގެ ޝަކުވާތައް ވެސް ލިބެމުންދާ ކަމަަށެވެ.
އަދި ހުޅުމާލޭގައި ކުޑަކުދިން ބަލަަހައްޓަން ހަދާފައި ހުންނަ ފިޔަވަތީގައީ ރޭ ދަންވަރު ކުޑަކުދިންތަކެއް ރޯ އަޑުއިވިގެން ރައްޔިތުން އެ ހިސާބަށް އެއްވި ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށާއި އެހެންވެ ކުޑަކުދިންނާ ގުޅޭ އެ މައްސަލަތަކުގެ ތެދު ދޮގު ބަލައި ދިނުމަށެވެ. އެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ޒަރީރު އެދިވަޑައިގަތެވެ.
މިއަދުގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެ މައްސަލަ ބަލަން މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ފިލާ މައްސަލަ މަޖިލީހުގެ ސަމާލު ކަމަށް ގެނައިއިރު ހުޅުމާލޭ ފިޔަވަތިން ވެސް ހަ ކުއްޖަކު މި ހަފުތާތެރޭގައި ފިލި އެވެ. ނަމަވެސް ފަހުން އެ ކުދިން ވަނީ ހޯދައިފަ އެވެ.
ދައުލަތަށް ނަގާފައިވާ ކުދިން ބައިތިއްބާ ހިޔާ އާއި ފިޔަވަތި ފަދަ ތަންތަނުގައި އިހުމާލުގެ ސަބަބުން ބޮޑެތި ހާދިސާތައް ހިނގަ އެވެ. އަދި އެފަދަ ގިނަ ހާދިސާތައް ސަރުކާރުން ސިއްރު ކޮށްގެން ގެންގުޅޭ ކަމުގެ ޝަކުވާ އޮވެ އެވެ.