ފޮރިން މިނިސްޓްރީ

އޮސްޓްރިއާގެ ވެރިންނާ ޝާހިދު ބައްދަލު ކުރައްވައިފި

އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި އޮތް ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ ފަސް ވަނަ ބައްދަލުވުމުގައި ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޮސްޓްރިއާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.

އެގޮތުން އޮސްޓްރިއާގެ ޗާންސެލާ ސެބާސްޓިއަން ކާޒް އާއި ބައްދަލުކުރައްވައި، އދ ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތުގައި މިނިސްޓަރު ޝާހިދު އިސްކަން ދެއްވާނެ ދާއިރާތަކާ ބެހޭ މައުލޫމާތު އެމަނިކުފާނަށް އެރުވިއެވެ. އަދި އޮސްޓްރިއާއިން ސްޕީކާސް ސަމިޓާއި، ވިމެން ސްޕީކާސް ސަމިޓް ވަރަށް ފުރިހަމައަށް އިންތިޒާމްކުރެއްވީތީ އެކަމަށް މަރުހަބާ ދެންނެވި އެވެ.

އޮސްޓްރިއާގެ ފޮރިން މިނިސްޓަރު އެލެގްޒެންޑާ ޝެލެންބާގްއާއި ވެސް އިއްޔެ މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމަށްފަހު، އޮސްޓްރިއާއަކީ މަލްޓިލޭޓަރަލިޒަމްއަށް ޒަމާނުއްސުރެ ތާއީދުކުރާ ގައުމެއްކަން ފާހަގަކުރައްވައި، އެގައުމުގެ ފުރިހަމަ އެއްބާރުލުން އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު އޮސްޓްރިއާގެ ދިފާއީ ވުޒާރާއަށް ވެސް ޒިޔާރަތްކުރެއްވި އެވެ. އަދި އެ ގައުމުގެ ދިފާއީ ވަޒީރު ކްލައުޑިއާ ޓެނާއާއި ބައްދަލުކުރެއްވި އެވެ. މި ޒިޔާރަތުގައި އޮސްޓްރިއާ ޑިފެންސް މިނިސްޓްރީއިން ބައިނަލްއަގްވާމީ ސުލްހަ ދެމެހެއްޓުމަށް ސުލްހަ ބަލަހައްޓާ ފައުޖުތަކަށް ދޭ އެއްބާރުލުން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި އެވެ.

ވިއެނާއަށް ކުރައްވާ ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު ވަނީ ވިއެނާގައި ހުންނަ އދ ގެ މަރުކަޒުގެ އިސްވެރިންނާއި، އަދި ވިއެނާގައި މައި އޮފީސް ގާއިމްކޮށްފައިވާ އދ ގެ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ.