ބޯހިޔާވަހިކަން

ގޯތި ނުދޭތީ ހުށަހެޅި މައްސަލަ ބަލައިގެންފި

ދިރި ނޫޅެވޭ ކުދި ބިންކޮޅުތަކާއި ކުދި ކުދި ފްލެޓްތަކުގައި ދިރި އުޅޭ ފަރާތްތަކަށް އެ މީހުން އިހުތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ދޭނެ ކަމަަށް މި ސަރުކާރުން ވައުދުވެފައި އޮތް ނަމަވެސް އެ ވައުދު ނުފުއްދާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހެޅުއްވި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ނެތި ވޯޓުގައި ފެންނަ ކަމަށް 11 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ނުފެންނަކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

ގޯތި ގެދޮރުގެ މައްސަލަައާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް އެމްޑީޕީއާއި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނައިފައިވާ ގޮތަށް ވައުދު ނުފުއްދާތީ ބޮންޑޭ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި މާލޭގެ އާބާދީ ތޮއްޖެހުމުގެ މައްސަލަތަކަށް ހައްލެއް ހޯދާދޭނެ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެފައިވާ ގޮތަށް އެ ވައުދު ފުއްދުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

"އެ ވައުދުތަކަކީ ރައީސް އޮފީހުގެ ވެބްސައިޓުން ވެސް އެއްމެހާ ރައްޔިތުންނަށް ފެންނަ ގޮތަށް އާންމު ކޮށްފައިވާ ވައުދުތަކެއް" ބޮންޑޭ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވެއެވެ.