ބޮންޑެ އިބްރާހިމް ރަޝީދު

"ގޯތި ނުދީ މި ސަރުކާރަކަށް ދެން ނާދެވޭނެ"

ދިރި ނޫޅެވޭ ކުދި ބިންކޮޅުތަކާއި ކުދި ކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެ މީހުން އިހުތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ދޭން މި ސަރުކާރުން ވި ވައުދު ނުފުއްދައި ދެން މި ސަރުކާރަށް އަލުން ވެރިކަމަށް ނާދެވޭނެ ކަމަށް މާފަންނު މެދުދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވި އެވެ.

ގޯތި ދިނުމުގެ ވައުދު ނުފުއްދާތީ އެ މައްސަލަ މަޖިލީހަށް ރަޝީދު ހުށަހަޅުއްވައި އޭގެ ބަހުސް މިއަދު ވަނީ ފަށައިފަ އެވެ. އަދި އެ ވައުދު ނުފުއްދާ މި ސަރުކާރަށް އަލުން ވެރިކަން ނުލިބޭނެ ކަމަށް އޭނާ ވިދާޅުވީ މިއަދުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

އޭނާ ވިދާޅުވީ ބޯ ހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަަމަށާއި އަދި މާލޭއަކީ އިޖުތިމާއީ މައްސަލަތަކުގެ ހާއްޔަކަށް ވެގެން ގޮސްފައިވާ ކަމަށެވެ. ހާއްސަކޮށް ގޮނޑުހޮވައިގެން ބައެއް މީހުން ކެއުމާއި ޑްރަގުގެ ވަބާ އާއި ވަރި އާއި ކުށުގެ މައްސަލަ އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

"ޕެންޝަން ފަންޑުގައި 13 ބިލިއަނަށްވުރެ ގިނަ ފައިސާ އެބަހުރި. އެ ރައްޔިތުންގެ ޑައުންޕޭމަންޓަށް މާލޭގައި ތިއްބެވި ބޭބޭފުޅުން ވެސް ސަރުކާރުން ފައިސާ ބޭނުންވެއްޖިއްޔާ އެ ދޭ ގޯއްޗަށް ވެސް ޑައުންޕޭމަންޓް ދައްކާލެވޭ ވަރަށް ފައިސާ އެބަހުރި. އެއް ފަހަރާ ހަތް ބިލިއަން ދެވޭވަރަށް ވެސް ފައިސާ އެބަހުރި،" ބޮންޑޭ ވިދާޅުވި އެވެ.

އެހެންކަމުން ޕެންޝަން ފެންޑުގެ ފައިސާ އާއި ކުދި ތަންތަނުގައި ދިރިއުޅޭ މީހުންގެ ބިންތައް ނެގުމަށް އެ މީހުންނަށް އެހެން ބިންތައް ދޭން އޭނާ ގޮވާލެއްވި އެވެ. އިތުރަށް ވިދާޅުވީ ހުޅުމާލޭގެ 7000 ފްލެޓަކީ ދާއިމީ ހައްލެއް ނޫން ކަަމަށާއި އޭގެ ބަދަލުގައި މާލެއާ ކައިރި ހިސާބަކުން ބިންތައް ދޭން ޖެހޭ ކަމަށެވެ.

".ދާއިމީި ހިޔަލެއްގެ ގޮތުގައި ފުށި ދިއްގަރު ވެސް މިތާ ކައިރީގައި އޮތް ހުޅުމާލެ ފޭސް އެކެއް ދޭއް އަދި އޭގެ އިތުރުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ހިމެނޭހާ ނުވަ ކިލޯ މީޓަރުގެ ބޮޑު ބިމެއް ވެސް މިތާ ކައިރީގައި ވެސް އެބައޮތް."