ރާއްޖޭގައި ކޮވިޑްގެ ހާލަތު މެނޭޖް ކުރާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މެމްބަރުން މަސްލަހަތު ހިމެނޭ ކްލިނިކްތަކުން ކޮވިޑަށް ޓެސްޓު ކުރުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގަމުންދާ ކަަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ތުހުމަތު ކުރައްވައިފި އެވެ.
އަފީފް އެފަދަ ތުހުމަތުތަކެއް ކުރެއްވީ ނޮޅިވަރަމާއި ނޮޅިވަރަމްގެ ހާލަތު ގޯސްވެފައި ވާތީ ނޮޅިވަރަމް ދާާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.
އަފީފް ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ އެކަން ބަލަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކޮވިޑް ހުރިތޯ ބަލަން މިހާރު ހަދާ ޕީސީއާރު ޓެސްޓުގެ ބަދަލުގައި ރެޕިޑް ޓެސްޓު ހެދުމަށް ފަހު އެއީ ޕީސީއާރު ޓެސްޓް ކަމަށް ބުނެ ނަތީޖާ ދޫކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"[އެ ނަތީޖާތައް] އެޗްއޯސީގެ ޓެގް ޓީމްގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުން ނިސްބަތްވާ ކްލިނިކްތަކުން ދޫކުރަމުންދާ ކަމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާކަމެއް. މިފަދަ ކަންކަން ކުރާ ކަމަށްވަންޏާ އަޅުގަނޑުމެންގެ ރާއްޖޭގައި މި ކޮންޓްރޯލް ކުރަން ކުރެވޭ މަސައްކަތް ދާނީ ބޭކާރު ގޮތެއްގައި. އެ ކަންތައްތައް ކޮންޓްރޯލްކޮށް ރަނގަޅު ސިސްޓަމަކަށް ގެންދަން ތިއްބަވާ ޑޮކްޓަރުން މަކަރު ހަދާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ކިހިނެއްތޯ މިކަންތައްތައް ހުއްޓުމަކަށް ގެނެވޭނީ" އަފީފް ވިދާޅުވި އެވެ.
އަފީފް ވިދާޅުވީ މިފަދަ ވާހަކަތައް އާންމުންގެ ތެރޭގައި ދެކެވެނީ ކޮންމެ ވެސް ކަމެއް ހިނގާތީ ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މެޑިކަލް ސާމާނު ސަޕްލައިކުރުމުގެ ވިޔަފާރިއެއްގައި މަސްލަހަތު އޮންނަ އަފީފް ޓެގް ޓީމަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި އިރު މީގެ ކުރިން ވެސް ޓެގް ޓީމާ ގުޅޭ ގޮތުން ކޮރަޕްޝަންގެ ތުހުމަތުތަކެއް ފެންމަތިވެފައި ވެއެވެ.