ވިޔަފާރި

ލެޓްސް އިންވެސްޓްމަންޓާއި ހަލާލް އެންޖަލް ނެޓްވޯކް ގުޅިއްޖެ

Sep 8, 2021

ދުނިޔޭގެ ހަލާލް ކޮންސިއުމާ މާކެޓަށް ފަސް ޓްރިއަލް ޑޮލަރު ނެރެދިން އެމެރިކާގެ ހަލާލް އެންޖަލް ނެޓްވޯކް އާއި ރާއްޖޭގެ ލެޓްސް އިންވެސްޓްމަންޓް މޯލްޑިވްސް ގުޅިއްޖެ އެވެ.

ރާއްޖޭގެ ދުވަސްވީ ޓޫރިޒަމް ކުންފުންޏެއް ކަމަށްވާ ލެޓްސްގޯ އަށް ނިސްބަތްވާ ލެޓްސް އިންވެސްޓްމަންޓުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނިން ހަލާލް އެންޖަލް ނެޓްވޯކްއާ ގުޅިގެން "ހަލާލް އެންޑް ސްޓާޓްއަޕް އެކޯސިސްޓަމް" އެއް އުފައްދަން ގަސްތު ކުރާ ކަމަށާ މި ގުޅުމާއެކު އެކި ދާއިރާ ތަކުން ރާއްޖެ އަށް ފަންޑު ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.

އެމެރިކާގެ ހަލާލް އެންޖަލް ނެޓްވޯކްއާ ގުޅިގެން ލެޓްސް އިންވެސްޓްމަންޓުން "ހަލާލް ފިންޓެކް" އާއި "ހަލާލް ފުޑްޓެކް" އަދި "ހަލާލް ޓޫރިޒަމް" ގެ އިތުރުން "އެތިކަލް ފައިނޭންސް" ގެ އިތުރުން "ފިއުޗާ ޓެކް" ކުރިއެރުވުމެވެ.

ލެޓްސް އިންވެސްޓްމަންޓުގެ ވެރިޔާ، މުހައްމަދު ރިޔާޒު ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ރާއްޖެ ދުނިޔޭގެ ބާޒާރަށް ހަލާލް އިގްތިސޯދެއްގެ ގޮތުގައި ތައާރަފުވާނެ ކަމަށެވެ.

"މި ގުޅުން މި ގާއިމް ކުރީ ބައިނަލްއަގުވާމީ ވިއުގަތަކާ ގުޅިގެން،" ރިޔާޒު ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ މި ގުޅުމާއެކު ހަލާލް އިގްތިސޯދެއް އުފެއްދުމުގައި ފުރަތަމަ ފިޔަވަޅު އެޅިފައިވާ ކަމަށެވެ.