ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތައް ދެ ހަފުތާއެއްގެ ތެރޭގައި ދިއްލާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދު އަނދިރިކޮށް އޮތުމުން ބައެއް މީހުންގެ ޝަކުވާ އެ ކުންފުންޏަށް ލިބޭ ކަމަށެވެ. އަދި ވިދާޅުވީ އެ ސަރަހައްދަށް ކަރަންޓް ކޭބަލް އަޅައި އަދި ބޮޑު ބައެއްގައި ލައިޓް ވެސް ހަރުކޮށްފައިވާތީ ފްލެޓްތައް ހުރި ސަރަހައްދުގެ މަގު ބައްތިތައް ގިނަ ވެގެން ދެ ހަފުތާއެއްގެ ތެރޭ ދިއްލޭނެ ކަމަށް ބެލެެވޭ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު އެ މަސައްކަތް ބާރަށް ކުރިއަށް އެބަގަންދަން. މިދެންނެވި މުއްދަތުގެ ތެރޭގައި އެކަމުގައި ފަސޭހަތަކެއް ލިބޭނެ، އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ ޖުލައި މަހުން ފެށިގެން އެކި ދުވަސް މަތިން އެކި ފްލެޓްތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ވެސް ސްޓެލްކޯއިން ވަނީ ކޮށްފަ އެވެ.
ހިޔާ ފްލެޓް ލިބުނު މީހުން ގެންދަނީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް 24 ގަޑިއިރު މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރޭގަނޑު ފްލެޓްތައް ހިމެނޭ ސަރަހައްދު އަނދިރިކޮށް އޮންނާތީ ބައެއް ކަހަލަ ދަތިތައް ކުރިމަތިވާ ކަމަށް އަވަސްއާ ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވެ އެވެ.