ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ޓަވަރުތަކުގެ ތެރެއިން އެޗް 15 ޓަވަރުގެ ލިފްޓްގައި ހުރި ލެޔަކީ ސިޒޭރިއަން ހަދައިގެން ފްލެޓަށް ދިޔަ މީހެއްގެ ގައިން ފޭބި ލޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ އެ ޓަވަރުގައި މުދާ އުފުލާ ލިފްޓްގައި ގިނަ އަދަދަކަށް ލޭ ހޭކިފައި ހުރުމުން އެ ވާހަކަތައް ރޭ ސޯޝަލް މީޑިއާގައި އެކި ގޮތަށް ދެކެވެމުން ދަނިކޮށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ލިފްޓްގައި ހުރި ލެޔަކީ ސިޒޭރިއަން ހެދުމަށްފަހު ފްލެޓަށް ދިޔަ އަންހެނެއްގެ ހަށިގަނޑުން ބޭރުވި ލޭ ކަމަށް އެނގިފައިވާ ކަމަށެވެ.
މައްސަލައިގެ ގޮތުން ފުލުހުން އިތުރަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.
ނިމުނު ހަފްތާ މާލެއާއި ހުޅުމާލޭގައި ހިންގި ސިލްސިލާ ގުރޫޕް މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ ހިޔާ ފްލެޓްތަކުގެ ބައެއް އެޕާޓްމަންޓްތަކަށް ވަދެ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.
ހިޔާ ފްލެޓެއްގެ ލިފްޓް ތެރޭގައި ލޭ ހޭކިފައި ހުރުމުން އެކަމަކީ ވެސް މާރާމާރީއާ ގުޅުންހުރި ކަމެއް ކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.