އުމްރާ ދަތުރު

ދުވާލަކު 70،000 މީހުންނަށް އުމްރާގެ އަޅުކަމަށް ފުރުސަތު ދޭން ފަށައިފި

ކޮވިޑްގެ ބަލާއާފާތާއެކު ރައްކާތެރި ކަމަށްޓަކައި އެޅި ފިޔަވަޅުތަކަށް ފަހު ދުވާލަކު 70،000 މީހުންނަށް އުމްރާގެ އަޅުކަމަށް ފުރުސަތު ދޭން ފަށައިފި އެވެ.

ސައުދީ ސަރުކާރުގެ ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން ބުނީ މިއަދު ފެށުނު ސަފަރު މަހާއެކު ކޮންމެ ދުވަހަކު 70،000 މީހުންނަށް އުމްރާވުމަށް ފުރުސަތު ދޭނެ ކަމަށެވެ. މި ނިންމުން މި ގޮތަށް އޮތަސް ރައްކާތެރިކަމަށްޓަކައި އަދިވެސް ހަރަމްފުޅުގައި ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ކޮވިޑްގެ ސަބަބުން އުމްރާގެ އަޅުކަން އެތައް މަހެއް ވަންދެން މެދުކަނޑާލާފައި އޮތެވެ. ހަތް މަހަށް ފަހު އުމްރާގެ އަޅުކަމަށް ފުރުސަތު ދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ފުރަތަމަ ފުރުސަތު ދިނީ ދުވާލަކު 6000 މީހުނަށް ވުރެ ގިނަ ނުވާނެ ގޮތަށެވެ. އަދި އުމްރާގައި ހިމެނޭ ކަންކަން ފުރިހަމަ ކުރަން ދިނީ ތިން ގަޑިއިރެވެ. ކޮންމެ ދުވަހަކު ފުރުސަތު ލިބޭ 6،000 މީހުން 12 ގުރޫޕަކަށް ބަހާލައެވެ.

އޭގެ ފަހުން އެ އަދަދު 15،000 އަށް ބަދަލުކުރިއެވެ. އަދި ފަހުން 20،000 އަދި 60،000 އިތުރުކޮށްފައިވެއެވެ.