ދުނިޔެ

ގައުމުތަކުގެ އުމްރާ ގޫރޫޕްތަކަށް ފުރުސަތު ހުޅުވާލައިފި

ގައުމުތަކުން ދާ މީހުނަށް އުމްރާއަށް ހުޅުވާލަން ސައުދީން ނިންމައިފި އެވެ. މިއީ މީ ކޮވިޑް ފިޔަވަޅުތަކާއެކު ހަތް މަހަށް ފަހު އަލުން އުމްރާއަށް މި މަހުގެ ހަތަރުވަނަ ދުވަހު ހުޅުވާލި ފަހުން ދުނިޔޭގެ ގައުމުތަކުން ދާ މީހުންނަށް ހުޅުވާލާ ފުރަތަމަ ފަހަރެވެ.

ސައުދީ ހައްޖު މިނިސްޓްރީއާ ހަވާލާދީ މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ގޮތަށް ގައުމުތަކަށް ހުޅުވާލި ނަމަވެސް އުމްރާއަށް ސައުދީއަށް ދެވޭނީ 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުނަށެވެ. އަދި އުމްރާއަށްދާ މީހުން ތިން ދުވަހަށް ކަރަންޓީނު ވާން ޖެހޭ އިރު ކޮވިޑް ނެތްކަން އަންގައިދޭ 72 ގަޑި އިރު ނުވާ ޕީސީއާރު ޓެސްޓް ސެޓިފިކެޓެއް ގެންދަން ޖެހެ އެވެ.

އުމްރާއަށް ދާ މީހުން ހަރަމްފުޅާއި މަދީނާގެ ނަބަވީ މިސްކިތައް ވަނުމަށް ރިޒަވޭޝަނެއް ހަދަން ޖެހެ އެވެ. އުމްރާއަށް ދާ މީހުންގެ ދަތުރު އޮންނަ ގޮތުގެ ޕްރޮގްރާމް އައިޓްނަރީއެއް ލިޔުމުން ހުށައަޅަންޖެހެ އެވެ.

ގައުމުތަކަށް ހުޅުވާލި ނަމަވެސް ގްރޫޕް އުމްުރާއަށް ނޫނީ ނުދެވެ އެވެ. ގްރޫޕެއްގައި އެންމެ ގިނަ އަދަދަކަށް ގެންދެވޭނީ 50 މީހުނެވެ.