އުމްރާ ދަތުރު

އަލުން ހުޅުވާލި ފަހުން މިލިއަނެއްހާ އަންހެނުން އުމްރާ ވެއްޖެ

ކޮވިޑްގެ ބަލާއާފާތާއެކު ރައްކާތެރި ކަމަށްޓަކައި ލޮކްޑައުން ގެންނަން ޖެހުމުގެ ސަބަބުން ސަބަބުން އުމްރާ ކުރުމުގެ ފުރުސަތު ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތުމަށްފަހު އުމްރާގެ އަޅުކަމަށް ފުރުސަތު ދޭން ފެށި ފަހުން އެއް މިލިއަން އަންހެން އުމްރާގެ އަަޅުކަން އަދާކޮށްފައިވާ ކަމަށް ސައުދީގެ ކަމާގުޅޭ އިދާރާ އިން ބުނެފި އެވެ.

މާޗް މަހު އުމްރާގެ އަަޅުކަން މެދުކަނޑާލުމަށްފަހު އަލުން އުމްރާ ވުމަށް ހަރަމްފުޅު ހުޅުވާލީ ހަތް މަސްފަހުން އޮކްޓޫބަރު މަހުގެ ހަތަަރު ވަނަ ދުވަހު އެވެ. ފުރަތަމަ ފުރުސަތު ދިނީ ސައުދީގައި ތިބި މީހުންނަށް އެކަންޏެވެ. އަދި އުމްރާވުމަށް ފުރުސަތު ދެމުންދިޔައީ ފިޔަވަހިތަކަކަަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ދުވާލަކަށް 6،000 މީހުން އަދި ދެވަނަ ފިޔަވަހީގައި 15،000 މީހުންނަަށެވެ. މިހާރު ދުވާލަކު 20،000 ވުރެ ގިނަ މީހުންނަށް އެ ފުރުސަތު ދެ އެވެ.

ސައުދީގެ ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ އިދާރާ އިން ބުނީ އޮކްޓޫބަރު މަހު ހަރަމްފުޅު އުމްރާވެރިންނަށް ހުޅުވާލި ފަހުން މިހާތަނަށް އެއް މިލިއަން އަންހެނުން އުމްރާގެ އަޅުކަން އަދާކޮށްފައިވާ ކަމަށެވެ.

އަދި ޖަމާއަތުގެ ނަމާދުތަކަށް ހަރަމްފުޅު ހުޅުވާލި ފަހުން ކޮންމެ ދުވަހަކު އެތަށް ހާސް ބަޔަކު މިސްކިތުގެ ޖަމާއަތުގައި ބައިވެރިވަމުންދާ ކަމަށެވެ. ހަރަމްފުޅު އުމްރާވެރިންނާއި ނަމާދު ކުރާ މީހުންނަށް ހުޅުވާލީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކާއެކުގަ އެވެ.

މިހާރު ވެސް ދުވާލަކު ހަ ފަހަރު މުޅި ހަރަމްފުޅުއެކުގައި ސާފު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެ އެވެ. އަދި ހަރަމްގެ އެކި ސަރަހައްދުތައް ދުވާލަކު އެތަށް ފަހަރަކު ސާފުކޮށް ސެނެޓައިޒް ކުރެ އެވެ.

ސައުދީ އަރަބިއްޔާގެ ބޯޑަރުތައް ބަންދު ކޮށްފައި އޮތުމަށް ފަހު އަންނަ ޖެނުއަރީ މަހުން ފެށިގެން ރަސްމީކޮށް ހުޅުވާލަން ވަނީ ނިންމާފައެވެ. ނަމަވެސް އުމްރާ ވެރިންނަށް ބޯޑަރު ވަނީ ހުޅުވާލާފައެވެ. ގައުމުތަކުން އަންނަ އުމްރާވެރިން ތިން ދުވަހު އައިސޮލޭޝަންގައި ތިބެން ޖެހެއެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އުމްރާގެ ފުރުސަތު ބަންދުކޮށްފައި ވަނީ މާޗް މަހުގެ ފުރަތަމަ ހަފުތާގަ އެވެ. ފެބްރުއަރީ ފަހު ހަފުތާގައި ސައުދީގެ ބޯޑަރު ވަނީ ބަންދު ކޮށްފަ އެވެ. އަދި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފައިވަނީ ވެސް ސައުދީގައި ތިބި ބޭރު މީހުންގެ ތެރެއިން ކަނޑައެޅި ވަރަށް މަދު އަދަދެއްގެ ބަޔަކަށެވެ.

ސައުދީން މިހާތަނަށް 360،000 ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 6،000 ވުރެ ގިނަ މީހުން އެ ބަލީގައި މަރުވެފައިވެއެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 350،000 މީހުން ވަނީ ފަސޭހަވެފައެވެ. އެ ގައުމުގައި އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ ދިހަ ހާހަށްވުރެ ދަށުގައެވެ.