ރ. އަލިފުށީގައި އެއާޕޯޓެއް އަަޅަން ސަރުކާރުން ނިންމީ ބަޖެޓްގައި ނެތީސް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އަމާޒު ކުރެއްވި ފާޑުކިޔުންތަކަށް އެ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ވަރުގަދަ ރައްދެއް ދެއްވައިފި އެވެ. ވިދާޅުވީ އެއާޕޯޓް މައްސަލާގައި އެންމެ ތަންފުކެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
އަލިފުށީގައި ޖޮބް ސެންޓަރުގެ ހިދުމަތް ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ އަލިފުށީ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ އެ ރަށުގައި އެއާޕޯޓެއް އޮތުން ކަމަށެވެ. އެކަމަށްޓަކައި އެ ރައްޔިތުން ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އަތޮޅުގެ އެހެން ރަށްތަކާއި ވަކިން ދުރުގައި އޮތް އަލިފުށީގަައި މީގެ 20 އަހަރު ކުރީން ހެލްޕޭޑެއް ހެދުމުގެ މަސައްކަތްވެސް ކުރަން ފެށުނުކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ ވައިގެ މަގުން އަލިފުއްޓަށް ދަތުރުކުރެވޭނެ ދުވަސް އޮތީ ދާދި ގާތުގައި ކަމަށެވެ. ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ އެއާޕޯޓްގެ ތަސައްވުރު ހަގީގަތަކަށްވުން ކަމަށްވާތީ ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބުގައިވެސް އެކަން ކެންޕެއިންގެ ވައުދެއްގެ ގޮތުގައި ހިމެނިގެން ދިޔަ ކަމަށް ވިދާޅުވިއެވެ.
އަލިފުށީގައި އެއާޕޯޓެއް އަަޅަން ސަރުކާރުން ނިންމީ ވަކި މީހަކު ރުއްސުމަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވި ވިދާޅުވުމަށްވެސް ބިގޭ ރައްދު ދެއްވެވިއެވެ. ވިދާޅުވީ މަޖިލީހުގެ ބައެއް މެންބަރުން އޭނާއާ ޒާތީގޮތުން ދިމާކޮށް ތުހުމަތުތައް އުފެއްދި ނަމަވެސް އެއާޕޯޓްގެ މައްސަލާގައި އެންމެ ތަންފުކެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
އަދި މިހާރު އެކުލަވާލާފައިވާ ތާވަލުގައިވާ ގޮތުން 2023 ވަނަ އަހަރު އެ ރަށަށް ވަޑައިގަންނަވާނީ ވައިގެ މަގުން ކަމަށް ވިދާޅުވިއެވެ.
"މި ޕްރޮޖެކްޓާއި ގުޅިގެން ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި. ހާއްސަކޮށް އަޅުގަނޑަށްވެސް ގޮންޖެހުންތަކެއް އެބަހުރި. ޒާތީ ގޮތުން ދިމާކުރުންތަކެއްވެސް އެބަހުރި. އަޅުގަނޑު ދަންނަވާލަން ބޭނުން އަލިފުށި ރައްޔިތުން އަރިހުގައި ކިތަންމެ ވަރަކަށް ޒާތީގޮތުން އަޅުގަނޑާ ދިމާލަށް ކޮންމެ ފަދަ އިނގިލި ދިއްކުރުމެއް ދިއްކުރިޔަސް އެންމެ ތަންފުކެއްވެސް އަޅުގަނޑު ފަހަތަށް ނުޖެހި ހުންނާނަން،"
އަލިފުށީ އެއާޕޯޓްގެ މަސައްކަތަކީ ވަކި ތަރުތީބެއް ނެތި ކުއްލި ކުއްލިއަށް ބެޖެޓުގައިވެސް ނެތި ފަށާ ދެކޮޅު ނުޖެހޭ ޕްރޮޖެކްޓެއްގެ ގޮތުގައި ސިފަކޮށްފައިވާތީ އެކަމަށްވެސް ބިގޭ ޖަވާބު ދެއްވިއެވެ. ވިދާޅުވީ އޭނާއަކީ ބަޖެޓް ކޮމެޓީގެ މެންބަރެއް ކަމަށާ އަލިފުށީގައި ބިންް ހިއްކުމުގެ މަސައްކަތް އޮތީ ބަޖެޓް ކޮށްފައި ކަމަށެވެ. އަދި ވަކި ރަށްތަކެއްގެ ނަންތައް ފާހަގަނުކޮށް އެކި ރަށްރަށުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަން އޮތީ ބަޖެޓް ކޮށްފައި ކަމަށެވެ.
އެހެން ކަމުން އަލިފުށީ އެއާޕޯޓްގެ މަސައްކަތަކީ ބަޖެޓްގައި އޮތް މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ނުދެއްކެވުމަށް ގޮވާލެއްވިއެވެ.