ލައިފްސްޓައިލް

ކެކިކެކި ހުރި ފެނުތެރޭ ކުޑަ ކުއްޖެއް، އަސްލެއްތަ؟

ކެކިކެކި ހުރި ފެން އެއްޗެއް ތެރޭގައި ކުޑަ ކުއްޖަކު ވަރަށް ހަމަޖެހިލައިގެން އިށީނދެ އިންދާ ނަގާފައިވާ ވީޑިއޯއެއް ޓުވިޓާގައި ވައިރަލްވެ ގިނަ ބަޔަކު ހައިރާން ކޮށްލައިފި އެވެ. މި ވީޑިއޯގައި ފެންނަނީ އުމުރުން 9 އަހަރުގެ ކުއްޖަކު އަލިފާން އުނދުނަކަށް އުދާފައި ހުރި ބޮޑު ފެން ތާހެއްގެ ތެރޭގައި ވަރަށް ހަމަޖެހިލައިގެން އިށީނދެ އިން ތަނެވެ. އޭނާގެ ވަށައިގެން އެތައް ބަޔަކު އެ މަންޒަރު ބަލަން ތިއްބާ ވެސް ފެނެ އެވެ.

މި ވީޑިއޯ މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާއިރު ގިނަ މީހުން ބުނަނީ މިއީ ކޮންމެވެސް މަކަރެއް ނުވަތަ ޖާދޫއެއް ކަމަށެވެ. އަދި ވީޑިއޯ ފޭކް ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.

އަނެއް ބަޔަކު އޮޅުން ފިލުވައިދޭން މަސައްކަތް ކުރަނީ މި ކަމުގައި ސައިންސް ބުނާ އެއްޗެކެވެ. އަދި މިއީ ޖާދޫ ހަދާ މީހުންނާއި އެނޫންވެސް ބައެއް މީހުން މާ ކުރިން ވެސް އަޖުމަ ބަލާފައިވާ އަދި ހަދަމުންދާ މަކަރެއް ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.

"އެމީހުން އެ އުޅެނީ މީހުން ފޫލް ހައްދަން،" ޓުވިޓާގައި މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ. އެމީހާ ބުނި ގޮތުގައި ކުއްޖާ އިށީނދެގެން އިން ތާހެއް ފަދަ އެއްޗެއް އެތެރެއަށް ފުންކަމުން ފެންގަނޑު ކެކޭ ވަރަކަށް އެއަކަށް ހޫނެއް ނުވެ އެވެ.

އަނެއް ބަޔަކު ފާހަގަ ކުރީ އަލިފާންގަނޑުން ދުން އެރިޔަސް ފެންގަނޑު ކެކި އޭގެން ދުން ނާރާ ކަމެވެ. އަދި ފެންގަނޑުގައި ހުރި މާތަކަށް އެއްވެސް ބަދަލެއް ނައިސް ހުރުމުން އެއީ ފެންގަނޑު ހޫނު ނުވާ ކަމުގެ ހެއްކެއް ކަމަށް ވެސް މިކަމާ ވިސްނާ މީހުން ބުނެފައި ވެއެވެ.

އިތުރު މީހަކު ފާހަގަކުރި ގޮތުގައި މިއީ އެހާ ފަހުގެ ވީޑީއޯއެއް ނޫނެވެ. އޭނާ ބުނާ ގޮތުގައި މިއީ 2019 ވަނަ އަހަރު އިންޑީއާގެ ޓީވީ ޗެނަލަކުން ދެއްކި ވީޑިއޯ އެކެވެ. ޔޫޓިއުބުގައި 2019 އިން ފެށީގެން މި ވީޑިއޯ ޝެއާކޮށްފައި އިން ކަމަށް އެމީހާ ބުނެފައި ވެއެވެ.