ސްޓާ ޕްލަސް އިން ދެއްކި ވަރަށް މަޝްހޫރު ސިލްސިލާއެއް ކަމަށްވާ "އޭކް ހަޒާރޯން މޭ މެރި ބެހެނާ ހޭ" ގައި އުޅޭ ދެބެންގެ ތެރެއިން ހަގު އަންހެންކުއްޖާގެ ރޯލު އަދާކުރި ނިއާ ޝަރުމާ އަށް އެ ޝޯ ނިމުނު ފަހުން ކުރާނެ އެއްވެސް މަސައްކަތެއް ނެތި ނުވަ ވަރަކަށް މަސް ގޭގައި ހުންނަން ޖެހުނު ކަމަށް އޭނާ ބުނެފި އެވެ. ނިއާ ބުނި ގޮތުގައި އޭނާ މުމްބައިގައި ހުންނަނީ އާއިލާއާ ވަކިން އެކަނި ކަމަށް ވާތީ އާއި އެ ނުވަ މަސް ތެރޭ އެންމެ ފައިސާ ފޮއްޗެއް ވެސް ނުލިބޭތީ އެ ދުވަސްވަރު ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރެވުނުކަމަށެވެ.
"އޭކް ހަޒާރޯން މޭ މެރި ބެހެނާ ހޭ" އަކީ ނިއާގެ ފުރަތަމަ ޝޯ އެވެ. އެ ޝޯގައި އޭނާ ކުޅުނީ މާންވީ ޗައުދަރީ ކިޔާ ކެރެކްޓާ އެކެވެ. އެ ޝޯ 2013 ގައި ނިންމާލުމުން ގިނަ ދުވަސް ތަކަކު މަސައްކަތެއް ނެތިފައި ނިއާ ހުއްޓާ 2014ގައި "ޖަމާއީ ރާޖާ" ކިޔާ ސިލްސިލާއެއް ލިބުމުން އަނެއްކާވެސް އޭނާގެ ދިރިއުޅުން ހަމައަކަށް އެޅުނީ އެވެ.
ރޭޑިއޯ ހޯސްޓް ސިދާރްތު ކަނަން އަށް ދިން އިންޓަވިއުއެއްގައި ނިއާ ބުނީ އޭނާއަށް ލިބުނު މަޝްހޫރު ކަމެއް ލިބުނީ "އޭކް ހަޒާރޯން މޭ" އިންނެވެ. ނަމަވެސް އޭގެ ފަހުން އަހަރެއްހާ ދުވަހު އަނެއްކާވެސް މަސައްކަތެއް ނެތި ހުންނަން ޖެހުނެވެ.
މިޒަމާނުގައި މަޝްހޫރު ތަރިން އިންސްޓަގްރާމްގައި ޝެއާކުރާ ފޮޓޯތަކުން ވެސް އާމްދަނީ ހޯދަ އެވެ. ނަމަވެސް ނިއާގެ ފުރަތަމަ ޝޯ ހުއްޓާލި ދުވަސްވަރު އަދި އިންސްޓަގްރާމް އެހާ މަޝްހޫރެއް ނޫނެވެ. އެހެންވެ އެގޮތަށް ވެސް އޭނާއަށް އެއްވެސް އާމްދަނީއެއް ނުލިބުނުކަމަށް ނިއާ ބުންޏެވެ.
"ޖަމާއީ ރާޖާ" ކުޅެގެން ވެސް ނިއާ އަށް ބެލުންތެރިންގެ މަގްބޫލުކަން ވަރަށް ބޮޑަށް ލިބުނެވެ. އަދި އެ ޝޯގެ ބަތަލު ރަވީ ޑުބޭ އާއި ނިއާގެ އަރާރުންތަކުގެ ވާހަކަވެސް އެ ދުވަސްވަރު ވަރަށް ގިނައިން ނޫސްތަކުގައި ލިޔެފައި ވެއެވެ. ނަމަވެސް ފަހުން ދެ މީހުން ސުލްހަވެ އާ ސީރީޒް އެއް "ޖަމާއީ 2.0" ނަމުގައި އެކުގައި ކުޅެފައި ވެއެވެ. މި ސީރީޒް ސްޓްރީމްކުރީ ޒީ5 އިންނެވެ.