އެޗްޕީއޭ

ގައިން ގަޔަށް ނާރާ ބަލިތަކުގެ ސާވޭ އަލުން ފަށަނީ

ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ބަލިތައް ނުވަތަ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މަގުފަހިވާ ކަންކަން ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ކުރިއަށް ގެންދިޔަ "ސްޓެޕް ސާވޭ" އަލުން ފަށަން ނިންމައިފި އެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއް ތަމްސީލުވާ ގޮތަށް މިދިޔަ އަހަރު ކުރަން ފެށި އެ ސާވޭ މެދުކަނޑާލީ ކޮވިޑްގެ ހާލަތާ ގުޅިގެންނެވެ. ނަމަވެސް އެ ސާވޭ މި އަހަރު ނިންމަން އަމާޒު ހިފައި މާދަމާ ސާވޭގެ މަސައްކަތް އަލުން ފަށަން ވަނީ ނިންމައިފަ އެވެ.

ސާވޭގެ މަސައްކަތް އަލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައި މާލެ އާއި ހުޅުމާލެ އިންނެވެ.

ސާވާ ކުރުމުގެ ގޮތުން ގުރުއަތުން ހޮވާލައިފައިވާ ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތުތައް ސާފުކުރަން ވަނީ ނިންމައިފަ އެވެ. އަދި ސާވޭއަށް އެއްބާރުލުން ދިނުމަށް ވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސާވޭ ކުރިއަށް ގެންދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ ވެސް ގުޅިގެންނެވެ.

ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ވަރަށް ބޮޑަށް އިތުރުވެ އެކަމުގެ ނުރައްކާ ބޮޑުވަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.