މަސްތުވާތަކެތި

ރާއްޖެ ޑުރަގުން ސަލާމަތް ވާކަށް ނެތް

ރެކޯޑުތަކުން ސާފުކޮށް ފެންނަން އޮތް ގޮތުން ރާއްޖޭގެ ކުށުގެ ވެށީގެ ބޮޑު އާބާދީ އަކީ ޑްރަގާ ގުޅިފައިވާ ކުށްތަކެވެ. އެއީ ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ކުށުގެ މައްސަލަ ގުޅިފައި އޮތް ގޮތެވެ. ވަރަށް މަދު ފަހަރެއްގައި މެނުއީ ކޮންމެ ޖަރީމާއެއް ގުޅިފައި އޮންނަނީ ޑްރަގާ ގުޅިފަ އެވެ. ރާއްޖެ އެތެރެކޮށް ވިޔަފާރި ކުރުމާއި، ބޭނުންކުރުން އަދި އެއްތަނުން އަނެއް ތަނަށް އުފުލުން ފަދަ ކޮންމެވެސް ކަމާ ގުޅެއެވެ. ޑްރަގްގެ ވަބާގައި ޖެހިފައިތިބި މީހުން އެކަމުން ސަލާމަތްކުރުމަށް ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އަބަދުވެސް ބުނެ އެވެ. ކަމެއް ދިމާވެއްޖެނަމަ ދައްކަނީ ނިޒާމުގެ މައްސަލަތަކެވެ.

ޑްރަގުން ގެނުވާ މަސްތާއެކު ކުށްތަކަށް އަރައިގަތުމަށް ފުރުސަތު ފަހިވެއެވެ. ވަަރަށް ގިނަ ކުށްތައް މީހުން ހިންގަނީ މަސްތުގެ ހާލުގައި ތިބެއެވެ. އެންމެ ކައިރި ހަނދާނަކަށް ބަލާއިރު މީގެ ދުވަސްކޮޅެއް ކުރިން މަރައިލުމަށްފަހު ހުޅުމާލެ ދެވަނަ ފިޔަވައްސަށް އެއްލާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ މައްސަލަ ވެސް މިސާލަކަށް ފުދެ އެވެ. މި މައްސަލައިގެ ހުރިހާ ކޮޅެއް އައިސް ޖެހެނީ ޑްރަގަށެވެ. މިހެން ކިތަންމެ މައްސަލައެކެވެ.

ފާއިތުވި ތިން އަހަރަށް ބަލައި މަސްތުވާތަކެތީީގެ "މާސްޓާ ލިސްޓެ"އް ވެސް ފުލުހުން ވަނީ އެކުލަވާލައިފަ އެވެ. އެ ލިސްޓުގައި 3،348 ދިވެހިން ހިމެނެ އެވެ. އެއީ މުޅިން ވެސް ޑްރަގް ފަރުވާ ބޭނުންވާ މީހުން ކަމަށްވެސް ފުލުހުން ބުނެއެވެ.

ޑްރަގްގެ ނަންބަރުތަކަށް ބަލައިލާއިރު ޖަލުތަކުގައި މިވަގުތު އެންމެ ގިނައީ ޑްރަގްގެ އެކި މައްސަލަތަކުގައި ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ މީހުންނެވެ. ތަހުގީގަށް ބަންދުކޮށްފައި ތިބި މީހުންގެ އާބާދީގެ ބޮޑު ބަޔަކީ ވެސް ޑްރަގްގެ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުންނެވެ. ކަރެކްޝަނަލް ސާވިސްއިން ބުނާ ގޮތުގައި ޑްރަގްގެ އެކި މައްސަލަތަކުގައި 500 އަށްވުރެ ގިނަ މީހަކު އަންނަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންނެވެ. އޭގެތެރެއިން 167 މީހަކީ އުމުރު ދުވަހުގެ ޖަލު ހުކުމްގައި ތިބި މީހުންނެވެ. މި އާބާދީގެ 86 ޕަސެންޓަކީ ޑްރަގް ބޭނުންކުރުމުގެ ކުށުގައި ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ މީހުންނެވެ. މީގެ ތެރޭގައި ގިނައީ 35 އަހަރުން ދަށުގެ ޒުވާނުންނެވެ. ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ 70 ޕަސެންޓަށްވުރެ ގިނަ މައްސަލަ ގުޅެނީ ޑްރަގާއެވެ.

ޑްރަގްގެ ވަބާގައި ޖެހިފައިތިބި ކުޑަކުދިން ވެސް އެހާމެ ގިނަވެއްޖެ އެވެ. ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ވިދާޅުވި ގޮތުގައި މީގެ ހައެއްކަ އަހަރުގެ ކުރިއަށް ޑްރަގް ބޭނުންކުރާ އާބާދީ އެންމެ ބޮޑީ 22 އަހަރާއި 37 އަހަރާއި ދެމެދެވެ. ނަމަވެސް މިހާރު އުމުރުން 15 އަހަރާއި 68 އަހަރާއި ދެމެދުގެ މީހުން ޑްރަގް ބޭނުންކުރެ އެވެ. އަދި މިހާރު އެ އުމުރު އެއަށްވުރެވެސް ހަގުވެ އުމުރުން އެންމެ އަށް އަހަރުގައި ޑްރަގް ނަގަން ފަށާ ކުދީންވެސް އެބަތިއްބެވެ.

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ އާބާދީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ބައިވެރިވުންވެސް އޮތީ އިންތިހާ ދަރަޖާގައެވެ. މިއީ ކަމާ ގުޅުންހުރި އިދާރާތަކަށް ވެސް މިކަން ހުއްޓުވަން ނުވަތަ މިކަމަށް ހައްލެއް ހޯދަން އޮތް ބޮޑު ގޮންޖެހުމެކެވެ. އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ އާބާދީގެ ބޮޑުބައެއް މި މީހުން ހިއްސާކުރެ އެވެ. މިއަހަރުގެ ރެކޯޑްތަކަށްބަލާއިރު އެމީހުންގެ ތެރެއިން މާލޭގައި ޑްރަގްގެ ވިޔަފާރިކުރާ ތަންތަނުގައި 70 އާއި 100 އާއި ދެމެދުގެ އަދަދަކަށް މީހުން ތިބެ އެވެ.

"މިކަން ހައްލުކުރުމަށްޓަކައި އެމީހުންނާމެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް މަސައްކަތްތަކެއް ކުރިން. މީގެ މަސްތަކެއް ކުރިން އަޅުގަނޑުމެން އިމިގްރޭޝަންއާއެކު ވާހަކަދެއްކުމަށްފަހު އޭގެތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގެން ފުލުހުންގެ ފެސިލިޓީތަކުގަ ބައިތިއްބައިގެން އެމީހުންގެ ގައުމުތަކަށް ޑީޕޯޓްކުރެވޭތޯވެސް މަސައްކަތްތަކެއް ކުރިން. ނަމަވެސް އެއްގޮތަކަށްވެސް 10 ވަރަކަށް މީހުން ނަގައިގެން އެކަން ޕްރޮސެސް ކޮށްގެންވެސް ކުރިއަށްދާ ގޮތެއް ނުވި. އަޅުގަނޑުމެންނަށް ޖެހުނީ އެކަންވެސް ހުއްޓާލަން. އަޅުގަނޑުމެން ގަބޫލުކުރަން އެމީހުންގެ ހައްގުތަކެއް ވެސް ހުންނާނެކަން. ނަމަވެސް ސުވާލަކީ އަޅުގަނޑުމެންގެ ގައުމުގަ މިމައްސަލަ އެހާ ބޮޑުވެފަ އޮތްއިރު ދެން އަދި ބިދޭސީން މި ސިސްޓަމުގެ ތެރެއަށް ލައިގެން އެމީހުންވެސް ފަރުވާ ނިޒާމުގެ ތެރޭގައި ގެންގުޅެވޭނެތޯ،" ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އޭސީޕީ ރިޔާޒް ވިދާޅުވި އެވެ.

ޑްރަގަށް ހައްލެއް ނެތް

މި ނަންބަރުތަކުގެ އިތުރުން ފުލުހުންގެ އަތްދަށު ނުވެ އެތައް ބަޔަކު އެބަ އުޅެ އެވެ. ލޯތައް ރަގަނޅަށް ހުޅުވައިގެން ހިނގާނަމަ އެފަދަ މީހުން ވަރަށް ފަސޭހައިން ފާހަގަވާނެ އެވެ. ނަމަވެސް މައްސަލައަކީ ޑްރަގް ބޭނުން ކުރާ މީހުންގެ ނަންބަރެއް ނޫނެވެ. ބޮޑު މައްސަލައަކީ މިކަމާ ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅި އޮތުމެވެ. ފަރުވާގެ ނިޒާމް ބޮއްސުންލާފައިވުމެވެ. ފަރުވާ ފެއިލް ވެގެން ޖަލުގެ ކަސްތަޅުގައި ތިބި އާދާބީ ބޮޑުވުމެވެ. އަދި ޑްރަގްގެ ތެރެއަށް ދާ މީހުންގެ އަދަދު ދުވަހެއް ދުވަހަށް އިތުރުވުމެވެ. ޅައެއް ހަރެއް ނެތި އެ ވަބާގައި ޖެހޭ މީހުންގެ އަދަދު ގިނަވުޖމެވެ.

ޑްރަގަށް ފަރުވާދޭ ސެންޓަރުތައް ހިންގާ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އޮތީ ފެއިލްވެފައިކަން ކަމާ ގުޅުންހުރި އިދާރާތަކުން ވެސް މިހާރު އެއްބަސްވެއެވެ. ކުރިން ޖެންޑާ މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް އެ އެޖެންސީ މިހާރު ހިންގަނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް ހެލްތްގެ ދަށަށް ތަން ގެނައިރު ތަނުގެ ހާލަތު އޮތީ ބޮއްސުން ލާފައި ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވެއެވެ. އިމާރާތްގަނޑު އޮތީ ބޮލަށް ވެއްޓިފައެވެ. އަމުދުން ދެވޭ ހިދުމަތެއް ނެތެވެ. އެތަނެކޭވެސް ޑްރަގް އައްޑާ އެކޭ ތަފާތެއް ނެތެވެ. ތަރުތީބެއް ހަމައެއް އުސޫލެއްވެސް ނެތީއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވި ގޮތުގައި އަދިވެސް އެ މިނިސްޓްރީއަކަށް ކުރާންވީ ކަމެއް ނޭންގެ އެވެ. ފުރަތަމަ ކުރަންވީ ކަމެއް އަދި އޭގެ ފަހުން ކުރާންވީ ކަމެއް ނޭނގެ އެވެ. އެކަމަށް އަވަސް ހައްލެއްވެސް ނެތެވެ. އެންޑީއޭ މިހާރު އަންނަނީ ރީސްޓްރަކްޗާ ކުރަމުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް މަސައްކަތް ކުރިއަށް ގެންދަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑްރަގް ބޭނުންކުރާ މީހުންނަށް ފަރުވާ ދޭނެ ގޮތެއް އަދި އެތަން ހިންގާނެ ގޮތެއް ވެސް ނޭންގުމެވެ.

"އަޅުގަނޑުމެންނަށް ހުރިހާ މައިގަނޑު އެއްޗަކީ މިކަން ކުރަންވީ ގޮތް ރަނގަޅަށް ނޭނގުން. އެކަން އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑަށް ވަޒީފާއެއް ހަވާލުކުރީމާ އެ ވަޒީފާއާ ބެހޭ ހުރިހާ ކަމެއް އަޅުގަނޑު ދަންނަ ކަމަށް ހެދިގެން އުޅޭ ކަމަށް ވަނީ ވިއްޔާ އަޅުގަނޑަކަށް އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެ މިކަމުގައި،" މިނިސްޓަރު ނަސީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާގޮތުން ފަރުވާ ހޯދަން އަމުރު ނެރޭ ހިސާބުން އެ އަމުރެއް ހިނގަން ފަށާނެ އެވެ. ނަމަވެސް ފަރުވާ ނުފެށި ލަސްވާނަމަ ތިން އަހަރުގެ ޓާމިނޭޓް ހުކުމް ތަންފީޒުކުރަން ޖެހެ އެވެ. މަސްތުވާތަކެތީގެ ފަރުވާ ފެއިލް ވެގެން ރިމާންޑު ހުކުމް ތަންފީޒުކުރާ މީހުންގެ އަދަދު އިތުރުވުމަކީ ކަރެކްޝަނަލް ސާވިސްއަށް އޮތް ގޮންޖެހުމެކެވެ.

ކަރެކްޝަނަލް ސާވިސްގެ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ނާސިރް ވިދާޅުވި ގޮތުގައި މިހާރު ޖަލުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑްރަގް ކޯޓުން ފަރުވާއަށް ހުކުމްކޮށް، ފަރުވާއިން ފެއިލްވެގެން ޖަލަށް އަންނަ މީހުންގެ އަދަދު އިތުރުވަމުން ދިއުމެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެފަދަ މީހުން ޖަލަށް ގެނެވޭ އަދަދު އިތުރުވާނެ ކަމަށް ލަފާވެއެވެ.

ޑްރަގްގެ އާބާދީ އިތުރުވުމާއި ފަރުވާއަށް ބޭނުންވެފައި ތިބި މީހުން އިތުރުވާކަން އެއީ ފެންނަން އޮތް ހަގީގަތް ނަމަވެސް ހައްލެއް ގެނެވޭނެ ދުވަހެއް އޮތީ ނޭންގުމުގެ ތެރޭގައެވެ. ހަދާނެ ގޮތެއް އިދާރާތަކަކަށް ވެސް ނޭންގެ އެވެ. ފުލުހުން ބޮޑެތި އޮޕަރޭޝަންތައް ހިންގައި އެފަދަ މީހުން އަތުލައިގެނެ އެވެ. ކެފޭ އުސޫލުން ޑްރަގްގެ ވިޔަފާރިކުރާ ތަންތަން ބަންދުވެސް ކޮށްފި އެވެ. ދެން ވާނީ ކިހިނެއް ހެއްުޔެވެ؟ އެންމެ ބޮޑު ކަމަކަށް އަންނާނީ ޖަލު ހުކުމެކެވެ. އެކަމަކު ޖަލުތަކަށް ވެސް މަސްތުވާތަކެތި ވައްދަނީ އެވެ. މިކަމުން ސަލާމަތްވެވޭނެ ހަމަ އެއްވެސް
ދޮރެއް މި ރާއްޖޭގައި ނެތީ ހެއްޔެވެ.