މަސްތުގެ ދުނިޔެއަށް އޭނާ ވަނީ އެންމެ 19 އަހަރުގަ އެވެ. އޭނާގެ އުމުރުން މިހާރު 39 އަހަރެވެ. ހަޔާތުގެ 20 އަހަރު މަސްތުގެ ދުނިޔޭގައި އުޅެފައި ހަމަހޭވެރިކަންވީއިރު އޭނާއަށް ހުރިހާ އެއްޗެއް ވަނީ ގެއްލިފަ އެވެ. އަންހެނުންނާއި ލޯބިވާ ދަރިފުޅާއި އަމިއްލަ އާއިލާ ވަނީ އޭނައާ ހެދި ބިކަވެ ފަލީހަތްވެފަ އެވެ. ހެޔޮއެދޭ ރަނގަޅު ރަހްމަތްތެރިން ގެއްލި އަދާކުރަމުން ދިޔަ ވަޒީފާ ވެސް ގެއްލުނީ އެވެ. އޭނާ އަލުން އެނބުރި މުޖުތަމައަށް އަންނަން ބޭނުންވި ނަމަވެސް އިތުބާރު ކުރާ މީހަކު ނެތެވެ. ކިޔަވައިގެން ހުއްޓަސް އަދި ހުނަރުތަކެއް ލިބިފައިވިޔަސް މަސްތުވާތަކެތީގެ އަޅަކަށްވީތީ ވަޒީފާ ދޭނެ މީހަކު ނުވި އެވެ. އޭނާ ލައްވާ ބަޔަކު މަސައްކަތެއް ކުރުވިޔަސް ކުރުވަނީ އެ މަސައްކަތުގެ ހަމަ އަގަށް ވުރެ އެތައް ތަނެއް ކުޑަ އަގެއްގަ އެވެ. ރަނގަޅު ސިއްހަތެއްގައި ހުރި ހަށިގަނޑު އަނަރޫފަވެ، މުޅި މީހާގެ ސިފަ ވަނީ ގެއްލިފަ އެވެ.
ދެން އިވުނީ ޒުވާން ފިރިހެން ކުއްޖަކު އޭނާގެ އާއިލާ އަށް ފޮނުވި އަސަރުން ފުރިގެންވާ އޯޑިއޯ މެސެޖެއްގެ އަޑެވެ. ގިސްލާ ރޮމުން އާއިލާގެ ކިބައިން އޭނާ އެދެމުން ދިޔައީ ފުރާނަ ސަލާމަތްކޮށްދިނުމަށެވެ. އެކަން ކުރެވެން އޮތީ އޭނާ ހިފަހައްޓައިގެން ތިބި މީހުން ބޭނުންވާ އަދަދަށް ފައިސާ ދީގެންނެވެ. އޭނާ އަކީ ބޭރު ގައުމަކުން ރާއްޖެއަށް ފޮނުވި މަސްތުވާތަކެތީގެ ޝިޕްމަންޓެއް ވިއްކާލުމަށްފަހު އަނބުރާ ފައިސާ ފޮނުވާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ބޭރުގެ ޑްރަގް ނެޓްވޯކަކަށް "ގެރެންޓަ"އެއްގެ ގޮތުގައި ނުވަތަ ރަހުނު ކުރެވޭ މުދަލެއްގެ ގޮތުގައި ހަވާލުކޮށްފައިވާ މީހެކެވެ. އޭނާގެ ފުރާނަ އަށް ނުރައްކާވީ އެ ޑީލްގައި ހިމެނޭ މަސްތުވާތަކެތި ހުރި އިރާންގެ ބޯޓާއި އޭގައި ތިބި ފަޅުވެރިން ދިވެހި ފުލުހުންގެ އަތް ދަށުވި ހިސާބުންނެވެ. އެ ޑީލް ފެއިލްވުމުން އޭގެ އަގު އަދާކުރަންޖެހުނީ އޭނާ އާއި އޭނާގެ އާއިލާ އަށެވެ. ފަހުން އެ ޒުވާނާއަށް ވީގޮތެއް ފުލުހުން ނުބުނެ އެވެ.
މިއީ މަސްތުވާތަކެތީގެ ހާލަތު ރާއްޖޭގައި އޮތް ގޮތުގެ ތަސައްވުރެއް މީޑިއާގެ ފަރާތްތަކަށް ބުނެދިނުމުގެ ގޮތުން ފުލުހުން އިއްޔެ ކުރިއަށް ގެންދިޔަ "މީޑިއާ އިވެންޓް"ގައި ދައްކާލި އަދި އިއްވާލި ދެ މީހެއްގެ އިހްސާސްތައް ހުރި ގޮތެވެ. މަސްތުވާތަކެތީގެ ސަބަބުން އެތައް ބައެއްގެ މުސްތަގުބަލް އަނދާ އަޅިއަށް ހަދާލާ ގޮތުގެ ކުޑަ މިސާލެކެވެ. މީގެ ކުރިން ހިއްސާކޮށްފައި ނުވާ ވަރަށް ގިނަ މައުލޫމާތު މިއިވެންޓްގައި ފުލުހުން ހިއްސާކުރި އެވެ. މީގެތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭ މީހުންގެ މައުލޫމާތާއި ޑްރަގު ކެފޭތައް ހިންގާ ގޮތާއި ޑްރަގް ވިޔަފަރީގެ މުއާމަލާތް ފެށިގެން އަންނަ ގޮތާއި ޑީލް ނިންމާ ގޮތަށް ދަންދެން ހިއްސާކުރި އެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަންބޮޑުވެގެން ބައެއް އާންމުންނާއި ބައެއް ބެލެނިވެރިން ފުލުހުންނަށް ފޮނުވާފައި ހުރި ސިޓީ ތަކާއި ބައެއް ކޯޓު އަމުރުތައް ވެސް ދައްކާލި އެވެ.
ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު ހިއްސާކުރެއްވި މައުލޫމާތަށް ބަލާއިރު ފުރާނަ އަތްމައްޗަށް ލައިގެން ގެރެންޓާއެއްގެ ގޮތުގައި ޑްރަގް ނެޓްވޯކްތަކަށް އެހީތެރިވާން ތިބި ދިވެހިން ގިނަ އަދަދަކަށް އެބައުޅެ އެވެ. އެގޮތަށް ގައުމަކަށް ދިއުމަކީ އަދަބެއް އޮތް ކަމަކަށް ނުވިޔަސް ވިޔަފާރީގައި މައްސަލަ ޖެހޭ ހިސާބުން އެ މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅެ އެވެ. އެކަމުގެ ތެރޭގައި ތަހައްމަލް ކުރަން ދަތި އަނިޔާއާއި ހިތްދަތި އެތައް ކަމެއް އެމީހަކު ތަޖުރިބާ ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ޑްރަގުގެ ހިދުމަތްދޭ ކެފޭތައް ހަދައި ވިޔަފާރި ފުޅާކުރުން
ފުލުހުން ބުނާ ގޮތުގައި މާލޭގައި ޑްރަގުގެ ހިދުމަތްދޭ ކެފޭތައް ހަދައި ހިންގަން ފެށީ 2019 އަހަރުގެ ތެރޭގަ އެވެ. ކޮވިޑްގެ ލޮކްޑައުންއާ އެކު އެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާކުރި އެވެ. ޑްރަގު ކޭފޭގެ ގޮތުގައި ފުލުހުން ލޭބަލް ކުރާ 34 ތަނެއް މާލޭގެ އެކި ސަރަހައްދުތަކުގައި އެބަހުއްޓެވެ. ފުލުހުން އިއްޔެ ނޫސްވެރިންނާ ބައްދަލުކުރީ އެފަދަ ހުރިހާ ތަނެއް ބަންދުކޮށްފަ އެވެ. އެކަމަކު ބަންދުކުރާ އިރަށް ފަޅާލައިގެން އަލުން ހުޅުވާ ހިދުމަތްދޭ ތިން ތަނެއް ފުލުހުން ފާހަގަކޮށްފައި އެބަހުއްޓެވެ. އެއީ މއ. ސެވަން އެންޑް ހައުސްއާއި، މ. ދެރަހަ އަދި މ. ސަންމާމުގޭގައި ހިންގާ ޑްރަގު ކެފޭތަކެވެ.
ފުލުހުންގެ ތަހުގީގުތަކުން އެނގޭ ގޮތުގައި ޑްރަގް ކެފޭތައް ހަދާފައިވަނީ ޑްރަގު ނެޓްވޯކްތަކުން އެ ތަންތަން ވަރަށް ބޮޑަށް ބަލައި ދިރާސާކޮށްފަ އެވެ. ގިނަ ކެފޭތައް ހަދާފައި ހުރީ ހަނި ގޯޅިތަކުގެ އެންމެ އެތެރެއަށްވާ ގޮތަށް ހުންނަ ބާ އިމާރާތްތަކެއްގަ އެވެ. އެފަދަ ގިނަ ތަންތަނުގެ އަސްލު ވެރިފަރާތުގެ ތެރެއިން ބައެއް ފަރާތްތަކަކީ އެކިއެކި ސަބަބުތަކާ ގުޅިގެން ދިރިއުޅުން ހަމަޖެއްސުމުގައި ދަތިތަކެއް ތަހައްމަލް ކުރާ ފަރާތްތަކެވެ. އެހެންވެ ޑްރަގު ނެޓްވޯކް ތަކުން އެފަދަ މީހުންގެ އިމާރާތްތައް ކުއްޔަށް ނަގަނީ ތަނުގެ އަސްލު ވެރިފަރާތަށް ފައިސާގެ އަދަދެއް ދިނުމަށްފަހު ދިގު މުއްދަތަށެވެ. އެގޮތަށް ތަން ނެގުމަށްފަހު އިމާރާތްތަކުގެ އަސްލު ވެރިފަރާތަށް އިހާނަތްތެރި ގޮތްތައް ވެސް ހަދާފައި އެބަހުއްޓެވެ. އެފަދަ އެއް ގެއަކީ ސެވަން އެންޑް ހައުސް އެވެ. އެ ގޭގައި ކެފޭ ހިންގާ ފަރާތުން ވަނީ ގޭގެ ވެރިފަރާތް އިމާރާތުން ނެރެފަ އެވެ. އެހެންވެ އެ މީހާ ގިނަ ފަހަރު ނިދަނީ މަގުމަތީގަ އެވެ. އަދި ބައެއް ފަހަރު ނިދަނީ ޑްރަގު ކެފޭ ތެރޭގަ އެވެ.
"އަޅުގަނޑުމެން އެތަނަށް އެޓެންޑު ވާއިރު، ގޭގެ ވެރިފަރާތް އެ ކޮޓަރިތެރޭގައި ވެސް [ކެފޭ ތެރޭގައިވެސް] އޮވޭ. އޭނާ ވަށައި ހަމަ މަސްތުވާތަކެތި ބޭނުންކުރާ މީހުން ވެސް ތިބޭ،" ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޖަމްޝޫދު ވިދާޅުވި އެވެ.
މާލޭގައި ހިންގާ ޑްރަގް ކެފޭތަކުން އާއްމުކޮށް ހިދުމަތް ހޯދާ 1،118 ދިވެހިންނާއި 139 ބިދޭސީއަކު ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ. ބިދޭސީންގެ ތެރެއިން 134 މީހުންނަކީ އިންޑިއާ މީހުންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ ތިން މީހަކާއި ލަންކާގެ ދެ މީހެކެވެ.
ކެފޭތަކުން ހިދުމަތް ހޯދާ 1،118 މީހުންނާ ގުޅޭ
- ޑްރަގް ކޯޓުން އެސަސްމެންޓް ހަދަން އަމުރުކޮށްފައިވާ ފަރާތްތަކާއި އަޑުއެހުން ތާވަލު ކޮށްފައިވާ - 17 މީހުން
- ރިހިބިލިޓޭޝަން ފަރުވާ ދިނުމަށް އަމުރުކޮށްފައިވާ - 217 މީހުން
- ފަރުވާއިން ވަކިކޮށްފައިވާ - 305 މީހުން
- ދެވަނަ ހުކުމް ކޮށްފައިވާ - 141 މީހުން
- މައްސަލަ އަނބުރާ ފޮނުވާލާފައިވާ ފަރާތްތައް - 101 މީހުން
- ޑްރަގް ކޯޓުން އިބްތިދާއި އަޑުއެހުން ތާވަލުކޮށްފައިވާ – 7 މީހުން
- ފުލުހުންގެ ރެކޯޑްގައި މައްސަލަ އޮތް ނަމަވެސް ކޯޓުގައި މައްސަލަ ނެތް - 178 މީހުން
- ފުލުހުންގެ ރިކޯޑުގައި ވެސް ޑްރަގް ކޯޓުގެ ރެކޯޑުގައި ވެސް ނެތް - 152 މީހުން
މީގެއިތުރުން ޑްރަގް ކެފޭ ތަކުން ހިދުމަތް ހޯދާ މީހުންގެ ތެރޭގައި 14 ކުޑަކުދިންނާއި، 65 އަންހެނުންނާއި، 50 އަހަރުން މަތީގެ 56 މީހަކާއި، ދިރިއުޅޭނެ ތަނެއް ނެތް 63 ދިވެހިންނާއި ހަތަރު ބިދޭސީ އަކު ވެސް ހިމެނެ އެވެ.
ޑްރަގް ކެފޭތައް ބަންދުކުރުމަށް ފުލުހުންނަށް މިވަގުތު ކުރެވޭނެ މައިގަނޑު މަސައްކަތަކީ ކެފޭތައް ހިންގާ އިމާރާތްތަކުގެ އަސްލު ވެރިފަރާތްތަކަށް ވިސްނައިދީގެން އެ ތަންތަން ބަންދުކުރުވުމެވެ. އިމާރާތްތަކުގެ ވެރިފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު އެއްބާރުލުން ދެމުންދިޔަ ނަމަވެސް ފުލުހުންނަށް އެކަމުގައި އެއްބާރުލުން ދީފައި ނުވާ ހަތަރު ފަރާތަކަށް ދައުވާކުރަން ފުލުހުން ވަނީ ފޮނުވާފަ އެވެ.
ޕާޓީ ޑްރަގްސްއާއި ބަނގުރަލުގެ ވިޔަފާރި
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ޕާޓީ ޑްރަގްސް އާއި ބަނގުރަލުގެ ވިޔަފާރި 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭނުންކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ހާއްސަކޮށް ޕާޓީ ޑްރަގްސް ބޭނުންކުރާ މީހުންގެ ތެރޭގައި ޒުވާނުންނާއި ދިރިއުޅުމަށް ފައިސާ ހޯދުމަށް ރަނގަޅު ވަޒީފާތަކުގައި އުޅޭ މީހުންގެ އަދަދު އިތުރެވެ. ޕާޓީ ޑްރަގްސް ބޭނުންކުރާ މީހުންގެ ތެރޭގައި ގިނައީ އުމުރުން 30 އަހަރުން ދަށުގެ ޒުވާނުންނެވެ. ހާއްސަ މުނާސަބަތުތައް ފާހަގަކުރަން ޕާޓީ ޑްރަގްސް ބޭނުންކުރުން ޒުވާނުންގެ މެދުގައި ވަނީ އާންމުވެފަ އެވެ.
ރާއްޖޭގައި އާންމު ގޮތެއްގައި ހަތް ބާވަތެއްގެ ޕާޓީ ޑްރަގްސް ހިމެނެ އެވެ. ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ބާވަތަކީ "މިއޯމިއޯ" ކިޔާ ޑްރަގެކެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އެންމެ ކަމުދަނީ "ޔަބާ ޕިލް" ކިޔާ ބާވަތެކެވެ. ބިދޭސީން އެ ބާވަތް ބޭނުންކުރަނީ ހަށިގަނޑުގައި ވަރުޖެއްސުމުގެ ބޭނުމުގަ އެވެ.
ޕާޓީ ޑްރަގްސްގެ ވިޔަފާރި ފުޅާވީ އޮޅުވާލައިގެން އެފަދަ ވިޔަފާރިކުރަން ފަސޭހަވުމާއި ޕާޓީ ޑްރަގްސް ވިއްކާލުމަށް ފަސޭހަވުމާއި އެ ވިޔަފާރީގައި ލިބޭ ފައިދާ ބޮޑުވުމުންނެވެ.
"މިސާލަކަށް ރާއްޖޭގައި މިވިއްކާ ހެރޮއިންގެ އެއް ގްރާމު ވިއްކާލައިގެން ލިބޭ ފައިދާ އަށް ވުރެ އެ ބަރުދަނުގެ ޕާޓީ ޑްރަގްސް ގުޅައެއް ވިއްކާލީމާ ފައިސާގެ ގޮތުން އެ ލިބޭ ފައިދާ މާބޮޑަށް ވެސް އިތުރު،" ފުލުހުންގެ އޮފިސަރަކު ވިދާޅުވި އެވެ.
ޕާޓީ ޑްރަގްސްގެ ވިޔަފާރި ހުއްޓުވަން ފުލުހުންނަށް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. ޕާޓީ ޑްރަގްސް ރާއްޖެއަށް ގެނައުމަށްޓަކައި ގަތުމަށް އޯޑަރު ކުރަނީ ފުލުހުންނަށް ދެނެގަތުމަށް އުދަގޫ "ޑާކްވެބްސައިޓް"ތައް މެދުވެރިކޮށެވެ. ޕާޓީ ޑްރަގްސް ވިއްކަނީ އަތުލައިގަތުމަށް އުދަނގޫ ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށެވެ. ކޮވިޑްގެ ކުރިން ޕޯސްޓް މެދުވެރިކޮށް ޕޯސްޓް އޮފީހަށް އެކަނިވެސް 13،000 ޕާރްސަލް ގެންނަމުންދެ އެވެ. އެފަދަ ޕާރްސަލްތަކުގައި ދެނެގަތުމަށް އުދަގޫވާ ގޮތަށް ޕާޓީ ޑްރަގްސް ރައްކާކޮށްގެން އެތެރެކުރުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެހާ ގިނަ އަދަދެއްގެ ޕާރްސަލް އެތެރެކުރުމާއި އަދި އޭގެ ޕެކިން ވަރުގަދަވުމާއި ހުރިހާ ޕާރްސަލެއް ވަކިން ކަނޑައިގެން ބެލުމުގެ ބަދަލުގައި އެކަމަށް ހާއްސަ އެކަށީގެންވާ ވަސީލަތްތައް ފުލުހުންގެ ކަމާ ގުޅޭ އިދާރާތަކުގައި ނެތުމަކީ ވެސް ޕާޓީ ޑްރަގްސް އެތެރެވުން ހުއްޓުމަށް އޮތް ގޮންޖެހުމެކެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ޕާޓީ ޑްރަގްސް ބޭނުންކުރަމުން ދިޔަ ޒުވާނުންގެ ތެރެއިން 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް 21 މީހަކު މަރުވެފައިވެ އެވެ. މީގެއިތުރުން މަރު ނުވިނަމަވެސް ޕާޓީ ޑްރަގްސް ބޭނުންކުރުމުގެ ސަބަބުން ބައެއް ޒުވާނުންނަށް ފުރާނައާ ހަނގުރާމަ ކުރަންޖެހޭ ފަދަ ސިއްހީ ނުރައްކާތެރި މައްސަލަތައް ކުރިމަތިވެފައިވެ އެވެ. ޕާޓީ ޑްރަގްސް ބޭނުންކުރެވޭ ގޮތަކުން ކުއްލި އަކަށް މަރުވުމުގެ ފުރުސަތު ބޮޑު ކަމުން އެކަމާ ދުރުވުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.
ޕާޓީ ޑްރަގްސްގެ މައްސަލައިގައި ފުލުހުން މިހާރު އެންމެ ބޮޑަށް ކަންބޮޑުވަނީ ސީދާ ކުޑަކުދިންނަށް އަމާޒުކޮށްގެން އެ ވިޔަފާރި ފުޅާކުރަމުންދާތީ އެވެ. ކުޑަކުދިންނަށް ހާއްސަކޮށްގެން ޕާޓީ ޑްރަގްސް ތައްޔާރުކޮށް، ޕެކް ކޮށްފައި ހުރި ކަމަށް ފުލުހުން ބުނެ އެވެ. ރާއްޖޭގައި ކުޑަކުދިންނަށް ޕާޓީ ޑްރަގްސް ބޭނުންކުރަން ހިތްވަރުދީ، އެ ތަކެތި ސަޕްލައިކުރަނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށެވެ.
ފުލުހުން ހިންގާފައިވާ ބަނގުރަލުގެ އޮޕަރޭޝަންތަކަށް ބަލާއިރު 2019 ވަނަ އަހަރު 81 މައްސަލަ ހުށަހެޅި 114 އޮޕަރޭޝަން ހިންގާފައިވެ އެވެ. 2020 ވަނަ އަހަރު 50 މައްސަލަ ހުށަހެޅި 84 އޮޕަރޭޝަން ހިންގާފައިވާއިރު 2021 ވަނަ އަހަރު 69 މައްސަލަ ހުށަހެޅި 79 އޮޕަރޭޝަން ހިންގާފައިވެ އެވެ. ފުލުހުންގެ އިދާރާއިން ތަހުގީގުކުރުމަށްފަހު ބަނގުރަލާ ގުޅޭ 108 މައްސަލަ 2019 ވަނަ އަހަރު ޕީޖީ އަށް ފޮނުވާފައިވާއިރު ދައުވާކޮށްފައިވަނީ 78 މައްސަލައިގަ އެވެ. 2020 ވަނަ އަހަރު 58 މައްސަލަ ޕީޖީ އަށް ފޮނުވިއިރު ދައުވާކޮށްފައިވަނީ 52 މައްސަލައިގަ އެވެ. އަދި 2021 ވަނަ އަހަރު 60 މައްސަލަ ޕީޖީ އަށް ފޮނުވިއިރު ދައުވާކޮށްފައިވަނީ 56 މައްސަލައިގަ އެވެ. ބަނގުރަލުގެ މައްސަލަތަކުގައި ދިވެހި އަންހެނުންނާއި ފިރިހެނުން ހިމެނޭ ގޮތަށް 2019 ވަނަ އަހަރު 92 މީހަކާއި، 2020 ވަނަ އަހަރު 51 މީހަކާއި، 2021 ވަނަ އަހަރު 82 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި އެފަދަ މައްސަލަތަކުގައި 2019 ވަނަ އަހަރު 49 ބިދޭސީ އަކާއި، 2020 ވަނަ އަހަރު 56 ބިދޭސީއެއްގެ އިތުރުން 2021 ވަނަ އަހަރު 26 ބިދޭސީ އަކު ހައްޔަރުކޮށްފައިވެ އެވެ.
ފާއިތުވި ތިން އަހަރު އަތުލައިގެން ބަނގުރަލުގެ ތަފާސްހިސާބް
- 2019 ވަނަ އަހަރު – ޖުމްލަ 3،728 (ބްރޭންޑެޑް ފުޅި – 724 | ޕެޓްފުޅި އަދި އެހެނިހެން 1،753 | ބިޔަރު 1،251)
- 2020 ވަނަ އަހަރު – ޖުމްލަ 3،463 (ބްރޭންޑެޑް ފުޅި – 1،007 | ޕެޓްފުޅި އަދި އެހެނިހެން 138 | ބިޔަރު 2،318)
- 2021 ވަނަ އަހަރު – ޖުމްލަ 4،250 (ބްރޭންޑެޑް ފުޅި – 1،201 | ޕެޓްފުޅި އަދި އެހެނިހެން 274 | ބިޔަރު 2،775)
ބަނގުރަލުގެ ވިޔަފާރި އަކީ ވަކި ހާއްސަ ހުއްދަތަކަކާއި އެކު އަދި ހާއްސަ ލައިސަންސެއް ލިބިގެން ރާއްޖޭގައި ކުރެވޭ ވިޔަފާރި އެކެވެ. އެކަމަކު އެފަދަ ބައެއް ތަންތަނުން ވަކިން ހާއްސަކޮށް ސަފާރީތަކުން ގާނޫނުތަކާއި ގަވައިދުތަކާއި ހިލާފަށް ބަނގުރާ ވިއްކުން ނުހުއްޓުވާނަމަ މައްސަލަ ހައްލުކުރަން ދަތިވާނެ ކަމަށް ފުލުހުން ބުނެ އެވެ. ބަނގުރާ ރައްކާކޮށްފައި ހުންނަ ބޮންޑެޑްވެއާހައުސްތަކަށް ފޭކް ލިޔުންތައް ހުށަހަޅައިގެން ބަނގުރާ ބޭރުކޮށް އެ ތަކެތި ވަރަށް އަވަހަށް ދައުރުކޮށްލާ މައްސަލަ ވެސް މިހާރަކަށް އައިސް ފުލުހުންގެ ތަހުގީގުތަކުގައި ފާހަގަކުރެވިފައިވެ އެވެ. ސަފާރީތަކުން ބަނގުރާ ރަށްރަށަށް ބޭލުމާއި އެކި ހިސާބުތަކަށް ބަނގުރާ ދައުރުކުރުމުގައި ބިދޭސީން ބޭނުންކުރުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.
ބަނގުރަލުގެ މައްސަލައިގައި ފުލުހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަނގުރަލާ ގުޅޭ ހާއްސަ ގާނޫނެއް ނެތުމެވެ. ބަނގުރަލާ ގުޅޭ ކޮންމެ މައްސަލައެއްގައިވެސް މިވަގުތު ދައުވާކުރަނީ ގާނޫނުލްއުގޫބާތުގެ 613 ވަނަ މާއްދާގެ ދަށުންނެވެ. ބަނގުރަލާ ގުޅޭ ކޮންމެ ކަހަލަ މައްސަލައެއް ނަމަވެސް ބަނގުރާ ބޭނުންކޮށް ގެންގުޅޭ މީހެއްގެ އަދަބަކީ ދެ މަހާއި، 12 ދުވަހެވެ. އަދި އެ ކުށަށް އިއުތިރާފްވާ މީހެއްގެ އަދަބަކީ އެއް މަހާއި 24 ދުވަހެވެ.
"ބަނގުރަލުގެ ގާނޫނެއް އަވަހަށް ވުޖޫދުވުން ވަރަށް މުހިއްމު. އެކަމާ ގުޅޭ ހާއްސަ ގާނޫނެއް ނެތުމުން ބަނގުރަލުގެ މައްސަލައިގައި ވަރަށް ބޮޑެތި ނާޖާއިޒު ފައިދާ ނަގަމުންދާ ކަން ފާހަގަކުރެވޭ،" ފުލުހުންގެ ސަބް އިންސެޕްކްޓާ އިބްރާހީމް ޝަރާން ވިދާޅުވި އެވެ.
އަންހެނުންނާއި ކުޑަކުދިން އަދި ބިދޭސީންގެ ބައިވެރިވުން
ޑްރަގް ނެޓްވޯކް ތަކުން މަސްތުވާތަކެތީގެ ވިޔަފާރީގައި އަންހެނުންނާއި ކުޑަކުދިން ބޭނުންކުރުން ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. މަސްތުވާތަކެތީގެ ވިޔަފާރީގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްފައި އޮތް މިންވަރުން އެކަމުގެ ތެރޭގައި އަންހެން ޖީލެއް އުފެދި ނުރައްކަލަށް ހުށަހެޅިގެން ދިއުމަކީ ފުލުހުން އިންތިހާ އަށް ކަންބޮޑުވާ މައްސަލަ އެކެވެ.
"މަޖުބޫރު ވެގެން ނަމަވެސް ނުވަތަ އޭގެއިން ލިބޭ ނަފާގެ ބޭނުމުގައި ކަމަށްވީ ނަމަވެސް ނުވަތަ ނޭނގި ނަމަވެސް އަންހެނުން މީގެ ތެރޭގައި ބައިވެރިކުރާ މިންވަރު އިތުރުވެ ކަންބޮޑުވުން އެބައޮތް،" ޑްރަގް އެންފޯސް ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު ވިދާޅުވި އެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައެއް ބިދޭސީން، ރާއްޖޭގައި ތިބެގެން އެ ވިޔަފާރި ކުރުމުގެ ފަސޭހައަކަށްޓަކައި ދިވެހި އަންހެނުންނާއި ކައިވެނިކުރަމުންދާ ކަމަށް ފުލުހުންގެ ތަހުގީގުތަކަށް ހޯދިފައިވެ އެވެ. އެފަދަ ދެމަފިރިއެއްގެ ޑްރަގް ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ގޮތްވެސް ފުލުހުން ނޫސްވެރިންނަށް ދައްކާލި އެވެ. އެފަދަ އެކަކީ އިންޑިއާގެ ފިރިހެނެކެވެ. މާލޭ މީހަކާ ކައިވެނިކޮށްގެން އޭނާ ވަނީ ތަފާތު ވިޔަފާރިތަކަށް އިންވެސްޓްކޮށްފަ އެވެ. ރާއްޖެއަށް އޭނާ އެތެރެކުރާ ތަރުކާރީއާއި މޭވާގެ ބައެއް ބާވަތްތަކުގައި ޑްރަގްސް ބަންދުކޮށްގެން އެ ތަކެތި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްކާލުމަށް އެޖެންޓުންގެ ގޮތުގައި މައިގަނޑު ގޮތެއްގައި އޭނާ ބޭނުންކުރަނީ ބިދޭސީންނެވެ. މީގެތެރޭގައި މިސަރަހައްދުގެ ގައުމުތަކަށް ނިސްބަތްވާ ފިރިހެނުން ފަދައިން ޑްރަގްސް ވިޔަފާރިއަށް ސީދާ އަމާޒުކޮށްގެން ތަމްރީން ދީފައިވާ ބިދޭސީ އަންހެނުން ވެސް މިކަމުގެ ތެރޭގައި ޝާމިލްވެ އެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކުރުމަށްޓަކައި ޑްރަގް ނެޓްވޯކްތަކުން ރަށްތަކަށް މީހުން ފޮނުވައިގެން އެތަންތަނުގައި ދިރިއުޅޭ މީހުންތަކެއް އުޅޭ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ) އިން ހިއްސާކުރި މައުލޫމާތަށް ބަލާއިރު ކުށުގެ ވެށިން ތަކުރާރުކޮށް ފާހަގަކުރެވޭ ހަތް ކުއްޖަކު އުޅެ އެވެ. ކުޑަކުދިންގެ ގާނޫނު މިހާރު އޮތް ގޮތުން 15 އަހަރުން ދަށުގެ ކުދިން ހައްޔަރުކޮށްގެން ގެންގުޅުމަކީ ފުލުހުންނަށް މިހާރު އޮތް ބާރެއް ނޫނެވެ. ފުލުހުންނަށް އެގޮތުން ފާހަގަކުރެވޭ އުމުރުން 14 އަހަރުގެ ކުއްޖަކަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތު ކުރެވިގެން 50 އަށް ވުރެ ގިނަ ފަހަރު ހުއްޓުވައި ސުވާލުކޮށްފައިވެ އެވެ. އަދި އިތުރު އެހެން ބައެއް މައްސަލަތަކުގައި 354 ފަހަރު އެ ކުއްޖާއާ ފުލުހުން މުއާމަލާތް ކުރަންޖެހިފައިވެ އެވެ.
އެފްސީޕީޑީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ތިން އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 13-18 އަހަރާ ދެމެދުގެ 932 ކުއްޖަކު ހައްޔަރުކޮށްފައިވެ އެވެ. މީގެ ތެރެއިން 525 ކުދިންނަކީ 18 އަހަރުގެ ކުދިންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި މާލެ އިން އެކަނިވެސް 9،047 ކުދިން ހައްޔަރުކޮށްފައިވެ އެވެ. ހުޅުމާލެ އިން 1،011 ކުދިން ހައްޔަރުކޮށްފައިވާއިރު ވިލިމާލެ އިން 960 ކުދިން މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކުގައި ހައްޔަރުކޮށްފައިވެ އެވެ.
ޑްރަގު ނެޓްވޯކް ތަކުން ހިންގާ މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބައިވެރިކުރުވަނީ އެ ކުދިން ރުހޭ އަދި ގަޔާވާ ކަންތައްތަކެއް ކޮށްދިނުމަށްފަހު އެވެ. އެފަދަ ކުދިން ހޯދަނީ ދިރިއުޅުމުގެ ހާލަތު ދަށް އާއިލާތައް ބަލައިގެންނާއި އާއިލީ މައްސަލަތަކުގައި އުޅޭ ކުދިން ހޯދައި ބަލައިގެން ކަމަށް ތަހުގީގުތަކުން ހޯދިފައިވެ އެވެ. އެ ކުދިންގެ ސިކުނޑިތަކާ ކުޅެލެމުން ވަކިން އެޕާޓްމަންޓްތައް ކުއްޔަށް ނަގައިދީގެން އެ ކުދިން އެ ތަންތަނުގައ ބައިތިއްބާފައި އެބަހުއްޓެވެ. އަދި އެފަދަ އެ ޕާޓްމަންޓްތަކުގައި އެ ކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ބައިތައް ވަކިކޮށް ވަކި ބަރުދަނެއްގައި ކޮތަޅުގައި ޕެކް ކުރުމުގެ މަސައްކަތް ކުރުވަ އެވެ.
އެފްސީޕީޑީގެ އޮފިޝަލަކު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެފަދަ ބައެއް ތަންތަން ބަލައި ފާސްކޮށް އެފަދަ އެޕާޓްމަންޓް ތަކުގައި ތިބޭ ކުދިން ޓެސްޓް ކުރުމުން މަސްތުވާތަކެތީގެ ބައެއް ބާވަތްތަކަށް ބައެއް ކުދިން ޕޮޒިޓިވްވެފައި ހުންނަ ކަމަށެވެ. ޑްރަގް ނެޓްވޯކްތަކުން އެފަދަ ކުދިން ރެކްރޫޓް ކޮށްފައި ހުންނަނީ ހައްޔަރުކޮށްފިނަމަ ނެޓްވޯކްތަކުގެ އިސް މީހުންގެ މައުލޫމާތު ނުދޭ ގޮތަށެވެ. ފުލުހުން ސުވާލުކުރާ ކުދިން ތަހުގީގުތަކަށް އެއްބާރުލުން ނުދޭ މައްސަލަ ވެސް ބޮޑެވެ.
"އެ ކުދިން ރެކްރޫޓްކޮށްފައި ހުންނަނީ ފުލުހުން ހައްޔަރުކޮށްފިނަމަ ކުރީބައިގައި ކަންކަން ކުރަންވީ ގޮތް ބުނެދީފައި. ފުލުހުން ސުވާލުކޮށްފިއްޔާ އަމަލުކުރަންވީ ގޮތާއި މައުލޫމާތު ހިފަހައްޓަންވީ ގޮތް ހުންނަނީ ބުނެދީފައި،" އެފްސީޕީޑީގެ އޮފިޝަލް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކާއި އަދި އެހެން ކުށްތަކުގައި އުޅޭ ކުޑަކުދިންގެ މައްސަލަ ހައްލުކުރުމަށް ވެސް ރިހިބިލިޓޭޝަން ސެންޓަރުތަކެއް މުހިއްމު ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ރަނގަޅު ނިޒާމެއްގެ ތެރެއިން އެފަދަ މަރުކަޒެއް ގާއިމުވެފައި ނެތުމަކީ ފުލުހުންގެ ކަންބޮޑުވުމެކެވެ.
ޑްރަގު އެތެރެކުރާ ގޮތާއި ވިޔަފާރީގެ ޓްރެންޑް ބަދަލުކުރުން
މަސްތުވާތަކެތީގެ މައްސަލަ އަކީ ބައިގަރުނު -- 50 އަހަރުވެފައި އޮތް މައްސަލައެއް ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުންނަށް މިދިޔަ ތިން އަހަރު އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން 1،390.5 ކިލޯއަށް އަރަ އެވެ. އެއީ 2019 ވަނަ އަހަރު އަތުލައިގަނެވުނު 518.7 ކިލޯއާއި، 2020 ވަނަ އަހަރު އަތުލައިގަނެވުނު 384.1 ކިލޯއާއި 2021 ވަނަ އަހަރު އަތުލައިގަނެވުނު 487.7 ކިލޯގެ މަސްތުވާތަކެއްޗެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ޑްރަގް ނެޓްވޯކް ތަކުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކާ ގޮތް 2016 ވަނަ އަހަރުން ފެށިގެން ދަނީ ބަދަލުކުރަމުންނެވެ.
ޝާކިރު ވިދާޅުވި ގޮތުގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ގޮތް ބަދަލުކޮށްގެން ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން 300 ޕަސަންޓް އިތުރުވެއްޖެ އެވެ. އެންމެ ގިނައިން އެތެރެކުރަނީ ކެނަބިސް އާއި ހެރޮއިން އެވެ. ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން ކުރީގައި އެންމެ އާންމުކޮށް ބޭނުންކުރީ ރާއްޖޭގެ އުތުރުގެ ކަނޑުގެ ސަރަހައްދެވެ. އެކަމަކު އެ ސަރަހައްދު ބެލެހެއްޓުން އިތުރުވެފައިވާތީ ކަނޑު މަގުން މިހާރު އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަނ ރާއްޖޭގެ ހުޅަނގު ފަރާތުން ކަނޑުގެ ސަރަހައްދުންނެވެ. އެ ސަރަހައްދު ބެލެހެއްޓުން ކުޑަވުމާއި މަސްވެރިންގެ ހަރަކާތްތައް މަދުވުމަކީ ޑްރަގް ނެޓްވޯކްތަކުން އެ މަގު މިހާރު ބޭނުންކުރާ ސަބަބެކެވެ.
ރާއްޖެއަށް ކަނޑު މަގުން މިހާރު އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަނީ ހދ. މަކުނުދޫ ހުޅަނގުންނާއި، އއ. އަތޮޅާއި އަދި ބ. އަތޮޅާ ދެމެދުންނާއި، ގއ. ގދ އަތޮޅުގެ ހުޅަނގުންނާއި އައްޑޫ ސިޓީގެ ދެކުނު ޗެނަލުންނެވެ.
ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ހިއްސާކުރައްވަމުން ޝާކިރު ވިދާޅުވީ ރާއްޖެ ހިމެނޭ ގޮތަށް މިސަރަހައްދުގެ ގައުމުތަކަށް ފޮނުވަން 200 ޓަނުގެ ހެރޮއިން ޝިޕްމަންޓެއް މިހާރުވެސް ހުރީ ތައްޔާރުކޮށްފަ އެވެ. އަދި ހެރޮއިން އުފެއްދުމަށް އާ ގޮތްތައް ހޯދައި، ހެރޮއިން އުފެއްދުން އަވަސްކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންވެ އެތަކެތި އަތުލައިގަތުމުގައި ފުލުހުންނަށް ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.
އުތުރު އެމެރިކާ އިން އިރުމަތީ އޭޝިއާ އަށް ފޮނުވާ މަސްތުވާތަކެތި އުފުލުމުގައި ހަރަކާތްތެރިވާ މީހުންގެ އެންމެ އާންމު ޓްރާންސިޓް ޕޮއިންޓަކީ ދިވެހިރާއްޖެ އެވެ. އެގޮތަށް ޓްރާންސިޓް ކުރާ ބައެއް މީހުންގެ އެފަދަ ދަތުރުތަކުގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެވުން ވެސް އިތުރުވެފައިވެ އެވެ. ހާއްސަކޮށް ބްރެޒިލްގެ ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއަށް ޓްރާންސިޓް ކުރާ މީހުން ރާއްޖެއަށް ކޮކެއިން އެތެރެކުރުން ދަނީ އާންމުވަމުންނެވެ. އެތަކެތި ފޮނުވާ އަސްލު މަންޒިލް ތަކަކީ ސިންގަޕޫރާއި ތައިލެންޑް ފަދަ ގައުމުތަކެވެ.
ޑްރަގް ވިޔަފާރި ރާއްޖޭގައި މިހާރު ކުރަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ނުރައްކާތެރި ޑްރަގް ކާޓަލްތައް ހިންގާ ފެންވަރުގަ އެވެ. މަސްތުވާތަކެތި ވައިގެ މަގުންނާއި ކަނޑުމަގުން ގެނައުމަށް ވަކި ބަޔަކު ހާއްސަކޮށްފައިވެ އެވެ. މަސްތުވާތަކެތި ޕެކް ކޮށް މަގުމަތިން ވިއްކާލުމަށް ޑިއުޓީ އުސޫލުން އެކަން ކުރާ ބަޔަކު ތިބެ އެވެ. ބޭރުގެ ނެޓްވޯކްތަކާއި މުއާމަލާތް ކުރުމަށާއި ފައިސާ ބެލެހެއްޓުމަށް ވަޒީފާ ދީގެން ގެންގުޅޭ މީހުން އުޅެ އެވެ.
ފުލުހުންނަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޑްރަގް ނެޓްވޯކް ތަކުގެ ބޮޑުން އެހެން މީހުން ބޭނުންކޮށްގެން މިލިއަނުން ހޯދާ ފައިސާ ހިފެހެއްޓުމާއި އަތުލައިގަތުމުގައި ހުރި ގާނޫނީ މައްސަލަތަކެވެ. ޑްރަގް ނެޓްވޯކް ތަކުގެ ބޮޑުން ގެންދަނީ މަސްތުވާތަކެތީގެ ވިޔަފާރިއާއި އެހެން ބައެއް ކުށްތައް ކޮށްގެން ހޯދައި ފައިސާ ގާނޫނު ހުއްދަކުރާ ވިޔަފާރިއަށް އިންވެސްޓްކޮށް ކަޅުފައިސާ ދޮވުން ނުވަތަ މަނީ ލޯންޑާ ކުރަމުންނެވެ. އެގޮތުން ޑްރަގުގެ ބޮޑުން ގެންދަނީ ބިންތަކާއި، އަގު ބޮޑެތި އެޕާޓްމަންޓްތަކާއި، ސަފާރީއާއި، ރެސްޓޯރަންޓާއި، ގެސްޓްހައުސްތައް ގަންނަމުންނެވެ. އެ މީހުން ހޯދާ ކަޅު ފައިސާ، ގާނޫނު ހުއްދަކުރާ ވިޔަފާރިތަކަށް އިންވެސްޓްކޮށް އެފަދަ ވިޔަފާރިތަކަށް ވަރަށް ބޮޑެތި ނުފޫޒު ފޯރުވަމުންދާ ކަމަށް ތަހުގީގުތަކަށް ފާހަގަކުރެވިފައިވެ އެވެ.
ޑްރަގް ނެޓްވޯކްތަކުގެ ބޮޑުން ހޯދާފައި އެވަނީ ނުހައްގު މުއްސަނދި ކަމެކެވެ. އެކަމަކު އެ މީހުންނަކީ ދައުލަތުގެ ވަޒީފާއެއްގައި ތިބި ބަޔަކަށް ނުވާތީ ނުހައްގު މުއްސަނދި ކަން ހޯދާ މީހުންގެ ފައިސާއާއި މުދާ ދައުލަތަށް ނެގޭ ގޮތަށް އެމީހުންގެ މުދަލާއި ފައިސާ ނެގޭނެ ގޮތެއް ނެތެވެ. އަދި އެ ފައިސާ ހޯދާފައި ހުރީ ނުހައްގުން ކަން ސާބިތުކުރުމުގައި ހުރި ގާނޫނީ ދަތިތައް ފުލުހުން ފާހަގަކުރެ އެވެ. މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ، ހަރުކަށި ފިކުރުގެ މީހުން ހިންގާ ޓެރަރިޒަމްގެ ހަރަކާތްތައް ހޭދަކުރާ ކަމަށްވެސް ފުލުހުން ތުހުމަތުކުރެ އެވެ.
ހާލަތު ބަދަލުކުރަން އިދާރާތަކުގެ ގުޅުން ހަރުދަނާކުރުން
މަސްތުވާތަކެތީގެ ނުރައްކާ އޮތް މިންވަރު ނޭނގޭ މީހަކު އަދި ނޭނގޭ އިދާރާއެއް ނެތެވެ. މިއީ ހުއްޓުވަން ޖެހޭ އަދި އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ މައްސަލައެއް ކަމަށް އިދާރާތަކުން އެއްބަސްވެ އެވެ. އެކަމަކު ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުން އެކަށީގެންވާ ގޮތަކަށް ކުރިއަކަށް ނުދެ އެވެ. އަލަށް ވުޖޫދުކުރަންޖެހޭ ގާނޫނުތަކެއް ހުރިއިރު އެކަމުގެ އަމަލީ މަސައްކަތްތައް އަދިވެސް ފެށިފައެއް ނުވެ އެވެ.
ފުލުހުން ކާމިޔާބު ޑްރަގް އޮޕަރޭޝަންތަކެއް ހިންގާ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލަ އެވެ. ނަމަވެސް ގާނޫނީ ގޮތުން ހުރި މައްސަލަތަކާއި ގޮންޖެހުންތަކުގެ ސަބަބުން ޑްރަގު އެތެރެކޮށް ވިއްކާ މީހުން ހައްޔަރުކުރުމުގައި އަދިވެސް ވަރަށް ގިނަ ގާނޫނީ ހުސްކަން އެބަހުއްޓެވެ. ގާނޫނުގައި ހުރި ލޫޕްހޯލްތައް ބޭނުންކޮށްގެން ކޯޓު ތެރެއިން ބޮޑެތި ޑްރަގު ޑީލަރުން ސަލާމަތްވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. އެ މީހުން ސަލާމަތްވުމަކީ ފުލުހުންގެ މަސައްކަތަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
ކޮމިޝާނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ކުށުގެ ވެށިން މީހުންނާއި ތަކެތި އަތުލައިގަތުމުގައި ފުލުހުންނަށް ބައެއް ފަހަރު ގޯސްހެދި ބައެއް މީހުން ސަލާމަތްވެފައި ހުރި ކަމަށެވެ. ހަމަ އެގޮތަށް ޕީޖީ އޮފީހުގެ ވަކީލުންނަށް ޝަރީއަތުގައި ދިފާއީ ރޯލް އަދާކުރެވޭ ގޮތަކުން ވެސް މަސްތުވާތަކެތީގެ މީހުން ދޫވާ ކަމަށެވެ. ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުންނަށް ބައެއް ކަހަލަ މައްސަލަތައް އޮޅުން ފިލުވައިދިނުމަށާއި ހެކި ހުށަހަޅައި ދިނުމުގައި ހުންނަ އުދަގޫ ކަންތައްތަކެއްގެ ސަބަބުން ވެސް ކުށްވެރިން ދޫވާ ކަމަށް ސީޕީ ހަމީދު ގަބޫލުކުރައްވަ އެވެ.
"ފުލުހުންނެކޭ އެއްގޮތަށް ޕްރޮސެކިއުޝަންގައި ވެސް ގޯސް ހެދޭ ފަހަރު އަންނަކަން ގަބޫލުކުރަންޖެހޭ،" ސީޕީ ވިދާޅުވި އެވެ.
ޖިނާއީ އަދުލުގެ ނިޒާމާ ގުޅިފައިވާ ފަރާތްތަކާ ގުޅިގެން މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލުތަކެއް ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ފެށުމަށް ފުލުހުން ވަނީ ނިންމާފަ އެވެ. މަސްތުވާތަކެއްޗާ ގުޅޭ ހުރިހާ މައުލޫމާތެއް އެއްތަނަކުން ލިބޭ ގޮތަށް ފުލުހުންގެ އިންޓަގްރޭޓެޑް ޑްރަގް އެންފޯސްމަންޓް ޑޭޝްބޯޑް ވެސް މިހާރު ވަނީ އިފްތިތާހުކޮށްފަ އެވެ. ޑޭޝްބޯޑް އިތުރަށް ފުރިހަމަކޮށް ކަމާ ގުޅޭ ހުރިހާ ފަރާތްތަކަކަށް އެ މައުލޫމާތު ބަލައިލެވޭނެ ގޮތް ހެދުމަށްވެސް ފުލުހުން ވަނީ މަސައްކަތް ފަށާފަ އެވެ. އެ މަސައްކަތުގެ ތެރެއިން ވެސް ހާލަތު ބަދަލުކުރުމަށް ފަސޭހަތަކެއް ލިބޭނެ ކަމަށް ފުލުހުންނަށް ގަބޫލުކުރެވެ އެވެ. މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލެއް ހޯދުމަށް އަމާޒުކޮށްގެން 12 ކަމެއް ހިމެނޭ އެކްޝަން ޕްލޭނެއް ފުލުހުން ވަނީ އެކުލަވާލާފަ އެވެ. އެ ޕްލޭނަށް ފުލުހުން މަސައްކަތް ފެށިތަނާ ކަހަލަ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހާއްސަ ޓާސްކް ފޯހެއް އުފައްދަވާފަ އެވެ. ރައީސް ސޯލިހް ރިޔާސަތު ބަލަހައްޓަވާ ގޮތަށް އުފެއްދެވި ޓާސްކް ފޯހާ އެކު ވެސް މައްސަލަ އަށް ހައްލުތަކެއް ހޯދޭނެ ކަމަށް ސީޕީ ހަމީދު ގަބޫލުކުރައްވަ އެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުންގެ ކުރިމަތީގައި ހުރި ގޮންޖެހުންތައް ގިނަ އެވެ. އެކަމަކު ފުލުހުން، އެ އިދާރާގެ މަސައްކަތުގައި ސާބިތުވެ ތިބީ ރަގަޅު ނަތީޖާތަކެއް ވަރަށް އަވަހަށް ފެންނާނެ ކަމުގެ އުއްމީދުގަ އެވެ.