ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މަރަދޫ

އައްޑޫގެ ކޮވިޑް ގިނަ ކޭސްތައް މަރަދޫގައި

Sep 9, 2021

ކޮވިޑްގެ ހާލަތު ގޯސްވެފައިވާ އައްޑޫ ސިޓީގައި އެކްޓިވް ކޭސްތައް އެންމެ ގިނައީ މަރަދޫގަ އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މުޅި ސިޓީން 1088 މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ. އޭގެތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ތިބީ 309 މީހުންނެވެ.

އެކްޓިވްސް ކޭސްގެ ގޮތުގައި އެންމެ ގިނަ މީހުން ތިބީ މަރަދޫގަ އެވެ. އެރަށުގައި 134 މީހުން ބައްޔަށް ފަރުވާ ހޯދަމުންދާއިރު ހިތަދޫއިން ބަލިޖެހިފައި ތިބީ 95 މީހުން އަދި މީދޫ އިން 32 މީހުންނެވެ. ފޭދޫ އިން 27 މީހަކަށް ބަލިޖެހިފައިވާއިރު މަރަދޫފޭދޫ އަދި ހުޅުދޫގައި ތިބީ 10 މީހުންނެވެ. ގަމުގައި މިވަގުތު އުޅެނީ އެންމެ އެކްޓިވް ކޭސް އެކެވެ.

އިއްޔެ އެކަނި ވެސް އައްޑޫ ސިޓީން އަލަށް 13 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.

އައްޑޫ ސިޓީގައި ބަލިޖެހިފައިވާ މީހުންގެ ތެރެއިން ހަތަރު މީހަކު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ. މިހާތަނަށް އެ ސިޓީން ތިން މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

އައްޑޫގެ ހާލަތު ގޯސްވުމާއި ގުޅިގެން މިހާރު އެ ސިޓީގައި ވަނީ ކާފިއު ހިންގާ، ސުކޫލުތައް ވެސް ބަންދުކޮށްފަ އެވެ.

ކާފިއު ވަގުތު ފިހާރަތަކާއި ކެފޭ / ހޮޓާ އަދި އާންމު ހިދުމަތް ދިނުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ހާއްސަ ހުއްދައެއް ނަގައިގެން ރޭގަނޑު 12 ޖެހުމާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ. ޓެކްސީ ސެންޓަރުތަކަށްވެސް ހުއްދަ ދޭނީ ސެންޓަރަކަށް ދެ ޓެކްސީ އަށެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މީގެ ކުރިން ވިދާޅުވެފައި ވަނީ މި ފިޔަވަޅުތައް އެޅީ މަޖުބޫރު ވެގެން ކަމަށާ ފިޔަވަޅުތައް ތަންފީޒު ކުރަން ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.