މަރަދޫ

މަރަދޫ ސްކޫލަށް އިތުރު 12 ކްލާސްރޫމް

މަރަދޫ ސްކޫލްގައި އަލަށް އިމާރާތްކުރި 12 ކްލާސްރޫމްގެ އިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ. އެ އިމާރާތް ހުޅުވައިދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އެ ސްކޫލަށް ކުރެއްވި ޒިޔާރަތުގައެވެ.

މަރަދޫ ސްކޫލްގެ 12 ކްލާސްރޫމްގެ އިމާރާތް ތަރައްގީ ކުރުމަށް ސަރުކާރުން 9،591،150.95 ދިވެހި ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ އިތުރުން ވެސް މަރަދޫ ސްކޫލްގެ އިތުރު ތަރައްގީގެ މަޝްރޫއުޔތައް ވަނީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައެވެ.

މަރަދޫ ސްކޫލަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ފޭދޫ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ސްކޫލްގެ މެނޭޖްމަންޓާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. ފޭދޫ ސްކޫލްގައި ދެ ކްލާސްރޫމާއި ހެލްތް ރޫމާއި ކައުންސިލާސް ރޫމް އަދި ގުދަން އިމާރާތް އަޕްގްރޭޑް ކުރުން ވަނީ މިއަހަރަށް ބަޖެޓް ކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އައްޑޫ ސިޓީއަށް ވަޑައިގެންފައި މި ވަނީ އެ ދެ ކަނބަލުން ފުވައްމުލަކު ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ