ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫ ކޮވިޑް ކޭސްތައް 700 އިން މަތީގައި

Jan 29, 2022

އައްޑޫ ސިޓީގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ، ބަލި ޖެހިފައިތިބި މީހުންގެ އަދަދު 700 އިން މައްޗަށް އަރައިފި އެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު އެ ސިޓީގައި ބަލިޖެހިފައި 776 މީހަކު އެބަ ތިއްބެވެ. މިއީ އައްޑޫގައި ބަލި ޖެހިފައި ތިބި މީހުންގެ ރެކޯޑު އަދަދެކެވެ.

އެ ސިޓީ އިން އިއްޔެ އަލަށް 81 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

އެންމެ ގިނަ މީހުންނަށް ބަލިޖެހިފައި ތިބީ ހިތަދޫގަ އެވެ. އެއީ 355 މީހުންނެވެ. ފޭދޫގައި 133 މީހަކަށް ބަލިޖެހިފައި ތިބިއިރު، މީދޫގައި 124 މީހަކު ތިބީ ޕޮޒިޓިވްވެފަ އެވެ. ހުޅުމީދޫގައި 65، މަރަދޫގައި 55 އަދި މަރަދޫފޭދޫގައި ބަލި ޖެހިފައިތިބި 25 މީހަކު އެބަ ތިއްބެވެ.

އައްޑޫ ސިޓީއިން މިހާތަނަށް ބަލި ޖެހެގެން 15 މީހަކު ވަނީ މަރުވެފަ އެވެ.

އާބާދީ ބޮޑު އެހެން ރަށްރަށަށް ބަލާއިރު ގދ. ތިނަދޫގައި ވެސް ކޮވިޑް ހާލަތު ދަނީ ގޯސްވަމުންނެވެ. އެގޮތުން އިއްޔެ އަލަށް އެރަށުން 77 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ބަލި ޖެހިގައި 343 މީހުން އެބަ ތިއްބެވެ. އެރަށުން ކޮވިޑް ޖެހިގެން މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފަ އެވެ.

ފުވައްމުލަކު ސިޓީގައި ވެސް ކޮވިޑް ފެތުރެމުން އަންނައިރު، އެ ސިޓީ އިން އިއްޔެ އަލަށް 66 މީހަކު ޕޮޒިޓިވްވި އެވެ. އެކްޓިވް ކޭސްގެ ގޮތުގައި އެ ސިޓީގައި 347 މީހުން އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑްގެ އާ ވޭރިއެންޓް، އޮމިކްރޯން ފެތުރެމުން އަންނައިރު، މުޅި ރާއްޖެއިން އިއްޔެ 2510 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.