މާލޭގައި މިއަދު 17 އަހަރުގެ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މިއަދު އެ ހަމަލާދީފައިވަނީ މިއަދު ހަވީރު 5:30 ހާއިރު މާފަންނު ނަސީމީ ހިނގުމުގައި ކަމަށާއި އަނިޔާ ލިބުނު ކުއްޖާއަށް ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
އެ ހަމަލާ ދީފައި މިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުންނަށް ހަމަލާދޭ މައްސަލަތަކުގައި ހަރުކަށި އުސޫލުތަކަކާއި ބޮޑެތި އަދަބުތަކެއް ދޭންޖެހޭ ގޮތަށް މިދިޔަ މަހު ގާނޫނު އިސްލާހު ކުރި ފަހުންނެވެ. އެގޮތުން ތޫނު އެއްޗެހިން ހަމަލާދޭ މީހުންނަށް 15 އަހަރުގެ ޖަލު ހުކުމްތައް އައުމުގެ އިތުރުން ތަހުގީގުގައި ހަނު ނުހުރެވޭ ގޮތަށާއި ވަކި މުއްދަތެއް ވަންދެން ވަކީލާ ބައްދަލު ނުކުރެވޭ ގޮތަށް ވަނީ ހަދައިފަ އެވެ.