ހައިކޯޓް

ކައުންސިލްތަކަށް ކޯޓުގައި ދައުލަތް ތަމްސީލެއް ނުކުރެވޭނެ: ހައިކޯޓު

ރަށްރަށުގެ ބިމުގެ މައްސަލަތަކުގައި އެ ރަށްރަށުގެ ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލް ނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ހައިކޯޓުން އިއްޔެ ކުރި ހުކުމެއްގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ބިން މިލްކު ވަނީ ދިވެހި ދައުލަތަށް ކަމަށެވެ. އެހެންކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން މެނުވީ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ކައުންސިލް ތަކަށް ދައުލަތް ތަމްސީލު ކުރެވިދާނެ ކަމަށް ބުރަ ނުވެވޭ ކަމަށެވެ.

ހައިކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ އދ. ފެންފުށީ ބިމެއްގެ މައްސަލާގައި އެ ރަށު ކައުންސިލާ ދެކޮޅަށް ރައްޔިތަކު ހުށަހެޅި މައްސަލައެއްގަ އެވެ. އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ދައުލަތަށް ރައްދުވާ މައްސަލައެއްގެ ގޮތަށެވެ.

މައްސަލައިގައި ޖަވާބުދާރީވާން އެ ކައުންސިލަށް އެންގުމުން ކައުންސިލުން ބުނެފައިވަނީ ވަކީލަކު ނެތް ކަމަށާއި ކައުންސިލްގެ ފަރާތުން ޖަވާބުދާރީ ވާނީ އެޓާނީ ޖެނެރަލް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އޭޖީ އޮފީހަށް ޖަވާބުދާރީ ވާން ކޯޓުން އެންގި އެވެ.

ނަމަވެސް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 22 ވަނަ މާއްދާއާއި ހަވާލާދީ އޭޖީ އޮފީހުން ބުނެފައިވަނީ ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ގާނޫނީ ސަހުސިއްޔަތަކަށް ވާތީ މި މައްސަލައިގައި ވަކާލާތު ކުރަން ނުފެންނަ ކަމަށެވެ.

މި ބަހުސް އެގޮތަށް އައުމުން، ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ ކުރިން ހައިކޯޓުން އެންމެ ފުރަތަމަ ވަނީ މިކަމަށް ގޮތެއް ކަނޑައަޅާފަ އެވެ. މި މައްސަލައަކީ ރައްޔިތެއްގެ ފަރާތުން އެ ކޯޓަށް އިސްތިއުނާފު ކޮށްފައިވާ މައްސަލައަކަށްވެފައި، ދައުލަތް ތަމްސީލުކުރާނެ ފަރާތެއް ނެތިގެން އެ މައްސަލަ ކޯޓުން ބޭރުވެގެން ނުދާނެ ކަމަށް އެ ހުކުމް ބުނެ އެވެ.

"ކައުންސިލަކީ ގާނޫނީ ޝަހްސިއްޔަތަކަށް ވިޔަސް ދައުލަތް ތަމްސީލުކުރުމުގެ ބާރު ކައުންސިލަށް ލިބިދީފައެއް ނެތެވެ. ހަގީގަތަކީ، ރަށު ކައުންސިލްގެ އިހްތިސާސްގައި ނުވަތަ ރަށު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރުން ހިމެނި އެބާރު ލިބިދީފައި ނެތްކަމެވެ،" ހައިކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހަވާލާދީ ބަންޑާރަނައިބަށް ދައުލަތް ތަމްސީލުކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް ގާނޫނަށް ދިން ތަރުޖަމާއަކީ ގާނޫނުސާސީއާއި ގާނޫނުތަކުގެ އަލީގައި ބަލާއިރު ރަނގަޅު ތަރުޖަމާއެއް ނޫން ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ދައުލަތުގެ އާންމު މަސްލަަހަތު ހިމެނޭ މިބާވަތުގެ މައްސަލަތަކުގައި ބަންޑާރަނާއިބާއި ކައުންސިލްތަކާ ދެމެދުގައި އޮންނަންޖެހޭ އިދާރީ ގުޅުން ތަންޒީމު ކުރުމަކީ ދެ މުއައްސަސާގެ ދެމެދުގައި ހަމަޖައްސަންޖެހޭ ކަމެއް ކަމަށްވެސް ހުކުމްގައި ބުނެފައިވެ އެވެ.