ގައުމީ އެއާލައިން މޯލްޑިވިއަންގައި މަސައްކަތް ކުރާ ގިނަ ޕައިލެޓުންތަކެއްް އެއްފަހަރާ އިސްތިއުފާ ދީފި އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި އިސްތިއުފާ ދީފައިވަނީ މޯލްޑިވިއަންގެ ސީޕްލޭންގެ ޕައިލެޓުންތަކެކެެވެ.
މޯލްޑިވިއަން އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ އިސްތިއުފާ ދިނީ ހަތް ޕައިލެޓުން ކަމަށެވެ.
އެ މީހުން އިސްތިއުފާ ދިނީ ވާދަވެރި އެއާލައިނަކަށް ދިއުމަށް ކަަމަށް އެނގިފައިވެ އެވެ.
މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމަށް އަވަސް އިން ގުޅާލުމުން ވިދާޅުވީ ޕައިލެޓުންތަކެއް އިސްތިއުފާ ދިންކަމަށް ބުނާ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އޭނާ ހިއްސާކުރައްވާފައެއް ނުވެ އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި އިސްތިއުފާދިން ޕައިލެޓުންގެ ތެރޭގައި ފްލައިޓް އޮޕަރޭޝަން މެނޭޖަރަކު ވެސް ހިމެނެ އެވެ.