ސަލްމާން ރަސްގެފާނު މިސްކިތް

ސަލްމާން މިސްކިތް ބެލެހެއްޓުމަށް ހިނގާ ހަރަދަށްވެސް ސައުދީގެ އެހީއަށް އެދިއްޖެ

Sep 9, 2021
5

ކިންގް ސަލްމާން މިސްކިތް ބެލެހެއްޓުމަކީ ބޮޑު ހަރަދެއް ހިނގާ ކަމަކަށްވާތީ އެގޮތަށް ހިނގާ ހަރަދު ހަމަޖެއްސުމުގައި ސައުދި އަރަބިއްޔާ ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރުކޮށް ސަލްމާން މިސްކިތާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަލްމާން މިސްކިތް ބެލެހެއްޓުމަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށް މިހާރުވެސް ބެލެވޭ ކަމަށެވެ.

ޑރ. އަހްމަދު ޒާހިރު ވިދާޅުވީ މިސްކިތް އަޅާފައިވަނީ މޫދާ ވަރަށް ކައިރީ ކަމަށްވާތީ މިސްކިތަށް ލޮނުގެ އަސަރު ކުރާ ކަމަށެވެ. އެކަމުގެ ސަބަބުން މިސްކިތުގެ ބައެއް ތަކެތި ދަބަރުޖަހާ ހަލާކުވަމުންދާ ކަމަށެވެ. އެހެންކަމުން ދަބަރު ފިލުވުމާއި ބައެއް ފަހަރު ތަކެތި ބަދަލު ކުރަންޖެހޭނެތީވެ މިސްކިތް ބެލެހެއްޓުމަށް ހިނގާ ހަރަދު ބޮޑުވާނެ ކަމަށެވެ.

ސަލްމާން މިސްކިތް ހުޅުވާނެ ތާރީހެއް ކަނޑައެޅުމުގެ މަޝްވަރާތަކަށް ދާދި ފަހުން ރާއްޖެ ވަޑައިގެންނެވި ސައުދީ ވަފްދުގެ ބޭފުޅުން ސަލްމާން މިސްކިތަށް ވަޑައިގަތުމުން އެ ބޭފުޅުންނަށް ވެސް އެ މައުލޫމާތު ހިއްސާކުރައްވާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިސްކިތް ފިނިކުރަން ބޭނުންކުރާ އޭސީ ތަކުގެ އައުޓްޑޯ ޔުނިޓްތައް އޭރުވެސް ހުރީ ވަރަށް ބޮޑަށް ދަނބަރު ޖަހާފައި. އެބޭފުޅުންނަށް [ސައުދީ ވަފްދަށް] ވެސް އެކަން ފާހަގަކުރެއްވުނު،" ޑރ. ޒާހިރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިސްކިތް ބެލެހެއްޓުމަށް ބޮޑު ހަރަދެއް ހިނގާނެތީވެ އެކަމަށް ހިނގާނެ ހަރަދު ތަކުގެ ތަފްސީލެއް ސައުދީ ވަފްދާ ހިއްސާކުރެއްވި ކަމަށެވެ. ސައުދީގެ ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު ދިވެހި ސަރުކާރުން ހުށަހެޅި ހަރަދާ މެދު ވަކި ޖަވާބެއް ދެއްވާނެ ކަމުގައި ވަފްދުން އެންގެވި ކަމަށްވެސް ވިދާޅުވި އެވެ.

"އެ ހަރަދު ލިބޭ ގޮތް ވެއްޖެނަމަ މައްސަލަތައް ހައްލުކުރުމަށް ފުރުސަތު ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިސްކިތް ހުޅުވާނެ ތާރީހަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ މިވަގުތަށް ހަމަޖެހިފައިވާ ގޮތުން މިސްކިތް ހުޅުވާނީ އަންނަ އަހަރުގެ ރަމަޟާން މަހަށް ކަމަށެވެ. އެކަމަކު ސައުދީ ވަފްދާ އެކު ބޭއްވި މަޝްވަރާތަކުގައި ރަމަޟާން މަހުގެ ކުރިން ވެސް މިސްކިތް ހުޅުވޭނެ ގޮތެއް އޮތް ނަމަ އެކަން ކޮށްދިނުމަށް އެދިފައިވާނެ ކަމުގައި މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ސަލްމާން މިސްކިތް އިމާރާތް ކޮށްފައިވަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ. ސަރުކާރުން އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގައެވެ. މިސްކިތުގެ މަޝްރޫއަށް 24.95 މިލިއަން ޑޮލަރު ހަރަދުވި ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.