މިރޭ ބާއްވަން ހަމަޖެހިފައިވާ ބަރުލަމާނީ ކެންޕެއިން ހަފްލާގެ މައުލޫމާތު އިއުލާނު ކުރުމަށް މާލެތެރޭގައި ދުއްވަމުން ދިޔަ ޕިކަޕު ހުއްޓުވާ ގެއްލުން ދީފި އެވެ.
އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި އެ ޕާޓީގެ އާންމު މެންބަރުން އިސްވެ ބަރުލަމާނީ ނިޒާމު ގެންނަން ގޮވާލާ ޕެޓިޝަނެއް ދަނީ ތައްޔާރު ކުރަމުންނެވެ. އެ މަސައްކަތް ފުޅާކޮށް ބޮޑު ކެންޕެއިނަކަށް ބަދަލުކޮށްފައިވާއިރު ބަރުލަމާނީ ކެންޕެއިން އިފްތިތާހު ކުރުމަށް މިރޭ ވެސްޓްޕާކް ސަރަހައްދުގައި ހާއްސަ އިވެންޓެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.
އެ އިވެންޓް އިއުލާނުކޮށް އިޝްތިހާރު ކުރުމަށް މާލެތެރޭގައި ޕިކަޕެއްގައި އަޑުގަދަކުރާ ބަހައްޓައިގެން ދުއްވަނިކޮށް ބަޔަކު ވަނީ އެ ޕިކަޕު ހުއްޓުވާ އިންޖީނު ނިއްވާލާ ސައުންޑް ސިސްޓަމަށް ގެއްލުން ދީފައެވެ.
މި ކެންޕެއިންގައި އިސްކޮށް ހުންނެވި ގާނޫނީ ވަކީލް މުހައްމަދު ނިޝާމް އިބްރާހިމް ވިދާޅުވީ ޕިކަޕު މަގުމައްޗަށް ނެރެފައިވަނީ ސިޓީ ކައުންސިލާއި ކަމާގުޅޭ އެހެން އިދާރާތަކުންވެސް ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަަމަށެވެ. އަދި އަޑުގަދަ ކުރާ ބޭނުން ކޮށްފައިވަނީވެސް ހުއްދަ ހޯދައިގެން ކަމަށެވެ.
އެ މަސައްކަތް ކުރަނިކޮށް ގުރޫޕަކުން އައިސް ޕިކަޕު ހުއްޓުވާ އިންޖީނު ނިއްވާލާ ސައުންޑް ސިސްޓަމަށް ވަނީ ގެއްލުން ދީފައެވެ. ނިޝާމް ވިދާޅުވީ މިއީ ބަޔަކު އަޑީގައި ތިބެގެން ހިންގި އަމަލެއް ކަަމަށާ އެކަން ފުލުހުންނަށް ރަސްމީކޮށް ހުށައަޅާނެ ކަމަށެވެ. އަދި މައްސަލަ ބަލައިދިނުމަށް އެދި އެ މަންޒަރު ފެންނަ ފޮޓޯތަކާއެކު ހުށައަޅާނެ ކަމަށެވެ.
މީގެ އިތުރުން އަސާސީ ހައްގަކަށް މި ގޮތަށް އަރައިގަތުމުން އެކަން އެޗްއާރުސީއެމަށްވެސް ހުށައަޅާނެ ކަމަށް ވިދާޅުވިއެވެ.