ޅ. އަތޮޅުގައި މިހާރު ކުރިއަށްދާ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޓްރެއިނިން ކޭމްޕުގެ ތެރެއިން ބުރާސްފަތި ދުވަހު ރ. މީދޫ އާއި ބައްދަލު ކުރި މެޗު ޒުވާން ޓީމު މޮޅުވެއްޖެ އެވެ.
ހިންނަވަރު ޓާފް ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 7-0ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ޒުވާން ޓީމުގެ ކެޕްޓަން އަބްދުﷲ ޔާމީން ވަނީ އެއް ގޯލު ޖަހާފަ އެވެ. ކޭމްޕުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ވެސް ޔާމީން ގޯލު ޖެހި އެވެ. ޔާމީންގެ އިތުރުން މި މެޗުގައި ދެން ގޯލު ޖެހީ އަރީން އަބްދުﷲ އިބްރާހީމް، އަހްމަދު ބައްސާމް މުހައްމަދު އަދި ޒަޔާން ނަސީރް އެވެ. މިއިން ކޮންމެ ކުޅުންތެރިއެއް ވެސް ވަނީ ދެ ގޯލު ޖަހާފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒަޔާން އެވެ.
އާދީއްތަ ދުވަހު 23 އަހަރުން ދަށުގެ ޓީމާއި ނައިފަރު ބައްދަލުކުރި މެޗާއި ހޯމަ ދުވަހު ނ. ހޮޅުދޫ އާއި ބައްދަލުކުރި މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ. އަދި އަންގާރަ ދުވަހު ނ. ކުޑަފަރީ އާއި ބައްދަލުކުރި މެޗުން ޒުވާން ޓީމު މޮޅުވީ 8-3 ގެ ނަތީޖާ އަކުންނެވެ. އެއަށްފަހު ޒުވާން ޓީމު ވަނީ ބުދަ ދުވަހު ޅ. ހިންނަވަރަށް ދަތުރުކޮށްފަ އެވެ.
މި ކޭމްޕުގެ ތެރޭގައި ޒުވާން ޓީމުން އިތުރު ދެ މެޗު ކުޅުނެވެ. އެއީ ހިންނަވަރު އަދި ޅ. ކުރެންދޫއާ އެވެ. ކޭމްޕް ނިންމުމަށްފަހު ޓީމު އެނބުރި މާލެ އަންނާނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
ޒުވާން ޓީމުން ޅ. އަތޮޅުގައި ކޭމްޕު ކުރަން ނިންމީ މިއަންނަ މަހު އޮންނަ އޭއެފްސީ އަންޑާ 23 އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗު ތަކަށް ތައްޔާރު ވުމަށެވެ. މި ދަތުރުގެ ކުރިން ވަނީ ޒުވާން ޓީމުގެ ސްކޮޑަށް ކުޅުންތެރިން ނެގުމަށް ޓްރަަޔަލްއެއް ވެސް ބާއްވާފަ އެވެ. މި ޓްރަޔަލް އަށް ފަހު ދަތުރުގައި ބައިވެރިވީ 27 ކުޅުންތެރިންގެ ސްކޮޑެކެވެ.
ކޮލިފިކޭޝަންގައި ރާއްޖޭގެ މެޗުތައް އޮންނާނީ މިއަންނަ އޮކްޓޫބަރު މަހުގެ 27 އިން 31 އަށް އުޒްބަކިސްތާނުގަ އެވެ. ރާއްޖެ ހިމެނޭ ގްރޫޕް ސީގައި ދެން އޮތީ އިރާން، ބަހުރެއިން އަދި އަފްގާނިސްތާން އެވެ.
ރާއްޖޭގެ ފުރަތަމަ މެޗު އޮތީ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އެވެ. މި މެޗުގައި ރާއްޖެ ބައްދަލުކުރާނީ އިރާނާ އެވެ. އޭގެ ފަހުން 29 ވަނަ ދުވަހު ދެވަނަ މެޗުގައި ބަހްރެއިނާއި ވާދަކުރުމަށް ފަހު ތިންވަނަ މެޗުގައި އަފްގާނިސްތާނާއި ބައްދަލުކުރާނީ 31 ވަނަ ދުވަހު އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާނީ ކޮލިފިކޭޝަންގެ ކޮންމެ ގްރޫޕަކުން ވެސް އެއްވަނައަށްދާ ޓީމެކެވެ. އަދި ކޮންމެ ގްރޫޕަކުން ވެސް ދެވަނައަށްދާ ޓީމު ތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހޯދާފައިވާ ހަތަރު ޓީމެއް މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައި ވާނެ އެވެ.