ތައިލެންޑްގެ ޖަންގައްޔެއްގެ ތެރެއަށް ގެއްލުނު މީހަކު ތިން ދުވަސް ފަހުން ހޯދައި ސަލާމަތްކޮށްފި އެވެ. އުމުރުން ދުވަސްވީ މިމީހާ އަކީ އިނގިރޭސި ވިލާތު މީހެކެވެ.
ލިއޮނާޑް ބެރީ ވެލާ މި ތިން ދުވަސް ތެރޭ ސަލާމަތުން ހުރީ ހަމައެކަނި ވާރޭ ފެން ބޮއިގެންނެވެ. އޭނާ ގެއްލި ނުފެނި ދިޔަ ތިން ދުވަހަކީ އެހިސާބުގަނޑުގެ ހޫނުމިން 35 ޑިގްރީ އަށް އަރާފައި ހުރި ދުވަސްވަރެކެވެ. ލިއޮނާޑް ބުނި ގޮތުގައި ދިގު ވިނަތަކުން ހޮޅިއެއް ހަދައިގެން ވާރޭ ފެން އެޅިފައިވާ ވަޅުވަޅުކޮޅުން އޭނާ ފެން ބޮއިގެން ކަރުހިއްކުން ފިލުވި ކަމަށެވެ.
މަގު ހޯދަން ފަސޭހައަށް ދުރު ބަލާލުމަށް އޭނާ ގަހަކަށް ވެސް އެރި ކަމަށާއި އެ ވަގުތު ވާރޭގެ ތޫފާނެއް އައުމުން ގަހުން ފައިބަން މަޖްބޫރުވީ ކަމަށް ވެސް ލިއޮނާޑް ބުންޏެވެ. އޭނާ ތިން ދުވަސް ހޭދަކުރި ޖަންގައްޔަކީ ބޮޑެތި ސާރިދޯޅުތަކާއި ހަރުފަތައް ގިނަ އަދަދަކަށް އުޅޭ ތަނެކެވެ.
އުމުރުން 72 އަހަރުގެ ލިއޮނާޑް ގެއްލުމުގެ ކުރިން އެންމެ ފަހުން ފެނުނީ އޭނާގެ އަންހެނުން ޓަވީ ލިއޮނާޑް 49، އަށެވެ. އެއީ މިމަހުގެ އެއްވަނަ ދުވަހު އެވެ. އެ ދުވަހު އޭނާ ގެއިން ނުކުމެގެން މޮޓޯސައިކަލުގައި ދިޔަ ގޮތަށް ދެން އޭނާގެ ޚަބަރެއް ނުވެ ގެއްލުނީ އެވެ. އަނެއް ދުވަސް ވީއިރުވެސް ލިއޮނާޑް ނައުމުން އޭނާގެ އަންހެނުން ކަންބޮޑުވެގެން ހަދާނެ ގޮތް ހުސްވެގެން ފުލުހުންނަށް އެންގީ އެވެ.
ލިއޮނާޑް ހޯދަމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި އޭނާ ފެނުނީ ޖަނަވާރުން ޝިކާރަކުރުމުގެ މަސައްކަތް ކުރާ މީހަކަށެވެ. އޭރު ލިއޮނާޑްގެ ބޫޓު ގެއްލުމުގެ ސަބަބުން ހުސް ފަޔާ ހިނގާ ހިނގާ ފައި ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި މީހާގެ ހާލު އޭރު ވަނީ ވަރަށް ގޯސްވެފައި ކަމަށް ތައިލެންޑް ނޫސްތަކުން ބުނެފައި ވެއެވެ.
ތައިލެންޑް މީހަކާ އިނދެގެން އެ ގައުމުގައި ލިއޮނާޑް ދިރިއުޅޭތާ 15 ވަރަކަށް އަހަރު ވެއްޖެ އެވެ. އޭނާ ބުނި ގޮތުގައި ފަރުބަދަ މައްޗަށް ސައިކަލުގައި އަރާފައި ސައިކަލު ބަހައްޓާފައި ތަންކޮޅަކަށް ހިނގާލި ތަނާ ކުއްލިއަކަށް ދާންވީ ދިމާ އޮޅިގެން ޖަންގައްޔަށް ވަދެވުނީ އެވެ.