ބޮލީވުޑް ތަރިންގެ ދަރިން ފިލްމު ނުކުޅުނަސް އެ ކުދިންނަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން ދެއެވެ. އެގޮތުން މިހާރު ސޯޝަލް މީޑިއާގައި އެންމެ ހިނގާ އެންމެ ކުއްޖަކީ މިހާރު ކުޑަ ކުއްޖެއް ނޫނެވެ. ޒުވާންކަން ފުރާ ފުރިހަމަވެފައިވާ ކުއްޖެކެވެ.
މި ކުއްޖާގެ ހަގީގަތް މިއަދުވެސް ދަންނަ އެތައް މިލިއަން ބަޔަކު އެބަތިއްބެވެ. އެއީ ދެ ކަމަކާ ގުޅުވައިގެންނެވެ. ފުރަތަމަ ކަމަކީ އެ ކުއްޖާގެ ތުއްތު ހަޔާތުގައި ދިމާވެފައިވާ ކަންތައްތަކެވެ. ދެ ވަނަ ކަމަކީ ކުއްޖާ މިހާރު ވަރަށް މަޝްހޫރުވެފައި ވުމާއި މަޝްހޫރުކޮށްދިން މީހާ އެވެ.
އެ ކުއްޖަކީ ދިޝާނީ ޗަކްރަބަތީ އެވެ. ދިޝާނީއަކީ ކުރީގެ މަޝްހޫރު ސުޕަސްޓާ މިތުން ޗަކްރަބަތީ އެޑޮޕްޓްކޮށް ދަރިއަކަށް ހަދައިގެން ގެންގުޅެ ބޮޑުކުރި ކުއްޖެކެވެ.
ދިޝާނީ އަކީ އެހާ ޚާއްސަ ކުއްޖަކަށް ވަނީ ކީއްވެ ހެއްޔެވެ؟ ދިޝާނީ ޚާއްސަވީ އޭނާއަކީ މިތުންގެ ބައޮލޮޖިކަލް ދަރިއަކަށް ނުވީމަ އެވެ. ދިޝާނީ އަކީ ކުނި އަޅާތަނަކުން ބަޔަކު ހޮވާފައިވާ ކުއްޖެކެވެ. ވަރަށް ކުޑަކުޑައިރު އޭނާގެ އާއިލާއިން އޭނާ ކުނިގޮނޑަށް އެއްލާލުމުން އެތަނުގައި އުޅެނިކޮށް ބަޔަކަށް ފެނިގެން ގެއަކަށް ގެންދިޔަ ޚަބަރު މިތުންއަށް ނޫހަކުން ފެނުނެވެ. އަދި އެ ކުއްޖާ އެޑޮޕްޓްކުރުމުގެ ޝައުގުވެރިކަން މިތުންގެ ހިތުގައި އުފެދުނެވެ.
މިތުންގެ އަންހެނުން ޔޮގީތާ ބާލީ ވެސް ހުރީ ކުއްޖާ އެޑޮޕްޓްކުރަން ވަރަށް ބޭނުންވެފަ އެވެ. އެހެންވެ ކުއްޖާ އެޑޮޕްޓްކުރުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަކުރުމަށްފަހު އެ ދެމަފިރިން ކުއްޖާ އާ ހަވާލުވީ އެވެ.
ދިޝާނީ އަކީ މިތުން މި ކުއްޖާއަށް ދިން ނަމެކެވެ. އަދި އަމިއްލަ ދަރިއަކުހެން އޭނާ ވަނީ ދިޝާނީ ބަލާ ބޮޑުކޮށްފަ އެވެ. މިތުންގެ ތިން ފިރިހެން ދަރިން ތިބުމާއެކު ދިޝާނީ އާއެކު އާއިލާއަށް ހަތަރު ކުދިން ހަމަވީ އެވެ. އަދި ދިޝާނީ ނޫނީ އަންހެންކުއްޖެއް ނެތުމުން މައިންބަފައިންގެ ލޯތްބާއި ތިން ބޭބެއިންގެ ލޯބި ދިޝާނީ އަށް ލިބުނެވެ.
ފިލްމީ އާއިލާއަކަށް ނިސްބަތްވުމުން ދިޝާނީގެ ވެސް ފިލްމުގެ ކުޅުމުގެ ޝައުގުވެރިކަން އެބަހުއްޓެވެ. އޭނާއަށް އެންމެ މަގްބޫލީ ސަލްމާން ޚާނެވެ. އަދި މިހާރު އޭނާ ގެންދަނީ ނިއު ޔޯކް ފިލްމް އެކަޑަމީން އެކްޓިން ކޯހެއް ފުރިހަމަ ކުރަމުންނެވެ.