ބޮލީވުޑް

ސަލްމާނާއެކު ގައިގޯޅި މަންޒަރު ނުކުޅެން ބާގްޔާޝްރީ ރުއި

"މައިނޭ ޕިޔާރް ކިޔާ" އަކީ ބާގްޔާޝްރީ ބޮލީވުޑަށް ތައާރަފްވީ ފިލްމެވެ. ސަލްމާން ޚާނާއެކު 1989 ގައި އޭނާ ކުޅުނު މި ފިލްމަކީ ބާގްޔާޝްރީގެ ކެރިއަރުގައި ކުރެވުނު އެންމެ ރަނގަޅު މަސައްކަތުގެ ގޮތުގައި ބެލެވެ އެވެ. ނަމަވެސް މި ފިލްމު ކުޅުނު ދުވަސްވަރު ބާގްޔާޝްރީއަށް ވަރަށް ތަފާތު މައްސަލަތަކާ ކުރިމަތިވި ކަން އެނގެނީ މަދު ބަޔަކަށެވެ. އެންމެ ބޮޑު މައްސަލައަކަށް އޭނާއަށް ދިމާވީ ސަލްމާނާއެކު ގައިގޯޅި މަންޒަރުތައް ކުޅެން ޖެހުމެވެ.

ބާގްޔާޝްރީ ބުނި ގޮތުގައި އެ ފިލްމު ކުޅުނުއިރު އޭނައަށް އެންމެ 18 އަހަރެވެ. އެހާ ޅަ އުމުރުގައި ވެސް އޭނާގެ ލޯބިވެރިއަކު ހުއްޓެވެ. އަދި އޭރު އޭނާ ދިޔައީ ކައިވެންޏަށް ތައްޔާރު ވަމުންނެވެ. އެހެންވެ ސަލްމާނާއެކު އޮޅުލާ ބައްދާ ހެދުމަކީ އޭނާއަށް އެހާ ފަސޭހަ ކަމަކަށް ނުވި އެވެ.

"ސަލްމާނާއެކު ގައިގޯޅި މަންޒަރުތައް ކުޅެން ޖެހޭނެކަން އެނގުމާއެކު އަހަރެން ވަރަށް ހާސްވި. އަދި ކަންބޮޑުވީ ވަރުން ވަރަށް ރޮވުނު. ބައިގަޑިއެއްހާއިރު ވީއިރުވެސް އަހަރެން ހުއްޓާ ނުލާ ރުއި ފަހުން ސަލްމާން އައިސް ވަރަށް މަޑުމަޑުން ބުނި ޕްލީޒް އޭ އެ މަންޒަރު ކުޅެދޭށޭ. އޭނަ ބުނިލެއް ރަނގަޅު ކަމުން އަހަންނަށް އިތުރަށް ނޫނެކޭ ނުބުނެވުނީ،" ބާގްޔާޝްރީ ބުންޏެވެ.

"މައިނޭ ޕިޔާރް ކިޔާ"އަކީ ވަރަށް ރީތި އަސަރުގަދަ ލޯބީގެ ފިލްމެއް ނަމަވެސް އެ ފިލްމުގައި ސަލްމާނާއި ބާގްޔާޝްރީ އެމީހުންގެ ކެރެކްޓާގެ ލޯބި ދެއްކީ މާބޮޑު ގައިގޯޅިކަމެއް ނެތި އެމީހުންގެ ހުނަރުންނެވެ.

"މައިނޭ ޕިޔާރް ކިޔާ" ގެ މަންޒަރެއްގައި ސަލްމާނާއި ބާގްޔާޝްރީ ބިއްލޫރިގަނޑެއްގެ ދެ ފަރާތުގައި ތިބެ ކުޅެފައިވާ މަންޒަރަކީ ވެސް ހަގީގަތުގައި ވަރަށް ގައިގޯޅިކޮށް ނަގަން ހަމަޖެހިފައި އޮތް މަންޒަރެކެވެ. ނަމަވެސް ބާގްޔާޝްރީ ރޯވަރުން ފިލްމުގެ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިޔާ އެ މަންޒަރު އެހެން ގޮތަކަށް ބަދަލު ކޮށްލައި ދެ މީހުންގެ މެދަށް ބިއްލޫރިގަނޑެއް ލީއެވެ.

"މައިނޭ ޕިޔާރް ކިޔާ" ކުޅެ ނުނިމެނީސް ބާގްޔާޝްރީ ވަނީ ކައިވެނި ކޮށްފަ އެވެ. ތިރީހަށް ވުރެގިނަ އަހަރުވީ މި ކައިވެންޏަށް ދެ ދަރިން ލިބި މިހާރު ދަރިން ވެސް ބޮޑެތި ފިރިހެން ދަރިފުޅު އަބިމަންޔޫ ދަސާނީ ވަނީ ފިލްމުކުޅެން ވެސް ފަށާފަ އެވެ.