ލައިފްސްޓައިލް

ބޭ ލީވްސް ބެހެއްޓުމުން ކުރަފި ނާންނާނެ

ކުރަފި ދެކެ ވަރަށް ގިނަ މީހުން އިންތިހާއަށް ބިރުގަނެ އެވެ. ކުރަފި ދެކެ ބިރު ނުގަތަސް އެ ދެކެ ފަކުރު ގަންނަ މީހުން ވެސް މަދެއް ނޫނެވެ. ގޭތެރެއަށް ކުރަތްޕެއް ވަދެއްޖެނަމަ ދެން އެގޭގެ އެންމެން ބިރުން ގޮސް ހަޅޭއް ފަޅޭއްލަވާ އަޑު މާ ދުރަށް އިވޭނެ އެވެ

ކުރަފީގެ ބިރުވެރިކަމާއި އެ ދެކެ ގަންނަ ފަކުރުގެ އިތުރުން ކުރަތްޕަކީ ވަރަށް ސިއްހަތަށް ނުރައްކާތެރި ބެކްޓީރިއާ އެއް އުފުލާ އެއްޗެކެވެ. ކާ އެއްޗަކަށް ކުރަފި އަރައިފިނަމަ އެ އެއްޗެއްގައި މި ބެކްޓީރިއާ އަށަގަތުމަކީ ވަރަށް ގާތުގައި އޮންނާނެ ކަމެކެވެ. ނަމަވެސް ކުރަފި ގޭތެރެއަށް ނުވަންނަ ގޮތް ހެދުމުގައި ވެސް ގިނަ މީހުންނަކަށް އެހާ ކާމިޔާބެއް ނުހޯދެ އެވެ. ކޮންމެވެސް ކުޑަ ލޯވަޅެއް ފަދަ ތަނަކުން ނުވަތަ ހުޅުވާފައި ހުރި ކުޑަދޮރެއް ފަދަ ތަނަކުން އެސޮރު އޮންނަނީ ގޭތެރެއަށް ވަދެ އެވެ.

ކުރަފި އަންނާނީ މާހައުލުގައި ހޫނުކަން ބޮޑަށް ހުންނަ ތަންތަނަށެވެ. އަދި އެސޮރު ކާން ބޭނުންވާ އެއްޗެތި ހުރި ނަމަ ވަރަށް ފަސޭހައިން އެ ސޮރު އަންނާނެ އެވެ. ބަދިގެ ތެރެއިން ގިނައިން ކުރަފި ފެންނަނީ މިހެންވެ އެވެ. މިހެން ބުންޏަސް ކަބަޑުތަކުގެ ތެރެއިންނާއި ފެންދާ ވަޅުގަނޑު ކައިރިގައި ވެސް ކުރަފި އާލާވެ އެވެ.

ކުރަފި ނާންނާނެ ގޮތް ހަދަން ބޭނުންނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ގެ ސާފުތާހިރު ކޮށް ބޭއްވުމެވެ. ކާ އެއްޗެތި ބިންމައްޗަށާއި ތަންތަނަށް އެޅިފައި ހުންނަ ނަމަ އެ ތަކެތި ކާން ކުރަފި އަންނާނެ އެވެ. އަދި ތަންތަން ސާފު ނުކޮށް މުޑުދާރުކޮށް ހުންނަނަމަ ކުރަފި ވަރަށް އަންނާނެ އެވެ. ކައްކާފައި އަދި ކައި ނިމުމުން ހުރިހާ އެއްޗިއްސާއި މޭޒު ރީތިކޮށް ދޮވެ ސާފުކޮށް ކޮންމެ ދުވަހަކު ގެއިން ކުނި ބޭރުކުރަން ޖެހެނީ އެހެންވެ އެވެ.

ކިތަންމެ ސާފުކޮށް ގޭތެރެ ބެހެއްޓިޔަސް ކުރަތްޕެއް އުދުހިފައި އައިސް ވަދެދާނެ އެވެ. މިފަދަ ވަގުތެއްގައި ޝެލްޓޮކްސް ކަހަލަ އެއްޗެއް އަތުޖެހޭ ހިސާބުގައި ނެތްނަމަ ހެއާ ސްޕްރޭ ކޮޅެއް ބުރުވާލިޔަސް އެ ސޮރު މަރުވާނެ އެވެ.

ބޭ ލީވްސް އަކީ ކުރަފި ވަރަށް ފޫހިވާ އެއްޗެކެވެ. އާންމުކޮށް ކުރަފި ވަންނަ ތަންތަން ފާހަގަ ކުރެވިފައިވާނަމަ ބޭ ލީވްސް ކޮޅެއް އަތުން ފުނޑުވާލާފައި އެތަނަކަށް އަޅާލުމުން ކުރަފި ނާންނާނެ އެވެ. ކުރަފި ވަންނަހެން ހީވާ ތަންތަނުގައި ސްޓިކީ ޓޭޕް ތަތްކޮށްފައި ބެހެއްޓުމުން ކުރަފިތައް އޭގައި ތަތްވެ އިތުރަށް އެސޮރުމެންނަށް އާލާ ނުވެވޭނެ އެވެ.