އިދިކޮޅު ފަރާތްތައް

އިދިކޮޅުގެ ހިނގާލުމަށް ފުރުސަތެއް ނެތް

"އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދަން ނިންމި ހިނގާލުމަށް ފުލުހުން ހުރަސް އަޅައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ނިންމާފައި އޮތީ ސަޕޯޓަރުންނާއެކު މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުން ކުރިއަށް ގެންދާށެވެ. ނަމަވެސް ފުލުހުން ވަނީ މަގުތައް ބަންދުކޮށްފައެވެ.

އެހެން ކަމުން ހިނގާލުން ވަނީ އެއްވުމަކަށް ބަދަލުކޮށްފައެވެ. ފުލުހުން އިދިކޮޅުގެ ހިނގާލުމަށް ހުރަސް އެޅީ ކާނިވާ ސަރަހައްދުންނެވެ. އެހެން ކަމުން އެ ސަރަހައްދުގައި އެއްވެ ތިބެ އިދިކޮޅުގެ ސަޕޯޓަރުން ވަނީ އަޑުއުފުލާފައެވެ. އަދި ފުލުހުންނާއި ކުރިމަތިލާން ބޭނުންނުވާ ކަމަށް ބުނެ އިދިކޮޅުގެ ސަޕޯޓަރުން ފަހުން ވަނީ ޕީޕީއެމްގެ އޮފީސް ދޮށަށް ގޮސް އަޑުއުފުލާފައެވެ.

އިދިކޮޅު ދެ ޕާޓީ ކަމަށްވާ ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މިއަދުގެ ހަރަކާތުގައި އިދިކޮޅުގެ އިސް ލީޑަރުން ގެންދެވީ ސަރުކާރާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް ބައިވެރިން ވަނީ ގޮވާލާފައެވެ.

އަދި އެ ބޭފުޅުން ވަނީ ކުރިއަށް އޮތްތާ ހިނގާލުންތަކަށް ފުރުސަތު ދެއްވުމަށް ފުލުހުންނަށް އިލްތިމާސް ކޮށްފައެވެ.

މިއަދުގެ އެއްވުމުގެ ބައިވެރިން ތިބީ ގައުމީ ދިދަ ހިފައިންްނެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބޯޑަރުތައް ހިފައިގެންނެވެ.