އަބްދުއްރަހީމް އަބްދުﷲ

ރާއްޖެއިން އިންޑިއާ ސިފައިން މިހާރުން މިހާރަށް ބާލާ: އަބްދުއްރަހީމް

ރާއްޖޭގައި ހަރަކާތެރިވަމުންދާ އިންޑިއާ ސިފައިން ވަގުތުން ވަގުތަށް ބޭލުމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.

އަބްދުއްރަހީމް އެކަމަށް ގޮވާލައްވާފައިވަނީ އިދިކޮޅުން މިއަދު މާލެއާއި ބައެއް ރަށްތަކުގައި ކުރިއަށް ގެންދިޔަ "އިންސާފު ހޯދުމަށް" މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް ޔާމިނަށް ކުރާ އަނިޔާކުރުން ހުއްޓާލުމަށް ވެސް ސަރުކާރަށް ގޮވާލައްވާފަ އެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ވެސް ގޮވާލެއްވި އެވެ.

ރައީސް ސޯލިހު އަތޮޅު ތަކަށް ކުރައްވާ ދަތުރުފުޅު ތަކަކީ ކެމްޕޭނަށް ކުރައްވަމުން ގެންދަވާ ދަތުރުތަކެއް ކަމަށް ތުހުމަތުކުރައްވާ އެ ދަތުރުތައް ހުއްޓާލުމަށް ވެސް އަބްދުއްރަހީމް ވަނީ ގޮވާލައްވާފަ އެވެ. އެ ދަތުރުތަކުން ކުރާނެ ފައިދާއެއް ނެތް ކަމަށާއި ރައްޔިތުން ވަނީ ރައީސް ސޯލިހަކީ ނާގާބިލް ވެރިއެއްކަން ގަބޫލުކޮށްފައި ކަމަށް ވެސް ވިދާޅުވި އެވެ.

"ބޭރުގެ ގައުމެއްގެ އެހީގައި ދެން މި ގައުމުގެ ވެރިކަމަށް އައުމުގެ މަސައްކަތް ނުކުރައްވާ. މި ގައުމުގެ ރައްޔިތުން އެކަމަށް ފުރުސަތެއް ނުދޭނެ." އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމުގެ ރައްކާތެރިކަމަށާއި ސަލާމާތް ބެލެހެއްޓުމަށް ބޭރު ގައުމެއްގެ ސިފައިން ބޭނުން ނުވާ ކަމަށެވެ. ރާއްޖެއިން އިންޑިއާގެ އަސްކަރީ ސިފައިން މިހާރުން މިހާރަށް ބޭލުމަށްވެސް އަބްދުއްރަހީމް ވަނީ ތަކުރާރުކޮށް ގޮވާލައްވާފަ އެވެ. އަދި ބޭރުގެ ފަރާތްތަކާ އެކު ގޮތް ނޭނގޭ ގޮތްގޮތަށް ހަދަމުންދާ އެގްރިމެންޓްތައް އުވާލުމަށް ވެސް ގޮވާލެއްވި އެވެ.

އުތުރު ތިލަ ފަޅުގެ އެގްރިމެންޓް ހާމަކުރުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ކިބައިން ސިފައިން އެދުމަށް ވެސް އަބްދުއްރަހީމް އެދިވަޑައިގެންނެވި އެވެ. އަދި އެ އެގްރިމެންޓްގައި ގައުމަށް ގެއްލުންވާވަރުގެ ކަމެއް އޮތް ނަމަ އެކަމާ ދެކޮޅަށް ތެދުވުމަށް ވެސް އަބްދުއްރަހީމް ވަނީ ގޮވާލައްވާފަ އެވެ.

ޕީޕީއެމްގެ އޮފީސް ކުރިމަތިން މިއަދު ފެށި މުޒާހަރާގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު ވެސް ހިމެނެ އެވެ.

އިދިކޮޅުގެ މި މުޒާހަރާއަކީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރެއްގެ އޯޑިއޯ ކުލިޕުތަކެއް ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވެ އެމަނިކުފާނުގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ފެންމަތިވުމާ ގުޅިގެން އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް އިދިކޮޅުން ބޭއްވި އިހުތިޖާޖެކެވެ.