އަބްދުﷲ ޖިހާދު

ޖިހާދު އިހުތިޖާޖުގައި، ވިދާޅުވީ ދެން ހުންނަވާނީ މަގުމަތީ ކަމަށް

"އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގެންނެވީ މި ސަރުކާރުން ކުރަމުންދާ އަނިޔާތަކަށް ކެތްނުކުރެވިގެން ކަމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ. މިއީ މިފަހުން މިފަދަ ހަރަކާތެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން ފުރަތަމަ ފަހަރެވެ. ޖިހާދު ވަނީ މިއަދުގެ އެއްވުމުގައި ބައިވެރިންނާއި ވާހަކަ ދައްކަވާފައެވެ.

ޖިހާދު ފުރަތަމަވެސް ވިދާޅުވީ މިއަދުގެ އިހުތިޖާޖަށް ދައުވަތު ދެއްވީ ރައީސް ސޯލިހް ކަމަށެވެ. އެއީ ވެރިކަމަށް ވަޑައިގެން ރައީސް ސޯލިހްގެ އެމަނިކުފާނަށް ދެއްވަމުން ގެންދަވާ އަނިޔާތައް ކަަމަށް ވިދާޅުވިއެވެ.

ޖިހާދު ވިދާޅުވީ އެމަނިކުފާނަކީ ދުވަހަކު ސިފައިންގެއަށް ނުވަތަ ފުލަހަށްވެސް ގެންދެވި ބޭފުޅެއް ނޫން ކަމަށާ މިއަދު ކޯޓަށް މައްސަލަ ފޮނުވައިގެން ދައުވާ ކުރަމުން ގެންދަނީ އަސާސެއް ނެތް ކަމެއްގައި ކަމަށެވެ. އެއީ ރަައީސް ނަޝީދުގެ ސަރުކާރުން ނިންމާފައިވާ ނިންމުމަކާއި ގުޅިގެން ރައީސް ވަހީދުގެ ވެރިކަމުގައި ކޮށްފައިވާ އެގްރީމަންޓެއްގެ މައްސަލަ ކަމަށާ އެއީ ކުށަކަށް ހަދާ ދައުވާ ކޮށްފައިވަނީ ސިޔާސީ ގޮތުން ކަމަށެވެ.

"މި އެއްވުމަށް އައުމަށް އަޅުގަނޑަށް ދައުވަތު ދެއްވީ އިބްރާހިމް މުހައްމަދު ސޯލިހް. އެމަނިކުފާނުގެ ޒައާމަތުގައި އަޅުގަނޑަށް ވަރަށް ބޮޑެތި އަނިޔާ ލިބިއްޖެ. އަޅުގަނޑަކީ ދުވަހަކުވެސް އެއްވެސް ކޯޓަކަށް ގެންދިޔަ މީހެއް ނޫން. ތިރީސް ފަސް އަހަރުވަންދެން ދައުލަތަށް ހިދުމަތް ކުރިއިރު ސިފައިންގެއަށް ގެންގޮސްފައިނުވާނެ. މިއަދު އަޅުގަނޑު މިތަނަށް މި ހުއްޓެން ޖެހުނީ އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރުން އަޅުގަނޑަށް އަނިޔާކުރަން ފެށީމަ ކެތްނުކުރެވިގެން. މިއީ ފެށުން. މިކަން ހުއްޓާލާނީ އިންސާފު ހޯދުމަށް ފަހު،" ވަރަށް ދިގު މުއްދަތަކަށް ފިނޭންސް މިނިސްޓަރުކަން ކުރެއްވި ޖިހާދު ވިދާޅުވިއެވެ.

ޖިހާދު ވިދާޅުވީ ޝަރީއަތް ކުރުމުގެ ނަމުގައި މިހާތަނަށް 10 ފަހަރު ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި ޕާސްޕޯޓް ހިފަަހައްޓާ ބޭސްފަރުވާގެ ހައްގަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ތިއްބެވި އާއިލީ ބޭފުޅުން ކައިރިއަށް ދިއުމަށްވެސް ހުރަސް އަޅާފައިވާ ކަމަށެވެ.

"ބޭސްފަރުވާއިން އަޅުގަނޑު މަހުރޫމްކޮށްފި. އަޅުގަނޑު ދަރިން ކައިރިއަށް ދިއުމުން މަރުހޫމްކޮށްފި. އެހެންވީމަ ދެން އަޅުގަނޑު އުޅޭނީ މަގުމަތީގައި. ތިބޭފުޅުން ހެކިކޮށް މި ދަންނަވަނީ ދެން އަޅުގަނޑު ފެންނާނީ މަގުމަތިން. އަޅުގަނޑު ފެންނާނީ މަގުމަތިން އިނގޭތޯ. މަގުމަތިން އިންސާފު ހޯދަން ނިކުންނަން ޖެހޭ ހާލަތަށް މިހާރު ގޮސްފި،" ޖިހާދު ވިދާޅުވިއެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ އެވެ.

ދައުވާ އުފުލާފައިވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް ޖިހާދު ވަނީ ކޯޓުގައި އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ ހުއްދަ ދިނުމަށް ކޯޓުން ވަނީ ދެކޮޅު ހަދާފައެވެ.

ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ، ޖިހާދަށް ނުދޭން އޭރު ކްރިމިނަލް ކޯޓުން ހުކުމްކުރީ ބޭރަށް ވަޑައިގަތުމަށް ޓިކެޓް ނަންގަވާ އަދި ހޮޓަލަށް ފައިސާވެސް ދައްކަވާފައި ވަނިކޮށެވެ. ރާއްޖެއިން ބޭރަށް ވަޑައިގަތުން ދެވަނަ ފަހަރަށް ވެސް ކްރިމިނަލް ކޯޓުން ހުއްޓުވާފައި ވަނީ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޓިކެޓް ނަންގަވާފައި ވަނިކޮށް ކަމަށް ޖިހާދު ވިދާޅުވެއެވެ.

ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޖެނުވަރީ 18، 2013 ގައެވެ. ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ކުންފުންޏަށް ދިނުމަށް ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.