ގައުމީ ފުޓްބޯޅް ޓީމް

ގައުމީ ޓީމު ގަތަރަށް ފުރައިފި

މިއަންނަ މަހު ރާއްޖޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ގަތަރަށް ފުރައިފި އެވެ.

ގަތަރުގައި ކޭމްޕު ކުރުމަށް ގައުމީ ޓީމު ފުރާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ކޭމްޕު ނިންމުމަށްފަހު ޓީމު އެނބުރި ރާއްޖެ އަންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. މިދިޔަ އޯގަސްޓް މަހު ސާފްޗެމްޕިއަންޝިޕަށް 34 ކުޅުންތެރިންނާއި އެކު ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލާފައި ވާއިރު، ރާއްޖެ ޓީމުގެ ޓްރެއިނިން ކޭމްޕުގައި ބައިވެރިވީ 30 ކުޅުންތެރިންނެވެ.

ރާއްޖެ ޓީމު ގަތަރުގައި ކޭމްޕު ކުރަން ނިންމީ ޓީމު އެކުގައި ރަނގަޅު ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސް މުބާރާތަށް ތައްޔާރުވުމަށް މެޗުތަކެއް ކުޅޭށެވެ. މުބާރާތަށް ގައުމީ ފުޓްބޯޅަ ދަނޑާއި ސްޓޭޑިއަމްގައި ބައިވަރު މަސައްކަތްތަކެއް ކުރަން ހުރުމުން އެންމެ އެކަށީގެންވާ ގޮތުގައި ފަރިތަކުރެވޭނީ އެހެން ގައުމެއްގައި ކޭމްޕް ކޮށްގެން ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ގަތަރަށް ފުރުމުގެ ކުރިން ދިން އިންޓަވިއުއެއްގައި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) ބުނީ ޓްރެއިނިން ކޭމްޕުގައި ސްރީލަންކާ އާއި އެކު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއް ކުޅުމަށް އެދިފައިވާނެ ކަމަށެވެ. އަދި ގަތަރުގެ ދެ ޓީމަކާއި އެކު ރަހުމަތްތެރިކަމުގެ މެޗު ކުޅުމަށް ނިންމާފައިވާކަން ފާހަގަ ކުރަމުން އިންމަ ބުނީ ކޭމްޕު ނިންމާފައި އަންނައިރު ޓީމު އޮންނާނީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.

ރާއްޖެއިން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު ވެސް މުބާރާތުގެ ކުރިން ގައުމީ ޓީމު ގަތަރުގައި ކޭމްޕު ކުރި އެވެ.

ގަތަރު ކޭމްޕުގައި ބަައިވެރިވާ ކުޅުންތެރިން

ގޯލްކީޕަރުން: ހުސެއިން ޝަރީފް (ހުސެން), މުޙައްމަދު ފައިސަލް, މުޙައްމަދު ޝަފީއު (ޗެކް)، އަލީ ނާޖިހު

ޑިފެންޑަރުން: އަޙްމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، އަލީ ޝާމިސް (ތޮއްޕޭ)، އަކުރަމް އަބްދުލް ޣަނީ (އަކޫ)، ސަމޫހު އަލީ (ސަމުއްޓެ)، އަޙްމަދު އަބްދުﷲ (ލިލީ)، މޫސާ ޔާމީން (ޔާމްބެ)، ގާސިމް ސައްމާމު (ސައްމެ)

މިޑްފީލްޑަރުން: ޔަސްފާދު ހަބީބު (މުލަކޭ)، އަސްހަދު އަލީ (އަޑުބަރޭ)، އިބްރާހިމް އައިސަމް، މުޙައްމަދު އުމެއިރު، ހުސެއިން ނިހާން (ނިހާޓް)، ހަމްޒާ މުޙައްމަދު (ހަމްޕު)، އިސްމާޢީލް އީސަ (މެސީ)، އިބްރާހީމް ވަހީދު ހަސަން (އިއްބެ)

ފޯވާޑުން: ހަސަން ރާއިފް އަޙްމަދު (ހަންނަ)، މުޙައްމަދު ނާއިމް، ހަސަން ނަޒީމް (ޗޯޓު)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، އަސަދުﷲ އަބްދުﷲ (އަސަކޮ)، އަލީ ފާސިރު (ސެންޓޭ)، އަލީ އަޝްފާގު (ދަގަނޑޭ)، ނާއިޒު ހަސަން (ދާދު)، އަލީ ހައިޝަމް (ޗުމްޕު)