އިބްރާހިމް ޝުޖާއު

ބާރުތަކަކީ ރައީސް ސޯލިހާއި ނަޝީދުގެ މިލްކެއް ނޫން: ޝުޖާއު

ވެރިކަމުގެ ބާރުތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު އަދި ކޯލިޝަން ލީޑަރުންނަށް ހިބައިން މިލްކު ކުރެވިފައިވާ ބާރުތަކެއް ނޫން ކަމަށް ވިދާޅުވެ ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ޝުޖާއުގެ ފާޑުވިދާޅުވުން މިފަހަރު ސަރުކާރަށް އަމާޒުވީ "އިންސާފު ހޯދަން" ނަމުގައި މިއަދު ކުރިއަށް ގެންދިޔަ ސުލްހަވެރި ހިނގާލުމާއި ގުޅޭގޮތުން ޝުޖާއު ކުރެއްވި ޕޯސްޓެއްގައެވެ.

ޝުޖާއު ވިދާޅުވީ ގާނޫނު އަސާސީގައި ލިޔެފައި އޮތްގޮތުން ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާ އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. އެހެން ކަމުން ވެރިކަމުގެ ބާރުތަކަކީ ރައީސް ސޯލިހާއި ރައީސް ނަޝީދަށް ހިބައިން މިލްކު ކުރެވިފައިވާ ބާރު ތަކެއް ނޫން ކަމަށެވެ. އަދި އެ ބާރުތަކަކީ މި ސަރުކާރުގެ ކޯލިޝަން ލީޑަރުންގެ ވެސް މިލްކެއް ނޫން ކަމަށް ވިދާޅުވިއެވެ.

"އިންޝާالله އަޅުގަނޑުމެން ތިޔަބައިމީހުން ބަލިކުރާނަމެވެ. ބަލިކުރާނީ ރައްޔިތުންގެ ބާރާއެކު އެވެ. ރައްޔިތުންގެ ހިތްވަރަށް އައްސަރިބަހާ ސާބަސް ދަންނަވަމެވެ. އަޅުގަނޑުމެންނަކީ ރައްޔިތުން ދޫކޮށް ފިލާނެ ބަޔަކަށް އިންޝާالله ނުވާނަމެވެ،" ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޝުޖާއު ވިދާޅުވިއެވެ.

އިދިކޮޅުން މިއަދު ބޭއްވި އެއްވުން ކުރިއަށްދިޔައިރު ރައީސް ޔާމީން ވަނީ ދިރިއުޅުއްވާ ގޭގެ ކުޑަދޮރަކުން ބޭރު ބައްލަވާ، ސަޕޯޓަރުންނަށް އަތްޕުޅުން ހަނައަޅުއްވާ ހިތްވަރު ދެއްވާފަ އެވެ. ފަހުން އެމަނިކުފާނު ހުންނެވީ ޕީޕީއެމްގެ ރަސްމީ ދިދަ އަކާއި ދިވެހި ގައުމީ ދިދައެއްވެސް ހިއްޕަވައިގެންނެވެ.

މިއީ ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކުރި ފަހުން މިފަދަ ގޮތަކަށް އިދިކޮޅުގެ އެއްވުމެއްގައި ބައިވެރިވެވަޑައިގެން ފުރަތަމަ ފަހަރެވެ.

އެކަމާއި ގުޅިގެން ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު އަމަލުކުރެއްވީ ގައިދީން ގޭބަންދަށް ބަދަލުކުރާއިރު ވެވޭ އިގްރާރާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލާ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އެކަމާއިވެސް ޝުޖާއު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ވިދާޅުވީ ރައީސް ޔާމީން އަދި އިދިިކޮޅު ކޯލިޝަނުންވެސް ގާނޫނާއި ހިލާފުނުވާނެ ކަމަށާ އެފަދަ ކަމެއް ރައީސް ޔާމީން ނުކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނަށް އަނިޔާ ދިނުން ހުއްޓާލެއްވުމަށް ގޮވާލެއްވިއެވެ.