ލައިފްސްޓައިލް

10 އަހަރު ތެރޭ 25 ފަހަރު ގެއިން ފިލިޔަސް އަނބިމީހާ ބޭނުން

އިންޑިޔާގެ އާސާމްގެ މެދު އުމުރުގެ އަންހެނަކު 10 ވަރަކަށް އަހަރު ތެރޭ 25 ފަހަރު ފިރިމީހާގެ ގެއިން ފިލައިފި އެވެ. މި މީހާ ކޮންމެ ފަހަރަކުވެސް ފިލަނީ އެހެން ފިރިހެނަކާ އެކުގަ އެވެ. އެންމެ މަޖާ ކަމަކީ މި މީހާ ގެއިން ފިލައިގެން ގޮސް އުޅެއުޅެފައި އެނބުރި އައުމުން އޭނާގެ ފިރިމީހާ އާއި މައިދައިތަ އަދި ބަފައިކަލޭގެ ވެސް އޭނާ ގަބޫލުކުރާތީ އެވެ. އަދި އޭނާ އާ ދެކޮޅަށް މާބޮޑު މައްސަލައެއް ނުޖައްސާތީ އެވެ.

ސާޅީސް އަހަރުގެ މި އަންހެންމީހާ މަފީޒުއްދީން ކިޔާ މީހަކާ ކައިވެނިކުރީ މީގެ 10 އަހަރު ކުރިންނެވެ. މަފީޒުއްދީނަކީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އާސާމްގެ މެދުތެރޭގައި އޮންނަ ނަގާއޯން ޑިސްޓްރިކްޓްގެ ދިންގް ލަހްކަރް އަވަށުގައި ދިރިއުޅޭ މި ދެމަފިރިންނަށް މިހާރު ތިން ދަރިން ވެސް ވަނީ ލިބިފަ އެވެ.

މަފީޒުއްދީން ބުނި ގޮތުގައި އެމީހުން ކައިވެނިކުރީ 2011ގައެވެ. އޭގެ ފަހުން ފާއިތުވީ 10 ވަރަކަށް އަހަރު ތެރޭގައި އޭނާގެ އަންހެނުން 25 ވަރަކަށް ގެއިން ފިލާފައިވާ ކަމަށާއި ކޮންމެ ފަހަރަކުވެސް ފިލަނީ އާ ފިރިހެނަކާ އެކު ކަމަށް މަފީޒުއްދިން ބުންޏެވެ. އަދި ކޮންމެ ފަހަރަކުވެސް އެނބުރި އައިސް ދެން ދުވަހަކުވެސް އެހެން ނަހަދާނެކަމަށް އޭނާގެ އަންހެނުން އާއިލާގެ މީހުން ކައިރީ ވައުދުވާކަމަށް ވެސް ފިރިހެންމީހާ ބުންޏެވެ.

"ބައެއް ފަހަރު އަންހެނުން ބުނާނެ މައިންބަފައިން ކައިރިއަށޭ ދިޔައީ. އަނެއް ބައި ފަހަރު ބުނާނެ އާއިލާގެ މީހަކު ބަލިވެ އުޅޭތީ އޭނާ ކައިރިއަށޭ ދިޔައީ. އަހަރެމެންގެ ތިން ދަރިން އެބަތިބި. ކޮންމެ ފަހަރަކު އޭނަ އައިމަ ގަބޫލުކުރަނީ ދަރިން ރަނގަޅަށް ބެލެހެއްޓޭނެކަމުގެ އުންމީދުގައި،" މީޑިއާތަކަށް ދިން އިންޓަވިއު އެއްގައި މަފީޒުއްދީން ބުންޏެވެ.

މަފީޒުއްދީން ބުނި ގޮތުގައި އޭނާގެ އަންހެނުން 25 ވަނަ ފަހަރަށް ފިލީ މި މަހުގެ 4 ވަނަ ދުވަހު އެވެ.

"އަހަރެން މަސައްކަތުގޮސްފައި އެނބުރި އައުމުން ބައްޕަ ބުނި އަހަރެމެންގެ ތިން މަހުގެ ދަރިފުޅު އަވަށްޓެރިއަކާ ހަވާލުކޮށްފައި އަންހެނުން އަނެއްކާ ފިލައިފިޔޭ. މިފަހަރު އޭނާ އަވަށްޓެރިޔާ ކައިރީ ބުނިކަމަށް ވަނީ ބަކައްޓަށް ކާންދޭނެ އެއްޗެތި ހިފައިގެން އަންނާނަމޭ. ގެއިން ފިލައިގެން އަންހެނުން މިފަހަރު ދިޔައީ ގޭގައި ހުރި 22،000 ރުޕީސް އާއި އެނޫންވެސް ތަކެތި ހިފައިގެން. މިފަހަރު ނޭނގެ ކާކާ އެއްކޮށް ކަމެއް ވެސް ދިޔައީ،" މަފީޒުއްދީން ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަންހެނުން ދެކެ ހަމަ ހަގީގަތުގައިވެސް އޭނާ ވަރަށް ލޯބިވެ އެވެ. އެހެންވެ ދެން އެނބުރި އަޔަސް މައްސަލައެއް ނުޖައްސާ ގަބޫލުކުރާނެ އެވެ.

"އަހަރެން އަންހެނުން ގަބޫލު ނުކޮށްފިއްޔާ އަހަރެމެންގެ ތިން ދަރިންނާ އަޅާލާނީ ކާކު؟ އަހަރެން ފުލުހުންނަށް ވެސް މައްސަލަ ހުށައެއް ނާޅަން. އޭނާ ގޮވައިގެން ޝަރީއަތަށް ގޮސްގެން އިތުރު މައްސަލަތައް ކުރިމަތިވާނެތީ،" މަފީޒުއްދީން ބުންޏެވެ.

މަފީޒުއްދީނާއި އޭނާގެ އާއިލާ ދިރިއުޅޭ އަވަށަކީ މުޅިން ވެސް މުސްލިމުން ދިރިއުޅޭ އަވަށެކެވެ. އެހެންކަމުން މަފީޒުއްދީނުގެ އަންހެނުން އުޅޭ ގޮތުން އަވަށުގެ މީހުން ވަނީ ވަރަށް ރުޅިއައިސްފަ އެވެ. އަދި އޭނާ އެނބުރި އަންނަ ކޮންމެ ފަހަރަކު މަފީޒުއްދީނާއި އާއިލާގެ މީހުން އޭނާ ގަބޫލުކުރާތީ ވެސް އަވަށުގެ މީހުން ތިބީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.