ދުނިޔެ

އިޒްރޭލުން ސީދާ ފަލަސްތީނާ މަޝްވަރާކުރަން ހުށަހަޅަން: ރަޝިއާ

އިޒްރޭލުން ވިސްނުން ބަދަލުކޮށް ފަލަސްތީނާ ސީދާސީދާ މަޝްވަރާއަށް ދާންޖެހިފައި އޮތް ކަމަށް ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ. ލަވްރޯފް ވިދާޅުވީ އެ ނޫން ގޮތެއް ރަޝިއާ ބަލައި ނުގަންނަ ކަމަށާއި މެދުވެރިއެއް ގޮތުގައި މަސައްކަތް ކޮށްދޭން ތައްޔާރު ކަމަށެވެ.

މޮސްކޯގައި އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔައީރު ލަޕީދުއާ ބައްދަލު ކުރައްވައި ސަރުގޭ ލަވްރޯފް ވިދާޅުވީ އިޒްރޭލާ ފަލަސްތީނާ ދެމެދު މިހާރު ކުރިއަށްދާ މަޝްވަރާތަކަށް ވެސް ރަޝިއާއިން އެހީތެރި ވެދެވިދާނެ ކަމަށާއި އަލުންބަލުން އާ މަޝްވަރާ ތަކަކަށް ވެސް ދެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ވަޒީރު ވިދާޅުވީ މަޝްވަރާ ކުރަން ވާނީ މެދުވެރިކާ ނުލައި ކަމަށެވެ.

ލަވްރޯވް ވިދާޅުވީ މަޝްވަރާތައް ލަސް ކުރަން ހަދައިގެން ރަނގަޅު ނަތީޖާއެއް ނުނުކުންނާނެ އެވެ. އޭނާ ވިދާޅުވީ ދުނިޔެ އޮތީ އިޒްރޭލާ ފަލަސްތީނާ އެއްބަސްވާ ގޮތެއް ބަލާށެވެ. އެހެންކަމުން މުހިންމީ މަޝްވަރާ ކަމަށާއި ދޫދިނުމަކީ ވެސް އޮންނަން ޖެހޭ ކަމެއް ކަމަށެވެ.

ޔައީރު ލަޕީދު ވިދާޅުވި ގޮތުގައި މަޝްވަރާތައް އަދި އަވަސް ކުރެވޭކަށް ނެތެވެ. ސަބަބަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ވިދާޅުވީ މަޝްވަރާ ކުރާނެ ކަމެއް އެޖެންޑާކުރެވިފައި ނެތީ އެެވެ.

ސީރިއާއާއެކު މަޝްވަރާ ނުކުރައްވަނީ ކީއްވެތޯ ސުވާލު ކުރުމުން އިޒްރޭލުގެ ފޮރިން މިނިސްޓަރު ވިދާޅުވީ ގޯލާންގެ އުސްބިންތައް ދޫކޮށް ނުލައްވާނެ ކަމަށެވެ.

އީރާންގެ ނިއުކްލިއާ މައްސަލައާ ބެހޭ ގޮތުން ޔައީރު ލަޕީދު ވިދާޅުވީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ދުނިޔެއަށް ނުހުއްޓުވިއްޖެ ނަމަ އިޒްރޭލުން އެކަނިމާއެކަނި ވެސް އީރާން ހުއްޓުވާނެ ކަމަށެވެ.