ދުނިޔެ

ރަޝިއާއާއި ތުރުކީގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައިފި

ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް އާއި ތުރުކީގެ ހާރިޖީ ވަޒީރު ހަކާން ފިދާން ނިއުޔޯކްގައި ބައްދަލުކުރައްވައިފި އެވެ.

މި ދެ ވަޒީރުން އެމެރިކާއަށް ވަޑައިގެން މި އުޅުއްވަނީ އދ ގެ ސަލާމަތީ މަޖިލީހުގައި އޮންނަ -- މެދުއިރުމައްޗާ ގުޅޭ މަޝްވަރާގައި ބައިވެރިވުމަށެވެ. މި މަޝްވަރާތަކުގައި އެންމެ ބޮޑަށް އޮންނާނީ ޣާއްޒާގެ ވާހަކަތަކެވެ.

ހަބަރުތައް ބުނާ ގޮތުން މި ދެ ވަޒީރުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަތައް މީޑިއާއަށް ހާމަކޮށްފައެއް ނުވެ އެވެ. ރަޝިއާއާ ތުރުކީގެ މަޝްވަރާތައް ދެ ގައުމަށް ހާއްސަ ކަމެއްގައި ގޮތުގައި ވަނީ ބާއްވާފަ އެވެ.

ދެ ގައުމުގެ އޮފިޝަލުން ވިދާޅުވި ގޮތުން ދެ ވަޒީރުންގެ ބައްދަލުވުމާ ބެހޭ ގޮތުން މީޑިއާއާ ހިއްސާކުރާނެ މައުލޫމަތެއް ނެތެވެ.

ފަލަސްތީންގެ މައްސަލާގައި ރަޝިއާ އާއި ތުރުކީ ގެންގުޅެނީ ދާދި އެއް ވިސްނުމެކެވެ. މި ދެ ގައުމުން ވެސް ގަބުލުކުރަނީ މެދުއިރުމަތި ސުލްހަކުރުމަށް އޮތް ދެމެހެއްޓެނިވި ގޮތަކީ ދެ ގައުމަށް -- އިޒުރޭލާއި ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް ލިބުން ކަމަށެވެ.

އިޒުރޭލަކީ މިހާރު ވެސް ޔަހޫދީން ގަބޫލުކުރާ ގޮތުގައި މިނިވަން ދައުލަތެކެވެ. އެ މީހުންނަށް ދުނިޔޭގެ އެހެން ގައުމުތަކާ އެކު ވިޔަފާރިކޮށް އަދި އެހެނިހެން މުއާމަލާތްތަކުގައި ބައިވެރިވެވެ އެވެ. އަދި އަމިއްލަ އަސްކަރިއްޔާއެއް -- ވަރަށް ބާރުގަދަ އަސްކަރިއްޔާއެއް އޮވެ އެވެ.

މެދުއިރުމަތީގައި އަދި އަމިއްލަ ބިމުގައި ގޮތެއް ނެތިފައި ތިބިީ ފަލަސްތީންގެ ރައްޔިތުންނެވެ. އެ މީހުންގެ އަމިއްލަ ބިން ފޭރިގެން ތިބި ޔަހޫދީންނަށް ވުރެ ބިމުގެ ވަޒަންވެރިން މާނިކަމެއްޗެ އެވެ.

މިއީ ފަލަސްތީންގެ އާންމުންނަށް އދ އިން ޖައްސާފައި އޮތް ތުރާލެކެވެ. ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުން އދގެ ބޮލަށް ހުތްފިތައި -- ޔަހޫދީންނަށް މޮޅު ގޮތް ހަދައިދީފައި އޮތީ އެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ޖެހޭ ކަމަށް އދ އާއި އެމެރިކާ އަދި އިނގިރޭސިން މިހާރު ގޮވާއިރު، ޔަހޫދީން އަރަބިންގެ ބިންތަކުގައި ގޮވާންކުރީ އދގެ ފަހަތުގައި އެމެރިކާއާއި އިނގިރޭސިން ތިބެގެންނެވެ.

މިދިޔަ އަހަރު އޮކްޓޯބަރު ހަތަކުން ފެށިގެން ޔަހޫދީ އަސްކަރިއްޔާ އިން ޣާއްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 25،393 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މިއީ ވަކި އަދަދެއް ކަރުދާހުގައި ލިޔުމަށް ބޭނުންކުރާ އަދަދެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި ޣާއްޒާއިން މިއަށް ވުރެ ގިނަ މީހުން ވާނީ މަރުވެފަ އެވެ.