ރާއްޖޭގައި ފިލައިގެން އުޅޭ ބިދޭސީންނަށް ފަސޭހައިން އެކަން ކުރެވެނީ ދައުލަތާއި ކަމާ ގުޅުން ހުރި ފަރާތަތަކުން ކޮންމެވެސް ގޮތަކުން ހިމާޔަތް ދޭތީ ކަމަށް ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އަދުނާން ހަލީމް ވިދާޅުވެއްޖެ އެވެ.
އަވަސްގެ ފޭސް ޓު ފޭސް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަދުނާން ވިދާޅުވީ މަސައްކަތް ކުރަން ރާއްޖެއަށް ގެންނަ ބިދޭސީ މީހާ ފިލައިގެން ދިއުމުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށެވެ. އެމީހުންނަށް ފިލައިގެން މިނިވަންކޮށް އުޅެވެނީ ކޮންމެވެސް ބަޔަކު ހިމާޔަތް ދޭތީ ކަމަށާއި އެހެން ނޫންނަމަ އެގޮތަށް ނޫޅެވޭނެ ކަމަށް އަދުނާން ވިދާޅުވި އެވެ.
އަދުނާން މިހެން ވިދާޅުވެފައި ވަނީ ފިލައިގެން އުޅޭ ބިދޭސީންނާ މެދު ކަމާ ގުޅުންހުރި ފަރާތްތަކުން ފިޔަވަޅު ނޭޅުމާއި އަދި އެމީހުން މިނިވަންކަމާއެކު އުޅޭ މައްސަލައަށް ހައްލު ނުލިބޭތީ އެވެ.
އަދުނާން ވިދާޅުވީ މައްސަލައެއްގައި ތާށިވާ ބިދޭސީ މީހާގެ އަތުގައި ވިސާ އޮވެއްޖެނަމަ އަދި ކުންފުންޏެއްގައި ރަޖިސްޓްރީކޮށްފައި އޮންނަ މީހެއްނަމަ މައްސަލަ ވަރަށް ގޯސްވާ ކަމަށެވެ. ނަމަވެސް އެމީހުންގެ އަތުގައި ވިސާ ނެތި އަދި ކުންފުންޏެއްގައި ނޫޅޭނަމަ ކަމާ ގުޅުންހުރި ފަރާތްތަކަށް އެއްވެސް މައްސަލައަކަށް ނުވާ ކަމަށް ވިދާޅުވި އެވެ.
"ބިދޭސީއަކު ފިލީމަ ސަރުކާރުގެ ފަރާތުން ވެސް އަދި އެހެނިހެން ފަރާތްތަކުން ވެސް އޭނާ ދެން ވަރަށް ބޮޑަށް ބަލަހައްޓާ އޭނާ އަކީ ކޮންމެހެން ހުންނަން ޖެހޭ މީހެއްގެ ގޮތުގަ. އޭނާ މަސައްކަތްކުރުމުގެ ހުއްދަވެސް އޮންނަނީ ދީފަ. ފިލައިގެން އުޅެނީ މަޖީދީމަގުގައި. މީ ވަރަށް ހެއްވާ ވާހަކައެއް. ފިލާފަ ތިބެނީ އެކަމަކު ތިބެނީ މަޖީދީމަގުގައި. ފުލުހުން ވެސް ބުނަނީ ތިމަންނަމެންނަކަށް ނުފެނެއޭ،" އަދުނާން ވިދާޅުވި އެވެ.
މިދުވަސްކޮޅަކީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ކުރާ ދުވަސްކޮޅު ކަމުން ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ބިދޭސީން ފިލައިގެންދާ އަދަދު ވަނީ މައްޗަށް ގޮސްފަ އެވެ. އަދުނާން ވިދާޅުވީ ކޮންސްޓްރަކްޝަން ކުންފުނިތަކުން އަބަދުވެސް މަސައްކަތް ކުރަނީ ވީހާވެސް އެންމެ ކުޑައަގެއްގައި މަސައްކަތް ކޮށްދެވޭތޯ ކަމަށެވެ.
ނަމަވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މާކެޓަށް ނިކުމެ އެ މަސައްކަތުގެ އަގު ދަށްކޮށްލުމަކީ އިންޑަސްޓްރީއަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ. އެފަދަ މީހުން އެ މަސައްކަތް ނުއަގުގައި ކޮށްދެނީ އެއްވެސް އުސޫލެއްގެ ދަށުން ނޫން ކަމަށާއި އެ މަސައްކަތުން ދިގު މުއްދަތަކަށް ބަލާއިރު އެއްވެސް ފައިދާއެއް ވެސް ނުވާނެ ކަމަށެވެ.
މަސީގެ މެންބަރު ކުންފުނިތަކުން މަސައްކަތް ކުރަނީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ސަރުކާރާ ގުޅިގެން ރާއްޖެ ނާދެވޭނެހެން ޑީޕޯޓުކޮށްލުން ކަމަށްވެސް އަދުނާން ވިދާޅުވި އެވެ. ސަރުކާރާ ގުޅިގެން އެފަދަ މީހުންނަށް ގާނޫނުން އެޅުން ހުރި ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 24،000 ބިދޭސީން ފޮނުވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބޭރު މީހުންގެ މައްސަލަ ބޮޑުވެފައިވަނީ ޒަމާނުއްސުރެ އެކަން ހައްލުކުރަން މާބޮޑު މަސައްކަތެއް ކޮށްފައިނުވާތީ ކަމަށެވެ.