އަހުމަދު މޫސާ މުހައްމަދު

އަންމަޓީގެ ޝަރީއަތެއް މާދަމާ

Sep 11, 2021
1

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ)ގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކާ ގުޅިގެން މާދަމާ އަށް އަޑުއެހުމެއް ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި އަޑުއެހުން ފެށުމަށް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރު އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާތީ އަންމަޓީ މިވަގުތު ހުރީ ޖަލު ބަންދުގަ އެވެ. ދައުވާ އުފުލާފައިވާ މައްސަލަތަކުގައި އެހެން މީހަކު ޖާމިނުކުރުމަށްފަހު ބަންދުން ދޫކޮށްދިނުމަށް ވެސް ކޯޓުގައި އޭނާ ކުރިން އެދިފައިވެ އެވެ. ނަމަވެސް ދައުލަތުން އެކަމަށް އިއުތިރާޒު ކޮށްފައިވާތީ ބައެއް އިތުރު ކަންކަމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކުރެވެން ނެތް ކަމަށް ނިންމާފަ އެވެ.

ކްރިމިނަލް ކޯޓުގައި މީގެކުރިން ބޭއްވި މި މައްސަލައިގެ އަޑުއެހުމެއްގައި އަންމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ ތެރެއިން ދައުލަތުން ވަނީ ހަތަރު ދައުވާއެއް އިއްވާފަ އެވެ. އެ ދައުވާތައް އިއްވުމުން އަންމަޓީ ވަނީ އެ ދައުވާތައް ސާފުވި ކަމަށާއި ނަމަވެސް ދައުވާތަކަށް އިންކާރު ކުރާ ކަމަށް ބުނެފަ އެވެ.

އިއްވި ދައުވާތައް ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ވަނީ 24 ޝަފައީ ހެއްކަކާއި 16 ކިތާބީ ހެއްކެއް ކޮންމެ ދައުވާއަކަށް ހުށަހަޅާފަ އެވެ. ހުރިހާ ދައުވާއެއްގައި ގާތްގަނޑަކަށް ހުށަހަޅާފައި ވަނީ އެއް ހެކިތަކެވެ. ތަފާތު ވަނީ ބަދަލު ލިބޭ ފަރާތުގެ ހެކި ބަހެވެ. ކިތާބީ ހެކިންގެ ތެރެއިން ވެސް ތަފާތު ވަނީ ބަދަލު ލިބޭ ފަރާތުން ސީލައިފަށް ދައްކާފައިވާ 50،000ރ. ގެ ޕޭމަންޓް ރިސިޕްޓެވެ.

ދައުވާތަކަށް ފަހުން ޖަވާބުދާރީވެ، ދިފާއީ ހެކިން ހުށަހަޅަށް ގާޒީ ވަނީ ދައުވާ ލިބޭ އަންމަޓީ އަށް ފުރުސަތު ދީފަ އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް އަންމަޓީ ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުގެ ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

ދައުލަތުން އަންމަޓީގެ އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ.