މާރިޔާ އަހުމަދު ދީދީ

ރައްކާތެރިކަމަށް އިންޓެލިޖެންސްގެ ދައުރު ވަރަށް ބޮޑު: މާރިޔާ

Sep 11, 2021

ސިޔާސަތު ކަނޑައަޅާ މީހުންނަށް މަގުދައްކާ އަދި އާންމު ރައްޔިތުންގެ ދިރިއުޅުން ބައްޓަންކުރުމުގައި ސްޓްރެޓީޖިކް އިންޓެލިޖަންސްގެ ދައުރު ވަރަށް ބޮޑު ކަމަށާއި ބައިނަލްއަގްވާމީ ގޮތުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންޓެލިޖަންސްގެ ޙިއްސާ ވަރަށް ބޮޑު ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ވިހި ގައުމެއްގެ ޑިފެންސް އިންޓެލިޖަންސްގެ އިސްވެރިން ބައިވެރިވި 14 ވަނަ އިންޑޯ-ޕެސިފިކް އިންޓެލިޖަންސް ޗީފްސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަހަރުގެ ކޮންފަރެންސްގެ މައުލޫއަކީ "އޯވާކަމިން ގްލޯބަލް އިންޓެލިޖަންސް ޗެލެންޖަސް ތުރޫ ޕާޓްނާޝިޕްސް" އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ އިންޑިޔާ ކަނޑު ހިމެނޭ ސަރަހައްދުގައި އިސްތިރާޖީގޮ ތުން އައިސްފައިވާ މައިގަނޑު ބަދަލުތަކާއި ގޮންޖެހުންތަކުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ. އަދި މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދޭދޭ ގައުމުތަކުން ގުޅިގެން އިންޓެލިޖަންސް މައުލޫމާތާއި ބެސްޓް ޕްރެކްޓިސް ހިއްސާކުރުމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަދަ ގޮންޖެހުންތަކާ ދެކޮޅަށް ޓްރެއިނިންތައް ހިންގުމަކީ މި ސަރުކާރުން އަބަދުވެސް ބާރުއަޅުއްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

މި ކޮންފަރެންސް މެދުވެރިކޮށް އެކަން ކުރުމަށް އިތުރު ދޮރުތައް ހުޅުވިގެންދާނެކަމަށް އުންމީދު ކުރާ ކަމަށްވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކުގެ އަރައިގަތުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.